twitterviber whatsapp telegramfacebookyoutube instagram
5th September 2026

މިއަހަރު އިތުރަށް މުވައްޒަފުން ނަގާނީ ސިއްހީ ދާއިރާއިން އެކަނި: ރައީސް

ނަބީލާ އިސްމާޢީލް
Sep 4, 2026

މި އަހަރުގެ ތެރޭގައި ސަރުކާރުގެ ވަޒީފާތަކަށް އިތުރަށް މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ސިއްހީ ދާއިރާއަށް ކަމަށާއި، އެގޮތުން މިހާރު ވެސް އިތުރު މެޑިކަލް އޮފިސަރުން ހޯދުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް އަޑުއެއްސެވުމަށް ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ ތިންވަނަ އެޕިސޯޑުގައި ހުޅުމާލެ ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރަކު ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުންނެވެ.

އެ ބައްދަލުވުމުގައި ވާހަކަދެއްކެވި ޑޮކްޓަރު ވަނީ، ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާ މިންވަރާ އަޅާބަލާއިރު ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މަދުކަން ފާހަގަކުރައްވާފައެވެ. އަދި މަތީ ތައުލީމު ހާސިލުކުރުމަށް މިދިޔަ އަހަރުގެ ފަހުކޮޅު ގިނަ އަދަދެއްގެ މެޑިކަލް އޮފިސަރުން ވަކިވުމާ ގުޅިގެން ހިދުމަތް ދިނުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ސިއްހީ ދާއިރާއަށް ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަން ހައްލުކުރުމަށްޓަކައި މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި މި އަހަރު އަލަށް މުވައްޒަފުން އިތުރުކުރުމަށް ނިންމާފައިވަނީ ހަމައެކަނި ސިއްހީ ދާއިރާއަށް ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް 2000 މުވައްޒަފުން ސިއްޙީ ދާއިރާއަށް އިތުރުކުރާނެކަމަށާ، މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާނީ އެކި ބެޗްތަކަށް ބަހާލައިގެންކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އާންމު ބަލިތަކާއި ކުދިކުދި ފަރުވާތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ހުޅުމާލެ ފިޔަވަހި 1 އަދި ފިޔަވަހި 2 ގައި ޖީޕީ ކްލިނިކް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ތަންތަން ނިމި ހިދުމަތް ފެށުމުން އެ ކްލިނިކްތަކަށްވެސް އިތުރު މުވައްޒަފުން ހަމަޖައްސަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

"ރައްޔިތުންގެ އަޑު" ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް ޝަކުވާއާއި ހިޔާލު ހުށަހެޅުމަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކެކެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް ރައީސާ ވާހަކަދެއްކުމަށް 10 މިނެޓުގެ ވަގުތެއް ލިބެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355