މުހައްމަދު އިސްމާއިލް
ދުވަހު ނޫސް “މިއަދު” ގައި ޖުލައި މަހުގެ 4 ވަނަ ދުވަހު ” ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ކޮމްޕިއުޓަރ މައްސަލަޖެހިގެން އުތުރު ތިންއަތޮޅުމީހުން ރަށަށް” މި ސުރުހީގެ ދަށުން ޝާއިއު ކޮށްފައިވާ ހަބަރަކީ ކަމުގެ ހަގީގަތް އޮޅޭގޮތަށް އަދި ޒިންމާދާރުކަން ކުޑަގޮތަކަށް ފަތުރާފައިވާ ހަބަރެއް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގާ އަޕަރ ނޯތް ހެލްތް ސާރވިސަސް ކޯޕަރޭޝަނުން ބުނެފި އެވެ.
އަޕަރ ނޯތް ހެލްތް ސާރވިސަސް ކޯޕަރޭޝަނުން މިހެން ބުނެފައިވަނީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފަރުވާ ހޯދަން ރަށްރަށުން އަންނަ މީހުން އެނބުރި ރަށަށް ފުރާގަޑި ޖެހޭއިރުވެސް ލެބޯޓަރީ ނަތީޖާ ނުލިބޭ ކަމަށާއި އަދި ހުސްވި ހަފުތާގެ ހޮނިހިރު ދުވަހު ކުޅުދުއްފުށީ ހޮސްޕިޓަލަށް ހިދުމަތް ހޯދަން އައި މީހުން ހިދުމަތެއް ނުލިބި އެނބުރި ރަށަށް ދާންޖެހުނުކަމަށް ބުނެ ދުވަހު ނޫސް މިއަދުގައި ލިޔެފައިވާ ހަބަރު ދޮގުކުރުމަށް އެކޯޕަރޭޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި އެވެ.
އެކޯޕަރޭޝަނުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، ހޮސްޕިޓަލުގެ ހިދުމަތްތައް ފަސޭހަ ކުރުމުގެ ގޮތުން އެޕޮއިންޓް ހައްދައިގެން ޑޮކްޓަރަށް ދެއްކޭ ގޮތަށް ދާދި ފަހުން ހަމަޖައްސާފައިވާ ކަމަށާއި އަދި އެކަން އުތުރުގެ ތިން އަތޮޅުގެ ރައްޔިތުންނަށް އެންގުމުގެ ގޮތުން އިއުލާނުކޮށް އެރަށްރަށުގެ ކައުންސިލްތަކަށްވެސް އެކަން އަންގާފައިވާނެ ކަމަށެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ގާތްގަނޑަކަށް 45 ވަރަކަށް މިނެޓަށް ކޮމްޕިއުޓަރ ސިސްޓަމަށް ދިމާވި މައްސަލައާ ގުޅިގެން ހިދުމަތް ހޯދަން އައި ފަރާތްތަކަށް ޑޮކްޓަރަށް ނުދެއްކި އެނބުރި ދާންޖެހިފައި ނުވާނެ ކަމަށެވެ.
” ހޮނިހިރު ދުވަހު ޑޮކްޓަރަށް ދެއްކުމަށްޓަކާ މިހޮސްޕިޓަލުން އެޕޮއިންޓްމަންޓް ހައްދަވާފައިވަނީ 134 ބޭފުޅުންނެވެ. ނަމަވެސް މުޅިއެކު 195 ބޭފުޅުން ހޮނިހިރުދުވަހު މިހޮސްޕިޓަލުން ޑޮކްޓަރަށް ދައްކާފައިވެއެވެ.އަދި ލެބޯޓްރީގެ ޚިދުމަތް މުޅިއެކު 120 ބޭފުޅުން ހޯއްދަވާފައިވެއެވެ. ވީމާ، ކުޑަވަގުތު ކޮޅަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ޑޮކްޓަރަށް ނުދެއްކިގެން ފުރައިގެން ދާންޖެހިފައި އޮވެގެން ނުވާނެއެވެ. އެގޮތަށް ފަތުރާފައިވާ ހަބަރަކީ ކަނޑައެޅިގެން ދޮގު ހަބަރެކެވެ.” ނޫސްބަޔާނުގައި ވެއެވެ.
އެނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ މިއަދު ނޫހުގެ އެ ހަބަރަށް މައުލޫމާތު ދިން އަތޮޅު ކައުންސިލުގެ މެމްބަރެއް އެމައުލޫމާތު ދީފައިވަނީ ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅޭގޮތަށް ކަމަށް ބުނެފައި ވެއެވެ. އަދި އަތޮޅު ކައުންސިލުގެ އެއްވެސް މެމްބަރަކު މިހާރު ފެތުރެމުންދާ ޑެންގޫ ހުމާ ގުޅިގެންވެސް ހޮސްޕިޓަލުގެ ހާލަތު ބެލުމުގެ ގޮތުން އެހޮސްޕިޓަލުގެ މެނޭޖްމަންޓާ ގުޅައި މައުލޫމާތު ހޯދާފައި ނުވާއިރު އެފަދަ ގޮތަކަށް ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ދެއްވާފައިވާތީ އެކޯޕަރޭޝަނުން އެކަން ކުށްވެރިކޮށްފައި ވެއެވެ. އަދި އަތޮޅު ކައުންސިލުގެ ފަރާތުން ޑޮކްޓަރަކު ނެތިގެން ޑޮކްޓަރެއް ހޯދުމަށް އެކޯޕަރޭޝަނުގެ ފަރާތުން އެދިފައި ވަނީ އެންމެ ކައުންސިލަރެއް ކަމަށާއި އަދި ހަމަ އެދުވަހު އެރަށަށް ޑޮކްޓަރެއް ފޮނުވައިދީފައިވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
” ނަމަވެސް 3 ޖުލައި 2011 ވީ އާދިއްތަ ދުވަހު ވައިކަރަދޫ ދާއިރާގެ ކައުންސިލަރު ވައިކަރަދޫގައި ހުންނެވި ޑޮކްޓަރ އިމަޖެންސީ ޗުއްޓިއަށް ވަޑައިގަތުމުގެ ސަބަބުން އެރަށަށް ޑޮކްޓަރެއް ފޮނުވައި ދިނުމަށް ފޯނުން ހޮސްޕިޓަލުގެ މެނޭޖަރާ ގުޅުއްވައި އެދިލައްވާފައިވެއެވެ. މިގޮތުން ހަމަ އެދުވަހު ހަވީރު 4.00 ގައި އެރަށަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑޮކްޓަރެއްވަނީ ފޮނުވިފައެވެ.” ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
އަދި މިއަދު ނޫހުގެ އެ ހަބަރުގައި ހޮސްޕިޓަލުގެ މެނޭޖަރާއި ހަވާލާދީ ލިޔެފައިވަނީވެސް އެމައުލޫމާތު ދީފައިވާ ގޮތަށް ނޫންކަމަށް ހެލްތް ކޯޕަރޭޝަނުގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ. މިއަދު ނެރެފައިވާ އެ ނޫސްބަޔާން ނިންމާލަމުން ބުނެފައިވަނީ، “ކަމުގެ ހަގީގަތް ނުބަލާ ވަރަށް ޒިންމާ ދާރުކަން ކުޑަގޮތަކަށް، ކަމުގެ ހަގީގަތް އޮޅޭނެހެން އަދި ހޮސްޕިޓަލްގެ އަގުވެއްޓޭނެހެން އަތޮޅު ކައުންސިލްގެ ފަރާތުން މީޑިއަށް މައުލޫމާތު ދެއްވާފައިވާތީ” އެކަން މިކޯޕަރޭޝަނުން ކުށްވެރިކުރާ ކަމަށެވެ. އަދި ރައްޔިތުން ހޮވާފައިވާ ބަޔަކު ރައްޔިތުންނަށް ހަގީގަތް އޮޅޭނެހެން މީޑިއާގައި ވާހަކަ ދައްކާތީ ހިތާމަ ކުރާކަމަށާއި އަދި “މިއަދު” ނޫސް ފަދަ މީޑިއާއަކުން ހަބަރުތައް ގެނެސްދޭއިރު ޒިންމާ ދާރުވުމަށް ނަސޭހަތްތެރިވުމަށް އަޕަރ ނޯތް ހެލްތު ސާރވިސް ކޯޕަރޭޝަނުން ގޮވާލާފައި ވެއެވެ.