twitterviber whatsapp telegramfacebookyoutube instagram
1st September 2026

ޑޮލަރުން މުސާރަދިނުން ހުއްޓައިގެން ނުވާނެ: ރައީސް

ނަބީލާ އިސްމާޢީލް
Aug 31, 2026

ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް މާރު ކުރިޔަސް އެއްވެސް ދައްޗެއް ނުވާނެ ކަމަށާއި ރިސޯޓު މުވައްޒަފުންނަށް މުސާރަ ވެސް ޑޮލަރުން ދެވޭނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ބިލު ތަސްދީގުކުރެއްވުމަށް މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މިއަދު ތަސްދީގުކުރެވުނު ބިލުގެ ދަށުން ރިސޯޓުތަކުން ކުރިން ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އޮތުން ބަދަލުވެ، ޖުމްލަ އާމްދަނީގެ 40 އިންސައްތަ މާދަމާއިން ފެށިގެން ބޭންކުތަކަށް މާރުކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް، ކެޓަގަރީ ބީ ނުވަތަ ގެސްޓްހައުސް ވިޔަފާރިތަކަށާއި، މި ދާއިރާގައި މަސައްކަތްކުރާ އެއްވެސް ދިވެއްސަކަށް މިހާރު ޤާނޫނުގައި އޮތް މިންވަރަށް ބަދަލެއް ނާންނާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާޢަތަށް މިދިޔަ އަހަރު 5.6 ބިލިއަން ޑޮލަރު ލިބުނު ނަމަވެސް، ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަދެފައިވަނީ އޭގެ ތެރެއިން އެންމެ 3.8 ބިލިއަން ޑޮލަރު ކަމަށެވެ. އަދި އޭގެ ތެރެއިން ވެސް މާރުކޮށްފައިވަނީ އެންމެ 21 އިންސައްތަ ކަމަށް ވިދާޅުވިއެވެ.

މި އާ އިސްލާހުގެ ސަބަބުން ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވެ، އެމްއެމްއޭ މެދުވެރިކޮށް ރާއްޖެއަށް މުދާ އިމްޕޯޓްކުރުމަށާއި، ވިޔަފާރިވެރިންނަށް ޓީޓީ ހެދުމުގައި ހާއްސަކޮށް އަސާސީ މުދާ އެތެރެކުރުމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ބައެއް ރިސޯޓު ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، މި ބަދަލަކީ އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ފަދަ ކަމާބެހޭ އިދާރާތަކުން ހިސާބުތަކާއި ތަފާސްހިސާބުތައް ވަރަށް ރަނގަޅަށް ދިރާސާކުރުމަށްފަހު ގެނައި ބަދަލެއް ކަމަށެވެ.

"މިއީ ހަމަ ތިބެފައި ކުރި ކަމެއް ނޫން. މިކަމުގެ އިލްމީ، ފަންނީ، ގާބިލު ފަރާތްތައް މިކަމުގައި ހުރިހާ މަސައްކަތެއް ކޮށްފައި ވަނީ. އެމްއެމްއޭ، ފިނޭންސް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީން، ކަމާބެހޭ ހުރިހާ މިނިސްޓްރީތަކުން. މިކަމުގައި މަސައްކަތް ކޮށްފައި ވަނީ ހިސާބުކިތާބު ބަލައިފައި. ސްޓެޓިސްޓިކަލް މައުލޫމާތު އެއްކޮށްގެން،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް އަދަބުވެރިކަމާ އެކު ދަންނަވާލަން، ރިސޯޓުތަކުން 40 ޕަސެންޓު މާރުކުރުމަކަށް އެއްވެސް ދަތިކަމެއް ނޯންނާނެކަން އަޅުގަނޑުމެންނަށް ޔަގީންކަމާ އެކީގައި އެނގޭ. ރިސޯޓުތައް ހަދަން ނަގާފައިވާ ލޯނުތައް ދެއްކުމަށް ނުވަތަ މުވައްޒަފުންނަށް މުސާރަ ދިނުމަށް ނޫނިއްޔާ އޮޕަރޭޝަނަލް އެކްސްޕެންސްތަކަށް އެއްވެސް ދައްޗެއް ނުވާނެ 40 ޕަސެންޓު މާރުކޮށްގެން. އެއީ ޔަގީން ކަމެއް."

މީގެއިތުރުން، ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން ލިބެންޖެހޭ މުސާރަ ޑޮލަރުން ދިނުން އެއްގޮތަކަށް ވެސް ހުއްޓާލައިގެން ނުވާނެ ކަމަށާއި، އެކަން ކުރުމަކަށް އެއްވެސް އުޒުރެއް ނެތް ކަމަށް ވިދާޅުވެ ރައީސް ވަނީ މުވައްޒަފުންގެ ހައްޤުގައި ވަކާލާތުކުރައްވާފައެވެ. މުވައްޒަފުންގެ މުސާރައާއި ލޯނުތައް ދެއްކުމަށްފަހު ވެސް 40 އިންސައްތަ މާރުކުރެވޭނެ ތަނަވަސްކަން ހުންނާނެކަން ފާހަގަކުރައްވައި، ރައީސް ވަނީ ހުރިހާ ފަރާތްތަކުން ވެސް ގާނޫނަށް ފުރިހަމައަށް ތަބާވެ، ގައުމީ އަދި ވިޔަފާރީގެ ޒިންމާ އަދާކުރުމަށް އިލްތިމާސްކުރައްވާފައެވެ.

އަދި މި ގާނޫނު ތަންފީޒުކުރުމުގައި އެމްއެމްއޭ އަދި ކަމާބެހޭ އިދާރާތަކުން ފުރިހަމަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ފަރާތްތަކުން ވެސް ޤާނޫނަށް ފުރިހަމައަށް ބޯލަނބާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355