ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިދާރީ އޮނިގަނޑާއި އެގްޒެކެޓިވް ލީޑާޝިޕް ޓީމަށް ބަދަލުތަކެއް ގެނެސްފި އެވެ.
ގައުމީ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިގެ ޒިންމާދާރުކަން އިތުރު ކުރުމަށާއި ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތްތައް އިތުރަށް ފަސޭހަކޮށް ހަލުވި ކުރުމަށްޓަކައި އިދާރީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެއީ ދެމެހެއްޓެނިވި ކުރިއެރުމަށާއި ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ހިދުމަތުގެ ފެންވަރު މަތީ ދަރަޖައަކަށް ގެންދިއުމަށް އެކުލަވައިލާފައިވާ ދުރުރާސްތާގެ ސްޓްރެޓެޖިކް އަމާޒުތަކާ އެއްގޮތަށް ބޭންކުގެ މަސައްކަތްތައް ބައްޓަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެގޮތުން ބީއެމްއެލްގެ ސީނިއާ މެނޭޖްމަންޓް ޓީމުގެ ހަތަރު މެންބަރަކު ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އެ ބޭފުޅުންގެ މަގާމުތަކާ ގުޅުންހުރި އެހެން ދާއިރާތަކުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ބަދަލާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވީ އިސް މަގާމުތަކުގެ ދައުރުތަކަށް ވަގުތީ ގޮތުން ބަދަލެއް ގެނައީ ލީޑަޝިޕް ވަރުގަދަކުރުމަށްޓަކައި ކަމަށެވެ.
އެއީ އެ މަގްސަދުގައި ކުރެވުނު މުހިންމު އިންވެސްޓްމަންޓެއް ކަމަށާއި ތަޖުރިބާކާރު ވެރިންނަށް އެ ފަރާތްތަކުގެ ދާއިރާ އާ ގުޅުންހުރި އެހެން ދާއިރާތަކުގެ ތަޖުރިބާ ހޯދައިދިނުމަކީ، އެ މަގާމްތަކަށް އައްޔަން ކުރެއްވި ބޭފުޅުންގެ ހުނަރު އިތުރުވުމުގެ އިތުރުން މުޅި މުއައްސަސާ އަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.
"މިއީ މި ޓީމަށް އަޅުގަނޑުމެންގެ އޮތް އިތުބާރާއި، ހުރިހާ ފަންތިއެއްގައި ދިވެހި ހުނަރުވެރި ވެރިން ބިނާކުރުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެއް." ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި އިދާރީ ގޮތުން ގެނައި ބަދަލާ ގުޅިގެން ކަސްޓަމަރުންނަށް އެ ބޭންކުން ފޯރުކޮށްދޭ ޕްރޮޑަކްޓްތައް ނުވަތަ އެއްވެސް ހިދުމަތްތަކަށް ބަދަލެއް ނާންނާނެ އެވެ.