ދިވެހި ދައުލަތަށް މެދުނުކެނޑި 41 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ކަށިމާ އަހުމަދު ޝާކިރަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް އަރުވައި, އިތުރު ހަތަރު ބޭފުޅަކަށް ޝަރަފުގެ އިނާމު މިއަދު ދެއްވައިފިއެވެ.
ކަށިމާ ޝާކިރަށް މި ޝަރަފް އެރުވީ ހއ. އުތީމުގައި މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ތައުލީމީ ހަޔާތްޕުޅަށް ބަލައިލާއިރު، ޝާކިރު ވަނީ، ބެޗްލާ އޮފް ޝަރީއާ އެންޑް ލޯގެ (އޮނަސް) ޑިގްރީ ޕުރޮގްރާމު ފުރިހަމަ ކުރައްވައި، ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދެއްވައިފައިވާ ބޭބޭފުޅުންގެ ލިސްޓުގައި ހިމެނިވަޑައިގެންފައެވެ. މިހާރު ޝާކިރަކީ، މާސްޓަ އޮފް ޝަރީއާގެ ޑިގްރީވެސް ހާސިލު ކުރެއްވި ބޭފުޅެކެވެ. ޝާކިރު ވިދާޅުވާގޮތުގައި، ބެޗްލަ އޮފް ލޯ ޕުރޮގުރާމާއި މާސްޓަ އޮފް ޝަރީއާ ޕުރޮގުރާމު ފުރިހަމަ ކުރެއްވީ ވިލާ ކޮލެޖުންނެވެ. ޑިގްރީ ކުލާސްތަކަށާއި، މާސްޓަސް ކުލާސްތަކަށް ކިޔަވައި ދެއްވަމުންވެސް މެއެވެ. މާސްޓަސް ޑިގްރީ ހާސިލުކުރެއްވީ ޝާކިރުގެ އުމުރުފުޅުން 69 އަހަރު ފުރުނު އަހަރުއެވެ.
ޝާކިރު ދައުލަތުގެ ހިދުމަތް ފެއްޓެވީ ޖުލައި 30، 1969 ގައެވެ. 41 އަހަރަށްވުރެ ގިނަ ދުވަހު މެދުނުކެނޑި ދައުލަތަށް ހިދުމަތް ކުރެއްވިއިރު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ އެކި މަގާމުތަކާއި، ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ އެގްޒެކެޓިވް ޑިރެކްޓަރުކަން ހިމެނޭހެން ގިނަ އިސް މަގާމުތަކެއް ވަނީ ފުރުއްވާފައެވެ.
ދައުލަތުގެ ހިދުމަތުން ވަކިވެވަޑައިގަތުމަށްފަހު، 12 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ވިލާކޮލެޖުގައި ކިޔަވައި ދެއްވައި، ސީނިއާ ކަރިކިއުލަމް ޑިވެލޮޕައެއްގެ މަގާމުގައި މަސައްކަތް ކުރައްވައިފައި ވެއެވެ.
1970 ގެ އަހަރުތައް ފެށުނު ތަނާހެން ރާއްޖެއިން ރޯމަސް ގަންނަން އައި ޖަޕާނުގެ މަރުބޭނީ ކޯޕަރޭޝަންގެ ހޯކޯމާރޫ 56 އަށް ސަރުކާރުން ފޮނުއްވި ދިވެހި ފަސް އޮފިޝަލުންގެ ތެރޭގައި ކަށިމާ އަހުމަދު ޝާާކިރު ހިމެނިގެން ދިޔުމަކީ، ދިވެހިބަހުގެ އަދަބިއްޔާތުގެ ލިޔުންތެރިކަމާއި، ތަރުޖަމާކުރުމާއި، ޅެން ހެއްދެވުމުގެ ރޮނގުން ކުރިއަށް ވަޑައިގަތުމަށް ލިބިވަޑައިގެންނެވި އިތުރު ފުރުސަތެކެވެ. އޭރު ލިބިވަޑައިގެންނެވި ހުސްވަގުތުތަކުގައި ލޯބީގެ ވާހަކައެއްކަމުގައިވާ "ގިވްމީ ބެކް މައިހާޓް" ދިވެހި ބަހަށް ތަރުޖަމާ ކުރައްވައި "އަހަރެންގެ ހިތް އަނބުރާ އަހަންނަށް ދޭށެވެ" އެ ތަރުޖަމާ، އެދުވަސްވަރު ނެރުނު ދުވަހު ނޫސް "ވިޔަފާރި މިއަދު" ގައި ޝާއިއު ކުރެއްވިއެވެ. އަދި ހަމައެއާއެކު މުޅި އެދަތުރުގެ ޔައުމިއްޔާވެސް ސަތޭކައަށްވުރެ ގިނަ ބައިތުގެ މައްޗަށް އެކުލެވޭ ޅެމެއް ލިޔުއްވައި، އެޅެން ދުވަހު ނޫސް "ވިޔަފާރި މިއަދު"ގައި ޝާއިއު ކުރެއްވިއެވެ.
އެދުވަސްވަރު ޝާކިރު ވަނީ ޖަޕާނު ބަސް ދަސްކުރެއްވުމުގެ މަސައްކަތްޕުޅު ކުރައްވާފައެވެ. ނަމަވެސް ބޯޓަށް ދިމާވި މައްސަލައަކާ ގުޅިގެން އަހަރެއްހައި ދުވަހުގެ މަސައްކަތަށްފަހު، އެނބުރި މާލެ ވަޑައިގަންނަވަން ޖެހިވަޑައިގަތެވެ.
މާލެ ވަޑައިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރިކިލެގެފާނުގެ ބެއްލެވުމުގެ ދަށުން ހިންގަވަމުން ގެންދެވި އޭ.ޓީ.އޭ (އަތިރީ މާފަންނުގޭ ޓްރޭޑިން އެކައުންޓް)ގެ ސެކްރެޓަރީއެއްގެ ގޮތުގައި ހުންނަވަނިކޮށް، އެމް.ޖީ.ބީ.އެސް.ގެ އެކައުންޓްސް ޑިވިޒަން އުފައްދަވައި، އެތާނގެ ސެކްރެޓަރީއަކަށް ޝާކިރު ބަދަލު ކުރެއްވިއެވެ.
ސަރުކާރުގެ ޗާޕުހާނާއިން ފެށުނު އަދަބީ ހަޔާތުގައި، ޅެންވެރިކަމާއި، ވާހަކަ ތަރުޖަމާކުރުމާއި، ތަމްސީލު ކުޅުމުގެ ރޮނގުން ޝާކިރަކީ ރާއްޖެ ދުށް ނަމޫނާ ޝަހުސިއްޔަތެކެވެ. ނަތީޖާއަކަށްވީ، ދިވެހިބަހުގެ މުއްސަނދި ބަސްކޮށާރުގެ ފުން ކަނޑުގެ ތެރެއިން އަދަބީ ރަންމުތްތަކެއް ހޯއްދެވުމުގެ ފުރުސަތު ލިބިވަޑައިގެން ދިވެހި އަދަބިއްޔާތުގެ ފަށުވި ޢިބާރާތްތަކަށް ލޯފުޅު ހުޅުވިގެން ދިޔުމެވެ.
ހަމައެއާއެކު އޮލިމްޕިއަންސްގެ ޝޯތަކާއި، "ކަލްޗަރަލް އެންޑް ޑްރެމެޓިކް ސޮސައިޓީ" (ސީ.ޑީ.އެސް.) މެދުވެރިކޮށް ރާއްޖޭގެ ތަމްސީލީ ފަންނު ކުރިއެރުވުމުގައި ބޮޑު ދައުރެއް އަހުމަދު ޝާކިރު އަދާކުރެއްވިއެވެ. އަދި ޓީވީ މޯލްޑިވްސްގެ ޕްރޮގްރާމް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައި، "ޣާޒީ ބަންޑާރައިން" ފަދަ މަޝްހޫރު ފިލްމުތަކުގެ ސްކްރީންޕްލޭ ލިޔުއްވައި، އެކްޓް ކުރައްވާފައިވެއެވެ.
1977ވަނަ އަހަރުގެ އެޕްރީލުމަހު މަޖީދިއްޔާގެ ރަން ޔޫބީލް ފާހަގަކުރުމަށް މަޖީދިއްޔާގައި ބޭއްވި "ތިން އުނދަގޫ" ތަމްސީލުގެ މުހިންމު ރޯލާއި، ޕޯޗުގީޒު އިސް އޮފިސަރުގެ ރޯލާއި، މަޖާ އެކުވެރިއެއްގެ ރޯލާއި، މިނޫންވެސް ތަފާތު މަންޒަރުތަކުން އެ ސްޓޭޖުން ފާހަގަކުރެވުނު އެންމެ މުހިންމު 5 މުމައްސިލުންގެ ތެރޭގައި ކަށިމާ ޝާކިރު ހިމެނިވަޑައިގެން އޭރުގެ ރައީސް އިބްރާހީމް ނާޞިރުގެ އެދިވަޑައިގަތުމަކަށް، އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން ހިންގަވަމުން ގެންދެވި އޮލިމްޕިއަންސްގެ ޝޯތަކުގައިވެސް ތަމްސީލުތައް ކުޅުއްވަމުން ގެންދެވިއެވެ. މަޝްހޫރު ޗިޅިޔާ މޫސާ މަނިކާއި، ކޮޕީ މުޙައްމަދު ރަޝީދާއި، މުޙައްމަދު ޝާހިދު ޙަލީމާއި، އަނޯނާ އިބްރާހީމް މޫސާއާއި، ކަށިމާ ޝާކިރު، ތަމްސީލު ކުޅުއްވުމުގެ ރޮނގުން ރާއްޖެއަށް މަޝްހޫރުވެގެން އައީ، މިހައި ހިސާބުންނެވެ.
އޮލިމްޕިއަންސްގެ ދައުރުނިމިގެން ދިޔުމާއެކު ޝާކިރާއި، ޝާކިރުގެ އެކުވެރި އަނެއް 4 ބޭފުޅުން ގުޅިވަޑައިގެން، ކަލްޗަރަލް އެންޑް ޑްރެމެޓިކް ސޮސައިޓީ (ސީ.ޑީ.އެސް.) ގެ ނަމުގައި ތަމްސީލު ކުޅޭނެ ޖަމާޢަތެއް އުފައްދަވައި، 10 އަހަރު ދުވަސްވަންދެން ކޮންމެ އަހަރަކު އޮލިމްޕަސް ސްޓޭޖުގައި ޝޯތައް ބާއްވަމުން ގެންދިޔައެވެ.
އޭގެ ފަހުން ޓެލެވިޒަން މޯލްޑިވްސްވެސް ވުޖޫދުވުމުން ޓީ.ވީ މޯލްޑިވްސްގެ ޕުރޮގުރާމު ޕްރޮޑިއުސަރަކަށް ބަދަލު ކުރެއްވިއެވެ. ޓީ.ވީ.އަށް ޕުރޮގުރާމުތައް ހެއްދެވުމާއި، ޑޮކިއުމެންޓްރީތަކަށް އަޑުއެޅުއްވުމާއި، ޓެލެޑްރާމާތަކަށް ސްކްރިޕްޓް ލިޔުއްވުމާއި، ވާހަކައާއި، ސްކްރީންޕްލޭ ލިޔުއްވުމުގެ މަސައްކަތް ފެށްޓެވިއެވެ. މީގެއިތުރުން، 1980 ގެ އަހަރުތައް ފެށުނުތަނާހެން، ޓީ.ވީ. މޯލްޑިވްސް އިން ތައްޔާރުކުރި "ޣާޒީ ބަންޑާރައިން"ގެ ފިލްމުގެ ޙަސަން ތަކުރުފާނުގެ ބައި އަދާކުރެއްވުމުގެ އިތުރުން، އެ ފިލްމުގެ ދެވަނަ އެޕިސޯޑުގެ ސްކްރީންޕްލޭ ލިޔުއްވުމާއެކު، އެ ފިލްމުގައި ބައިވެރިވި ތަރިން ތަމްރީނު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. "ދޮންހިޔަލައާއި އަލިފުޅު"، "ހިތިޑޮލަރު"، "ބަރާބަރު އެޖެންޓް"، "މާމުއި ހަނދު"، "މުށުންދޫވި ގުމްރީ"، "ތަރާގަނޑުގެ ކަށިގަނޑު" ފަދަ ފިލްމުތަކާއި، ޑްރާމާތަކަކީވެސް، ޝާކިރުގެ ސްކްރިޕްޓާއި، ސްކްރީންޕްލޭއާއެކު ތައްޔާރު ކުރެވިގެންދިޔަ ފިލްމުތަކާއި ޑްރާމާ ތަކެކެވެ.
ޙައްޖު ކޯޕަރޭޝަން އުފެއްދެވުމަށްފަހު، އެންމެ ފުރަތަމަ އެ ކޯޕަރޭޝަނުން މީހުން ޙައްޖަށް ގެންދެވި ދެ އަހަރު ކަމަށްވާ 2014 ވަނަ އަހަރާއި، 2015 ވަނަ އަހަރު، މާލޭގައްޔާއި، މައްކާގައްޔާއި، މަދީނާގައި ހުރިހާ ކަމެއް ރާއްވަވައިދެއްވައި، އިދާރީ ހުރިހައި ކަމެއްވެސް އިންތިޒާމު ކުރާނޭ ގޮތުގެ މައުލޫމާތު ދެއްވައި، ޙައްޖުވެރިންނާއެކުގައި އެ ދެ ދަތުރުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.
ވާހަކަ ދެއްކުމުގެ ފަންނުގައިވެސް ޝާކިރު ވަނީ، ކުރިބޯށްޓާހަމައަށް ވާސިލުވެ ވަޑައިގެންފައެވެ. އަދި ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން ބާއްވަވަމުން ގެންދެވި ވާހަކަދެއްކުމުގެ މުބާރާތާއި، ޅެން ހެދުމުގެ މުބާރާތާއި، ޅެން ހުށަހެޅުމުގެ މުބާރާތާއި، ފޮތް ލިޔުމުގެ މުބާރާތް ފަދަ މުބާރާތްތަކުން ރަންވަނަތަކެއް ހާސިލު ކުރައްވައިގެން، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ދެއްވި އެންމެ ގިނަ އިނާމު ހާސިލު ކުރެއްވި އެއްބޭފުޅަކަށް ވީވެސް ކަށިމާ އަޙްމަދު ޝާކިރެވެ.
މިހުރިހާ ދިމާއަކުން ޝާކިރުގެ ނަންފުޅުގެ އަޑު އިވެމުން ދިޔައިރު، މަދަރުސާތަކުގައި ކިޔަވައި ދެއްވުމުގެ މަސައްކަތް ހުއްޓަވައި ނުލައްވައި ކުރިއަށް ގެންދެވިއެވެ. އަދިވެސް ހުންނެވީ، ހަމަ އެގޮތުގައެވެ. މާލޭގައި އަމިއްލަ ފަރާތްތަކުން ހިންގަމުން ގެންދިޔަ ކުލާސްތަކާއި، މަދަރުސާތަކުގައި ދިވެހިބަހުގެ ޢިލްމު އުނގަންނަވައި ދެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން، ދިވެހިރާއްޖޭގެ ތާރީހާ ދިމާއަށް ޝާކިރުގެ ވިސްނުންފުޅުގެ ސަމުގާ އަނބުރުއްވައި ލެއްވިއެވެ. އެގޮތުން ރައީސް މައުމޫން ޢަބްދުލްގައްޔޫމުގެ ރިޔާސީ ދައުރުގައި ދެއްވި ފުރުސަތެއްގައި، ވިހިވަނަ ގަރުނުގެ 100 އަހަރު ދުވަހުގެ ތާރީހުފޮތް ކަށިމާ ޝާކިރު ވަނީ ލިޔުއްވާފައެވެ. މައުމޫންގެ ފުރަތަމަ 15 އަހަރުގެ ތާރީހު ފޮތްތައް ލިޔުއްވުމުގައި ބައިވެރިވެވަޑައިގެން "ވިހިވަނަ ގަރުނުގެ ތެރޭގައި ދިވެހިރާއްޖެ" މި ނަމުގައި 640 ސަފުހާ ހިމެނޭ އެއްގަރުނުގެ ތާރީހު ފޮތާއި، މި ސީރީޒްގެ އިތުރު 5 ވޮލިއުމްވެސް ލިޔުއްވައިފައި ވަނީ ކަށިމާ އަޙްމަދު ޝާކިރެވެ.
ދިވެހި ތާރީހީ ލިޔުންތެރިކަމުގެ ދާއިރާގައި، ދިވެހި ދައުލަތުގެ ތަފާތު ވުޒާރާތަކާއި ސަރުކާރީ ބައެއް ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތާރީޚީ ލިޔެކިޔުންތައް ތަރުތީބު ކުރައްވައި ފޮތްތަކެއްގެ ސިފައިގައި ނެރެދެއްވުމުގައި، ކަށިމާ އަހުމަދު ޝާކިރު ވަނީ ފާހަގަ ކޮށްލެވޭ ފަދަ ގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފައެވެ.
މީގެއިތުރުން "މަޖީދިއްޔާ ސްކޫލްގެ 75 އަހަރުގެ ތާރީހު ފޮތް" ފަދަ ފޮތްތަކުގެ އިތުރުން، ބައެއް އަތޮޅުތަކުގެ ރަށްރަށުގެ ތާރީހު ފޮތްތައްވެސް ޝާކިރު ވަނީ ލިޔުއްވައި ދެއްވައިފައެވެ. އަދި "ދިވެހިރާއްޖޭގެ ސިޔާސީ ތާރީހު"، މި ފޮތާއި، "އުސްތާޒުނާއި ޢާލިމުން އުދަބާއުނާއި ޝާޢިރުން"، މި ފޮތާއި، "ހުނަރުވެރިކަމާއެކު ވާހަކަދެއްކުން"، ފަދަ ފޮތްފޮތްވެސް އެ ލިސްޓުގައި ހިމެނެއެވެ.
ކަށިމާ އަޙްމަދު ޝާކިރު ލިޔުއްވި އެކިއެކި ބޭބޭފުޅުންގެ ބައޮގްރަފީގެ ތެރޭގައި، ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު، ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނ.ޣ.ޢ.ވ) ، އޮނަރަބްލް އަލްމަރުޙޫމް ޢުމަރު ޒާހިރު (ނ.ޢ.ޢ.ވ)، ޢަބްދުﷲ ސާދިޤް (ނ.ޢ.ޢ.ވ)، އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމް ފަދަ ބޭބޭފުޅުންގެ ފޮތްތައް ހިމެނެއެވެ.
2025ވަނަ އަހަރު، ޔޫ.އޭ.އީ.ގެ ޝާރުޖާގެ އިންސްޓިޓިއުޓް ފޮރ ހެރިޓޭޖުން އިންތިޒާމް ކުރައްވައިގެން ބޭއްވެވި، ޝާރުޖާ އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމްގެ ޝަރަފުވެރި ރާވީގެ މަގާމު ހާސިލު ކުރައްވައި، ޝާރުޖާގެ އަމީރު ޞާޙިބުއްސުމުއްވު އައްޝައިޚް އައްދުކްތޫރު މުޙައްމަދު ބިން ސުލްޠާން އަލްޤާސިމީގެ އަތްޕުޅުން ފަޚުރުވެރި އެވޯޑްވެސް ވަނީ، ޝާކިރު ހާސިލު ކުރައްވައިފައެވެ.
ކަށިމާ އަޙްމަދު ޝާކިރަކީ، ރައްޔިތުންގެ މަޖިލީހުގެ މާލެއަތޮޅު މެންބަރުކަމާއި، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މާލެއަތޮޅު މެންބަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. މިއަދުވެސް ހުންނެވީ ހަމަ ގައުމީ ހިދުމަތުގައި އަތުކުރި އޮޅާލައިގެންނެވެ. އެހެންކަމުން ރައީސް މުޢިއްޒު އުފައްދަވައިފައިވާ ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ދިވެހި ތާރީޚުގެ އިސްވާރެއްގެ އިތުރުން ޤައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއަރޕަރސަންވެސް ޝާކިރު ދަނީ އަދާކުރައްވަމުންނެވެ.




