ސަރުކާރުގެ އެކި ވުޒާރާތަކުގައި ސިޔާސީ މުވައްޒަފުންގެ ގޮތުގައި ތިއްބެވި 200 އަށް ވުރެ ގިނަ މީހުން އެ މަގާމްތަކުން ވަކިކޮށްފައިވާ ކަމަށް ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަރީފް ހުސެއިން (މުންދު) ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާއެކު ކޮންމެ ހަފްތާއަކު ބާއްވާ ބައްދަލުވުމަށް "އަދަދު" ގެ ނޫސްވެރިއަކު އައުމުން އެ ބައްދަލުވުން ކެންސަލް ކުރުމަށް ފަހު ޕީއެސްއެމް ސްޓާފުންގެ ކެފޭ ތެރޭ ނުރަސްމީ ގޮތެއްގައި އިއްޔެ ބޭއްވި ސައެއްގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ ޕަފޯމަންސް އިވެލުއޭޝަން ހެދުމުގެ މަސައްކަތް އަދިވެސް ވަރަށް ފުޅާކޮށް ކުރިޔަށްދާ ކަމަށެވެ.
"މިހާރު 205 މުވައްޒަފުން އުނިކޮށްފި، ތިން ހަތަރު މަސް ތެރޭގައި. އެއީ ސްޓޭޓް މިނިސްޓަރުން، ޑެޕިއުޓީ މިނިސްޓަރުން، ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި ޕޮލިޓިކަލް ޑިރެކްޓަރުން. އެ މަސައްކަތް އަދިވެސް ނުނިމޭ އެ މަސައްކަތް ނިމުނީމަ އުނިވި އަދަދު ވެސް ދަންނަވާނަން." މުންދު ވިދާޅުވި އެވެ.
ގާނޫނުއަސަސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބޭ ބާރުގެ ތެރެއިން އައްޔަން ކުރާ ސިޔާސީ މުވައްޒަފުން ވަކި ކުރުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު ފެއްޓެވީ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ޕީއެންސީ އަށް ބޮޑު ނާކާމިޔާބީއެއް ލިބުމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އަދަދު 700 އަށް ވުރެ އިތުރު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެތައް ހާސް ސިޔާސީ މުވައްޒަފުން ތިބި ކަމަށް އެކި ފަރާތްތަކުން ބުނަމުންދާއިރު ސަރުކާރުން ތަކުރާރުކޮށް ގެންދިޔައީ ސީދާ އަދަދު ހާމަ ނުކޮށް ސިއްރު ކުރަމުންނެވެ.