ބީއެމްއެލް މެދުވެރިކޮށް ކުރާ ޑޮލަރު ޓްރާންސްފާތަކަށް ހޭދަވާ ވަގުތު އަންނަ ހަފްތާގެ ނިޔަލަށް އާންމު ހާލަތަށް ގެނެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މި މަހަކީ އާންމުކޮށްވެސް ޑޮލަރުގެ ތާށިކަން އެންމެ ބޮޑަށް ކުރިމަތިވާ އެއް މަހެވެ. އޭގެ ސަބަބުން ބޭންކަށް އޮތް ގޮންޖެހުންތައް ވަނީ އިތުރުވެފަ އެވެ.
އެގޮތުން މިދިޔަ މަހުގެ ނިޔަލަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 81.6 މިލިއަން ޑޮލަރު ބޭންކުން ވިއްކާފައިވާއިރު، މި އަހަރު އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 653 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 33.33 ޕަސެންޓު އިތުރުވުމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
"މި ނިސްބަތުން ބޭންކުން ޑޮލަރު ވިއްކުން ކުރިއަށްގެންދާނަމަ، މިއަހަރު ނިމެންވާއިރަށް ވިއްކާ ޑޮލަރުގެ އަދަދު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވޭ." ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި ބޭންކަށް މާރުކުރާ ޑޮލަރާ އަޅާބަލާއިރު އެ މިންވަރަށް ރުފިޔާ އަށް ޑޮލަރު ވިއްކިގެން ބޭރުވުމަކީ ދެމެހެއްޓެނިވި ކަމެއް ނޫނެވެ.
ބޭންކަށް ޑޮލަރު ލިބޭ މިންވަރާއި ޑޮލަރު ހޭދަވާ މިންވަރު ޒިންމާދާރުކަމާއި ދެމެހެއްޓެނެވި ގޮތެއްގައި މެނޭޖުކުރުމަށްޓަކައި، ބޭންކުން ދާދި ފަހުން އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް ޒަރޫރީ އަދި ކޮންމެހެން ބޭނުންތެރި މުއާމަލާތްތަކަށް އިސްކަންދޭން ވަނީ ފަށައިފައިވާ ކަމަށް ވެޒް ބީއެމްއެލް އިން ބުންޏެވެ. އޭގެ ސަބަބުން ބޭންކުން ބޭރުވާ ޑޮލަރުގެ މިންވަރާއި ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރު އެއްހަމައެއްގައި ހިފެހެއްޓުމަށް އެހީވެދޭ ކަމަށް އެ ބޭންކުން ބުންޏެވެ.
"އެ ފިޔަވަޅުތަކުގެ ސަބަބުން ކުރިއަށް އޮތް ހަފުތާ ނިމެންވާއިރަށް ޑޮލަރުގެ މުއާމަލާތްތައް އާންމު ހާލަތަކަށް ރުޖޫއަވާނެ ކަމަށް ލަފާކުރެވޭ." ބީއެމްއެލް އިން ބުންޏެވެ.
ރާއްޖޭގެ އެންމެ ގިނަ މީހުން ބޭނުން ކުރާ، ބީއެމްއެލް އިން ބުނީ އެ ކުންފުނިން އަބަދުވެސް ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކާއި އަދި ގައުމަށް އިތުބާރުހުރި މާލީ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމަށް މަސައްކަތްކުރާނެ ކަމަށެވެ.
މިހާރު ދިމާވެފައިވާ ހާލަތަކީ ޑޮލަރުގެ ޑިމާންޑާއި ސަޕްލައި އާ ދެމެދު އުފެދިފައިވާ ވަގުތީ ނުތަނަވަސްކަމެއް ކަމަށާއި އެއީ ބޭންކުގެ އޮޕަރޭޝަންތަކުގެ ނުވަތަ ބެލެންސް ޝީޓުގެ ބަލިކަށިކަމެއް ނޫން ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ޑޮލަރުގެ ހާލަތު ވަރަށް ގާތުން ބަލައި ކަސްޓަމަރުންނާއި ހިއްސާދާރުން އަދި މުޅި އިގްތިސާދުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އަޅަމުން އަންނަ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.




