ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ހުރިހާ މަސައްކަތެއް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރާ "ޕީޖީއޯ 2.0" ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.
ޕީޖީއޯ 2.0 ގެ ދަށުން ޕީޖީ އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް، އޮފީހުގެ މަސައްކަތުގައި ޕްރޮސިކިއުޝަން މަސައްކަތަށް ހާއްސަ ސޮވްރިން އޭއައި ބޭނުންކުރަން ފެށޭނެ ކަމަށާއި، ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ތެރެއަށް އޭއައި އިންޓަގްރޭޓްކުރެވޭނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
ޕީޖީއޯ 2.0 ލޯންޗުކުރުމަށް ބޭއްވި ޙަފްލާގައި، ޕީޖީ އޮފީހުގެ އާ ވެބްސައިޓު pgo.mv ވެސް ވަނީ އިފްތިތާޙުކޮށްފައެވެ. އެ ވެބްސައިޓް އިފްތިތާޙުކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.
މި ރަސްމިއްޔާތުގައި ހެއްކާ ބެހޭ ޤާނޫނުގެ މައްޗަށް ޕީޖީ އޮފީހުގެ އެކަޑަމީން ޝާއިއުކޮށްފައިވާ "އެވިޑެންސް އަ ޕްރެކްޓިޝަނަރ ގައިޑް" ފޮތް، އުއްތަމަ ފަނޑިޔާރު އަބްދުލް ޢަނީ މުހައްމަދު ވަނީ އިފްތިތާޙުކޮށްދެއްވާފައެވެ.
މީގެއިތުރުން، މި ރަސްމިއްޔާތުގައި ވަނީ ޕީޖީ އޮފީހުގެ ވާޗުއަލް ދޮރޯށިވެސް އިފްތިތާޙްކޮށްފައެވެ. މިކަން އިފްތިތާޙުކޮށްދެއްވީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ. މި ހިދުމަތަކީ ޕީޖީ އޮފީހުގެ ކައުންޓަރުތަކަށް ނުގޮސް އޮންލައިންކޮށް ހިދުމަތް ހޯދުމަށް މަގުތަނަވަސްކޮށްފައިވާ ހިދުމަތެކެވެ.
"ލެތުން"ގެ ނަމުގައި ހާއްސަ މޯބައިލް އެޕްލިކޭޝަނެއްވެސް ޕީޖީ އޮފީހުން ވަނީ އިފްތިތާހުކޮށްފައެވެ. މި އެޕް އިފްތިތާހުކޮށްދެއްވީ ބަންޑާރަ ނައިބް އަޙްމަދު އުޝާމެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމުގައި ބޭނުންކުރާ ހުރިހާ ޤާނޫނުތަކާއި ޤަވާއިދުތަކާއި އުޞޫލުތައް އަދި ކޯޓުގެ ނިންމުންތަކުގެ އިތުރުން އިނގިރޭސި ތަރުޖަމާވެސް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.




