މިއަދު ބޭއްވި ދިރާގު ބްރޯޑްބޭންޑް ރޯޑްރޭހުގައި ސްކޫލުތަކުގެ ބައިން ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް އެއްވަނަ ހޯދައިފި އެވެ.
މިއަދު ހަވީރު މާލޭގައި ބޭއްވި ދިރާގު ބްރޯޑްބޭންޑް ރޯޑް ރޭހުގައި ސްކޫލުތަކުގެ އަންހެން އަދި ފިރިހެން ބައިގެ އެއްވަނަވެސް ހޯދައިފައިވަނީ ޖަލާލުއްދީން ސްކޫލު އެތްލެޓިކްސް ޓީމެވެ. މިކެޓެގަރީން އެއްވަނަ ލިބުމުން ކޮންމެ ޓީމަކަށް ޓްރޮފީއަކާއި 10 ހާސް ރުފިޔާގެ އިނާމެއް ދިރާގުގެ ފަރާތުން ދީފައިވެއެވެ.
ޖަލާލުއްދީން ސްކޫލުން ހޯދި މިކާމިޔާބީ އާބެހޭގޮތުން އެސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ، މިއީ އެސްކޫލުގެ އެތްލެޓިކްސް ޓީމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި ރޯޑްރޭހުގައި ބައިވެރިވި ހުރިހާ އެތްލީޓުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ. އެސްކޫލްގެ އެތްލެޓިކްސް ޓީމުގެ ކޯޗް މުހައްމަދު ހަސަން ވިދާޅުވީ، މިކާމިޔާބީއާ ގުޅިގެން ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން ބޭނުންވާ ކަމަށާއި އަދި އެތުލީޓުން ހޯދި ކާމިޔާބަކީ ބެލެނިވެރިންނާއި ސްކޫލުގެ ވެރިން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
މިއަދު ހަވީރު އޮތް ދިރާގު ބްރޯޑްބޭންޑް ރޯޑްރޭހުގެ ޝިއާރަކީ ކުޑަކުދިންނަށް ކުރެވޭ އަނިޔާތައް ހުއްޓުވުން އެވެ. ރާޅުގަނޑު ސަރަހައްދުން ފެށި މިރޭހުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. ރޯޑްރޭސް ކުރިއަށް ދިޔަވަގުތު އެ ސަރަހައްދުގައި ކުޑަކުދިންނަށް ހާއްސަ ހަވީރެއް ބާއްވާފައިވެއެވެ.
(އިތުރު ތަފްސީލް)