twitterviber whatsapp telegramfacebookyoutube instagram
11th September 2026

މެލޭޝިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅުގައި ރާއްޖެއާއެކު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރަނީ

Sep 11, 2026

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އަންނަ ހަފުތާގައި ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި މުހިންމު ދާއިރާތަކުން އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، ބޮޑުވަޒީރު އަންވަރު ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

ބޮޑުވަޒީރު އަންވަރު ރާއްޖެ ވަޑައިގަތުމުގެ ދައުވަތު އަރުވާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ރައީސް މެލޭޝިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކަމަށާއި މިއީ މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަގާމާ ނޮވެމްބަރު 2022 ގައި އަންވަރު ހަވާލުވެވަޑައިގަތުމަށް ފަހު، ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމަށް ވެސް ރައީސް އޮފީހުން ފާހަގަކުރި އެވެ.

މި ދަތުރުފުޅުގައި ބޮޑުވަޒީރު އަންވަރު ރައީސް މުއިއްޒާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވަވާ އެބައްދަލުވުންތަކުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުމާއި ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އާ ދޮރުތައް ހުޅުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ބުންޏެވެ.

މީގެ އިތުރުން، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބައެއް މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް، އެ އެއްބަސްވުންތަކުގެ އިތުރު ތަފުސީލެއް ރައީސް އޮފީހުން އަދި ނުދެ އެވެ.

ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ 1968 ގަ އެވެ.

އަންވަރުގެ މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރަކު ނުވަ އަހަރު ފަހުން ރާއްޖެއަށް ކުރައްވާނެ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން 2017 ވަނަ އަހަރު ރާއްޖެ ވަޑައިގަތީ މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު ނަޖީބް ރަޒާގެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293