twitterviber whatsapp telegramfacebookyoutube instagram
30th August 2026

ގައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހުގެ ލޭންގްވިޖް ސެންޓަރު ހުޅުވައިފި

'ކުޅުދުއްފުށީ ކެމްޕަހަކީ މުޅި އުތުރު ސަރަހައްދުގެ ތައުލީމީ އަދި މައި މަރުކަޒަށް ހެދުމަކީ އަޅުގަނޑުމެންގެ ވިސްނުން. އަޅުގަނޑުމެންގެ ކެމްޕަސްތަކަކީ އެ ސަރަހައްދުގެ ބޭނުންތަކަށް ހިދުމަތްދޭ އަދި އަބަދުވެސް އުނގެނުމުގެ ފުރުސަތު ފަހިކޮށްދޭ ތަންތަނަށްވާނެ.' ވައިސް ޗާންސެލަރ ޑރ ޝެހެނާޒް.

އަބްދުލް ވާހިދު ޙަސަން
Aug 30, 2026

ގައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހުގައި ގާއިމުކުރި ލޭންގްވިޖް ސެންޓަރު ހުޅުވައިފި އެވެ. މި ސެންޓަރު ހުޅުވައިދެއްވީ މިއަދު ހެނދުނު އެކަމަށްޓަކާ އެ ކެމްޕަހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވައިސް ޗާންސެލަރ ޑރ އައިޝަތު ޝެހެނާޒް އާދަމެވެ.

ލޭންގްވިޖް ސެންޓަރު ނުވަތަ ބަސް ދަސްކުރާ މަރުކަޒު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވައިސް ޗާންސެލަރ ޑރ ޝެހެނާޒް ވިދާޅުވީ، މި ސެންޓަރަކީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އެމްއެންޔޫގެ ލޭންގްވިޖް ސެންޓަރުތައް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުގެ ބައެއް ކަމަށެވެ.

މި ސެންޓަރަކީ ގައުމީ ޔުނިވާސިޓީގެ ހިދުމަތްތައް ރައްޔިތުންނާ ގާތަށް ގެންގޮސްދިނުމަށް ކުރާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށާއި މިއަދު ހުޅުވިގެން މިދިޔައީ އުތުރުގެ ސަރަހައްދަށް ހާއްސަކޮށްގެން ގާއިމުކުރާ މަރުކަޒު ކަމަށް ޑރ ޝެހެނާޒް ވިދާޅުވި އެވެ.

"މި މަސައްކަތް ހަގީގަތަކަށް ވެގެންދިޔުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އެމްއެންޔޫ އިން މިފަދަ މަރުކަޒުތައް ގާއިމުކުރުމުގެ އެންމެ މުހިންމު ބޭނުމަކީ މިތަނުން ދޭނެ ހިދުމަތް. މިތަނުގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ކުރިއެރުމާއި ދަސްވާނެ ހުނަރުތަކާއި މި ހުނަރުތަކުން ހުޅުވޭނެ ފުރުސަތުތައް." ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ ޝެހެނާޒް ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސޯދުގެ މައިބަދައަކީ ފަތުރުވެރިކަން ފާހަގަކުރައްވަމުން ޑރ ޝެހެނާޒް ވިދާޅުވީ، ކޮންމެ އަހަރަކު ދުނިޔޭގެ އެކި ގައުމުތަކުން އެތައް ބަޔަކު ރާއްޖެ އަންނައިރު ބޭރު ބަސްބަހުން ވާހަކަދައްކަން އެނގުމަކީ އެ މީހުންނަށް ދިވެހިންގެ މެހެމާންދާރީ އެންމެ ފުރިހަމައަށް ދިނުމަށް ލިބޭނެ ބާރެއް ކަމަށެވެ.

"މިއީ "ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް އެކަނި ހާއްސަ ކަމެއް ނޫން. އެއާޕޯޓް، ކަސްޓަމްސް. އިމިގްރޭޝަން، ފުލުހުން. އަދި ހޮސްޕިޓަލްތަކާއި ވިޔަފާރިތަކުގައި އުޅޭ ފަރާތްތަކީވެސް ކޮންމެ ދުވަހަކު ބޭރު މީހުންނާ މުއާމަލާތް ކުރަން ޖެހޭ ބައެއް." ޑރ ޝެހެނާޒް ވިދާޅުވި އެވެ.

މި ސެންޓަރަކީ ހަމައެކަނި އެމްއެންޔޫގެ ދަރިވަރުންނަށް އެކަނި އޮތްތަނެއް ނޫން ކަމަށާއި މުޅި މުޖުތަމައުއަށާއި ވަޒީފާ އަދާކުރާ ފަރާތްތަކަށްވެސް ބަހުގެ ހުނަރު އިތުރުކުރަން ހުޅުވުނު ފުރުސަތެއް ކަމަށެވެ. ޑރ ޝެހެނާޒް ވިދާޅުވީ މިއަހަރުގެ އޮކްޓޯބަރުމަހު މި ސެންޓަރުން ބަސް ކިޔެވުމުގެ ކޯސްތައް ފަށަން ދަނީ ތައްޔާރުވަމުން ކަމަށާއި 2027 ވަނަ އަހަރާ ހަމައަށްދާއިރު މި ފުރުސަތު އިތުރަށް ފުޅާކުރާނެކަމަށް އެކަމަނާ ވިދާޅުވި އެވެ.

ޑރ ޝެހެނާޒް ވިދާޅުވީ، މި ސެންޓަރު ޗައިނީސް ބަހާއި އެހެނިހެން އިތުރު ބަސްތައް ކިޔެވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި އުތުރު ސަރަހައްދުގެ ޑިމާންޑަށް ބަލައި އިތުރު ކޯސްތައް ތައާރަފުކުރަމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ. އުނގެނުމުގެ ފުރުސަތު ހުރިހާ ފަރާތްތަކެއްވެސް ހިފުމަށް އޭނާ އެދިލެއްވި އެވެ.

"ކުޅުދުއްފުށީ ކެމްޕަހަކީ މުޅި އުތުރު ސަރަހައްދުގެ ތައުލީމީ އަދި މައި މަރުކަޒަށް ހެދުމަކީ އަޅުގަނޑުމެންގެ ވިސްނުން. އަޅުގަނޑުމެންގެ ކެމްޕަސްތަކަކީ އެ ސަރަހައްދުގެ ބޭނުންތަކަށް ހިދުމަތްދޭ އަދި އަބަދުވެސް އުނގެނުމުގެ ފުރުސަތު ފަހިކޮށްދޭ ތަންތަނަށްވާނެ." ޑރ ޝެހެނާޒް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް އާއި ކައުންސިލަރުންނާއި މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355