އެކި ބޭނުންތަކަށް ފަޅުރަށްރަށާއި ފަޅު އެކަށައެޅުމުގެ ބާރު ރައީސުލްޖުމަހުރިއްޔާއަށް ލިބޭ ގޮތަށް ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ވަކި ރަށަކާ ގުޅިފައިނުވާ ފަޅުގެ ސަރަޙައްދުތައް އެކިއެކި ބޭނުންތަކަށް އެކަށައެޅުމާއި، ކުއްޔަށްދިނުމާއި، ވަރުވާއަށް ލިޔެދިނުމާގުޅޭ އުސޫލުތައް ބަޔާންކުރާ "ފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު" ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަސްދީޤުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރައްވާފައިވަނީ، މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވިހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާ ބެހޭ ޤާނޫނު. pic.twitter.com/53Hac1CgTo
— Min of Fisheries, Agriculture and Ocean Resources (@MFAORmv) August 31, 2026
ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ފާސްކުރި މި އާ ގާނޫނަށް އަމަލުކުރަން ފަށަން ނިންމާފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
މި ގާނޫނުގެ ދަށުން ފަތުރުވެރިކަމާއި، ސިނާއީ މަސައްކަތްތަކާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން އިޖުތިމާއީ އަދި ދައުލަތުގެ ބޭނުންތަކަށް ފަޅުރަށްރަށާއި ފަޅުތައް ދޫކުރުމުގެ ފުރިހަމަ ބާރު ރައީސަށް ލިބިދެއެވެ. އެގޮތުން ފަޅުރަށް ދޫކުރާނެ ބޭނުމާއި، ހަވާލުކުރާނެ އިދާރާއެއް ކަނޑައެޅުމުގެ އިތުރުން، އެ ތަންތަން އަނބުރާ ދައުލަތަށް ނެގުމުގެ ބާރު ވެސް މަތިކޮށްފައި ވަނީ ރައީސަށެވެ.
އާ ގާނޫނުގައިވާ ގޮތުން ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަކަށެވެ. ނަމަވެސް ކަމާގުޅޭ މިނިސްޓްރީއަކަށް ނުވަތަ ލޯކަލް ކައުންސިލްތަކަށް މި މުއްދަތު 50 އަހަރަށް އިތުރުކޮށްދެވިދާނެއެވެ.
ކުއްޔަށް ދޫކުރާ އަގުތަކަށް ބަލާއިރު، ސިނާއީ އަދި އިގުތިސާދީ ބޭނުންތަކަށް އަކަމީޓަރަކަށް އަހަރަކު ތިން ރުފިޔާ، މަސްވެރިކަމާއި ދަނޑުވެރިކަމަށް 2.50 ރުފިޔާ، އަދި އިޖުތިމާއީ ބޭނުންތަކަށް އަކަމީޓަރަކަށް ދެ ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން މަސްވެރިކަމުގެ ބޭނުމަށް ފަޅެއް ކުއްޔަށް ދެވޭނީ އަކަމީޓަރަކަށް 0.50 ރުފިޔާގެ މަގުންނެވެ.
މި ގާނޫނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ތާވަލާއި ފަޅުރަށްރަށުގެ ތަފްސީލު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓަ ޖެނެރަލްގެ އޮފީހާ ހިއްސާކުރަންޖެހެއެވެ.




