ގައުމުގެ ކުރިމަގު އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށާއި ޒުވާނުންނަށް މަތީ ތައުލީމާއި ހުނަރު ތަރައްގީކުރުމުގެ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި، ރައީސް ވިދާޅުވީ ދިވެހި ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު އެއް ބާރު ކަމަށެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދިވެހި ޒުވާނުންގެ އުފެއްދުންތެރިކަމާއި ކަންކަމުގައި ކެތްތެރިކަމާއެކު ސާބިތުވެ ތިބުމާއި އެކަންކަން ހާސިލުކުރުމަށް ކުރާ ހިތްވަރަކީ މުޖުތަމައުތަކާއި މުޅި ގައުމު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަންކަން ކަމަށެވެ.
ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 45 އިންސައްތައަކީ ޒުވާނުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ގައުމުގެ ކުރިމަގު ބިނާވެފައިވަނީ ޒުވާނުންގެ އުއްމީދުތަކާއި ހުވަފެންތަކުގެ މައްޗަށް ކަމަށެވެ. އެހެންކަމުން، ޒުވާނުންނަށް މަތީ ތައުލީމާއި، ހުނަރު ތަރައްގީކުރުމުގެ ފުރުސަތުތަކުގެ އިތުރުން، މާނަހުރި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. އެގޮތުން ދީނީ، ތައުލީމީ، ސައިންސް އަދި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ހޯދަމުންދާ ކާމިޔާބީތަކާއި ކުރާ އުންމީދުތަކަށް ސާބަސްދެއްވައި، މި ކަންކަމުން ހެކިކޮށްދެނީ މި ޖީލުން ކާމިޔާބީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތައްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން، ތައުލީމީ ދާއިރާއިން އަމަލީ މަސައްކަތުގެ މައިދާނަށް ޒުވާނުން ނުކުތުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ "ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" އާއި "ނޭޝަނަލް ސާވިސް ޕްރޮގްރާމް" ފަދަ މަޝްރޫއުތަކަކީ ޒުވާނުން ބާރުވެރިކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ޒުވާނުންގެ އަތްމަތީގައި ރާއްޖޭގެ މިހާރާއި ކުރިމަގު އޮތީ އަމާންކަމާއި، ތަނަވަސްކަމާއި، އަދި ދެމެހެއްޓެނިވި ތަރައްގީގެ މަގުގައިކަން ޔަގީންކުރައްވާ ކަމަށެވެ. ޒުވާނުންގެ ހިޔާލުތަކާއި، އަޑާއި، އުންމީދުތަކަކީ، ގައުމީ ތަރައްގީއަށް އަގުހުރި އުންސުރުތަކެއް ކަމަށެވެ. އަދި ދިވެހި ޒުވާނުންގެ ބުންވަރާއި ވިލުންތެރިކަމަށް ތައުރީފުކުރައްވައި އެމަނިކުފާނު ވަނީ، ޒުވާނުންގެ އިހުލާސްތެރިކަމުގެ ބާރުން، ފުދުންތެރިކަމާއި، ވިލުންތެރިކަމާއި، ދެމެހެއްޓެނިވި ތަރައްގީގެ މަންޒިލަށް ގައުމު މިސްރާބު ޖަހާނޭކަން ޔަގީންކުރައްވާކަމަށް ވިދާޅުވެފައެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަސް، ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ޒުވާނުންނާ ގުޅުންހުރި މައްސަލަތަކާމެދު ހޭލުންތެރިކަން އިތުރުކޮށް، ބައިނަލްއަގުވާމީ ތަރައްގީގެ ބައިވެރިންކަމުގައި ވުމަށް ޒުވާނުންގެ ކިބައިގައިވާ ގާބިލިއްޔަތު ފާހަގަކުރުމަށެވެ. މި ދުވަހާ ގުޅިގެން ސަރުކާރުގެ އިސް ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވެސް ވަނީ ޒުވާނުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.




