ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުން ލާޒިމުވާ ގޮތަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
މި އިސްލާހުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެއްޓުމަށްޓަކައި، އޯފްޝޯ ބުކިން ޕްލެޓްފޯމްތަކާއި، ފޮރިން ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް ގާނޫނުގައި ބަޔާންކުރުމާއި، ޓެކްސް ނެގުމުގެ ނިޒާމު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އެ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ.
މި އިސްލާހާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއިން އަލަށް ޖީއެސްޓީ ނެގޭނެ މުދަލާއި ހިދުމަތުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ރާއްޖޭގައި ވިޔަފާރީގެ ދާއިމީ މަރުކަޒެއް ނެތް ފަރާތްތަކުން ފޯރުކޮށްދޭ އިންބައުންޑް ޕްރޮޑަކްޓްތައް ކަމަށްވާ، ހުރުމާއި ކެއުން، ދަތުރުފަތުރު އަދި އެނޫންވެސް ފަތުރުވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށެވެ.
މި ޓެކްސް ނެގުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ޓެކްސް ނަގާ ރޭޓް ކަމުގައިވާ 17 އިންސައްތައިގެ ރޭޓުންނެވެ.
އަލަށް ތައާރަފްކުރެވޭ ޓެކްސް ނަގަން ފަށާނީ، މި އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އަދި މި އިސްލާހާ ގުޅިގެން އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތަކާއި، ގާނޫނުގެ ދަށުން އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންޖެހެ އެވެ.




