twitterviber whatsapp telegramfacebookyoutube instagram
30th August 2026

އިންޖިނިއަރިންގެ އެކި ތަހުލީލުކުރެވޭ މަތީފެންވަރުގެ އިމާރާތެއް އަޅަނީ

Aug 30, 2026

ރާއްޖޭގެ އުމްރާނީ އަދި ފަންނީ ތަރައްގީގެ އާ ހަރުފަތަކަށް ގެންދިއުމުގެ މަގުސަދުގައި، އިންޖިނިއަރިންގެ ތަފާތު ދާއިރާތަކަށް ހާއްސަކޮށްގެން އެންމެ މަތީ ފެންވަރުގެ ލެބޯޓަރީއެއް ބިނާކުރައްވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

ގައުމީ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ރައީސުލްޖުމްހޫރިއްޔާ ދެއްވި ހިތާބުގައި، ސަރުކާރުގެ ބަޖެޓަށް ބާރުބޮޑުނުވާނެހެން، ދެމެހެއްޓެނިވި އުސޫލަކުން ފަންޑު ހޯދައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ގާއިމުކުރާ އިމާރާތުގައި، ސިވިލް، މެކޭނިކަލް އަދި އިލެކްޓްރިކަލް އިންޖިނިއަރިންގެ އިތުރުން ސޮފްޓްވެއާ އާއި ރޮބޮޓިކްސް އަދި އެއާކްރާފްޓް އިންޖިނިއަރިން ފަދަ ޒަމާނީ ރޮނގުތަކުން ތަހުލީލުތައް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި މިކަމަށް ބޭނުންވާ ފަންނީ ތައްޔާރީތަކާއި އިންވެސްޓްމަންޓް ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، އިންޖިނިއަރިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުން އަދާކުރަނީ ވަރަށް ބުރަ އަދި މުހިންމު މަސްއޫލިއްޔަތެކެވެ. އަދި ރާއްޖެއަށް މި ދާއިރާތަކުން ގިނަ އަދަދަކަށް ދިވެހި ޒުވާނުން ބޭނުންވާކަން ފާހަގަކުރައްވައި، މަތީ ތަޢުލީމު ހާސިލްކުރާ ދިވެހިން އިތުރުކުރުމަށް ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

"މިކަމަށް ޓަކައި ބޭނުންވާ އިންވެސްޓްމަންޓުގެ މަސައްކަތް ސަރުކާރުން ކުރިޔަށްގެންދާނެ. މިކަން ކުރިޔަށްގެންދާނީ ސަރުކާރުގެ ބަޖެޓަށް ބުރަނުވާނެ ގޮތަކަށް ދެމެހެއްޓެނިވި ގޮތެއްގައި. އިރާދުކުރެއްވީއްޔާ މިކަންވެގެންދާނީ ދިވެހިރާއްޖޭގެ އެކިއެކި އިންޖިނިއަރިންގެ ދާއިރާތަކުން ކިޔަވަން ބޭނުންވާ ކުދިން އިތުރުވެގެން ދިއުމަށާއި އަދި ރާއްޖެއަކީ އިންޖިނިއަރިންގެ އެކި ފީލްޑުތަކުގައި ތަރައްޤީވެގެން މަތިވެދާނުގައި ވަރަށް މަތިފެންވަރަކަށް ގެންގޮސްދެވޭނެ ކަމަކަށް،" ރައީސް ވިދާޅުވިއެވެ.

މި އިމާރާތުގެ ބޭނުމަކީ ރާއްޖޭގެ ދަރިވަރުންގެ އިތުރުން ބޭރު ގައުމުތަކުން ވެސް ރާއްޖެއަށް އައިސް ދިރާސާތައް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަޝްރޫއުގެ ފަންނީ މަސައްކަތްތަކާއި އިންވެސްޓްމަންޓްގެ ކަންކަން ކުރިއަށް ގެންދާނީ ސަރުކާރުގެ ބަޖެޓަށް ބުރަނުވާނެ ގޮތަށް، ދެމެހެއްޓެނިވި އުސޫލުން ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން އިންޖިނިއަރިން ދާއިރާއިން ކިޔަވަން ބޭނުންވާ ކުދިންނަށް ބޮޑު ހިތްވަރެއް ލިބި، މި ފީލްޑްތަކުގައި ރާއްޖެ ވަރަށް މަތީ ފެންވަރަކަށް ތަރައްގީވާނެއެވެ.

މެސެޖު ނިންމަވާލައްވަމުން ރައީސް ވަނީ ރާއްޖޭގެ ހުރިހާ އިންޖިނޭރުންނަށާއި، މި ދާއިރާއިން ކިޔަވަމުންދާ ދަރިވަރުންނަށް އަދި މީހުން ބިނާކުރުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ދުވަހުގެ ހެޔޮއެދުމާއި ޝުކުރު އަދާކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355