ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު ހެނދުނު ގަތަރުގެ ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ މިއީ ގަތަރުގެ ކުރީގެ އަމީރު، ޝެއިހް ހަމަދު ބިން ހަލީފާ އަލް ސާނީ އަވަހާރަވުމާއި ގުޅިގެން، އެމަނިކުފާނުގެ ދަރިކަލުން ގަތަރުގެ މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ތާނީ އާއި ޝާހީ އާއިލާއަށް އިހުތިރާމް ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އެމަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި ބޭރުގެ އެހެން އިއްޒަތްތެރިންވެސް ގަތަރަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމަށް ރައީސް އޮފީހުން ހާމަކުރިއެވެ.
އެމަނިކުފާނު އަވަހަރާވެފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އަދި އިއްޔެ މަޣްރިބް ނަމާދަށް ފަހު އެމަނިކުފާނުގެ ހަށިކޮޅު ވަނީ ފަސްދާނުލައިފައެވެ.
ޝެއިޚް ހަމަދު އަވަހާރަވުމާއި ގުޅިގެން ރައީސް ވަނީ އެމަނިކުފާނުގެ ދަރިކަލުން ގަތަރުގެ އަމީރަށާއި ޝާހީ އާއިލާއާއި އެގައުމުގެ ސަރުކާރުގެ އިތުރުން ރައްޔިތުންނަށް ތައުޒިޔާ ދަންނަވާފައެވެ.
"އަލްމަރުހޫމް ޝައިޚް ހަމަދު ބިން ހަލީފާ އަލް ސާނީއަށް ޖަންނަތުލް ފިރުދައުސްގެ އެންމެ މަތީ ދަރަޖަ ދެއްވައި، ރަހުމަތް ލައްވާށީ" ރައީސްގެ ތައުޒިޔާ މެސެޖުގައި ވިދާޅުވިއެވެ.
ޝެއިޚް ހަމަދަކީ ގަތަރުގައި 1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަރަހަށް ވެރިކަން ކުރެއްވި، އެގައުމު ޒަމާނީ ފެންވަރަށް ބިނާ ކުރުމުގެ އެންމެ އިސް ދައުރެއް އަދާ ކުރި މޭސްތިރިޔާއެވެ.




