އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭ ގޮތަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ. މި ބިލް ހުށަހެޅުމުގެ ބޭނުމަކީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ނިޒާމް ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، އެ ނިޒާމް އިތުރަަށް ހަރުދަނާ ކުރުން ކަމަށެވެ.
މި ބިލް ބަލައިގަންނަން ފެންނަ ކަމަށް 70 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
މަޖިލީހަށް މި ބިލް ބަލައިގަތުމަށް ފާސްވުމުން ދިރާސާކުރަން މުޅި މަޖިލީހުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
މި ބިލްގެ ފުރަތަމަ ކިޔުން އިއްވާ އިބްތިދާއީ ބަހުސް ފެށި މިއަދު އެވެ.
ބިލް ހުށަހަޅަމުން މެންބަރު މުހައްމަދު ދާއޫދު ވިދާޅުވީ މި އިސްލާހާއެކު ބޭރުގެ ބުކިން ޕްލެޓްފޯމްތައް ޓެކްސްގެ ނިޒާމުގެ ތެރެއަށް ވެއްދޭނެ ކަމަށެވެ.
މި އިސްލާހުގައި ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުވައިދޭ އިންބައުންޑް ޓޫރިޒަމް މުދަލާއި ހިދުމަތުން ޖީއެސްޓީ ނަގަން ފެށުމަށް ހުށަހަޅާފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މި އިސްލާހާއެކު އަހަރަކަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
މި އިސްލާހާ ގުޅޭ ކަންކަން ތަންފީޒު ކުރުމަށް މީރާ އިން ވަން އޮފް ހަރަދުގެ ގޮތުގައި 2.8 މިލިއަން އަދި މުވައްޒަފުންނަށް ރިކަރަންޓް ހަރަދުގެ ގޮތުގައި އަހަރަކު 5.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.




