މުހައްމަދު އިސްމާއިލް
މިއަދު ހެނދުނުން ފެށިގެން ކުޅުދުއްފުށްޓަށް ކުރަމުންދާ ވިއްސާރައިގައި ރަށުގެ ބައެއް ސަރަހައްދުތަކުގައި ދޮޅު ފޫޓަށް ފެންބޮޑުވެއްޖެ އެވެ.
މިއަދު ކުރަމުންދާ ވިއްސާރައިގައި މެންދުރު ފަހު އައި ކޮޅިގަނޑުގައި ބޯކޮށް ވާރޭ ވެހި ކުޅުދުއްފުށީގެ އެކި ހިސާބުތަކުގައި ފެން ބޮޑުވެ އަދި ބައެއް ގޭގެއަށް ފެންގަނޑު ވަދެފައިވާ ކަމަށް ކުޅުދުއްފުށީ ރަށު ކައުންސިލުން މައުލޫމާތު ދެއެވެ.
ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ޖަމްޝީދު މުހައްމަދު ވިދާޅުވީ، ބައެއް ގޭގެއަށް ފެންގަނޑު ވަދެ އަދި ބައެއް ގޭގޭގެ ގޯތި ތެރޭގައި ފެން ބޮޑުވެފައިވާ ކަމަށެވެ. އަދި މިވިއްސާރައިގައި ލިބިފައިވާ ގެއްލުން އަދި ކަށަވަރު ވެފައި ނުވާކަމަށާއި މިހާރު ވެސް ރަށު ކައުންސިލުން އެ މައުލޫމާތުތައް އެއްކުރަމުންދާ ކަމަށް ޖަމްޝީދު ވިދާޅުވި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ އެވެ. އަދި، އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް މައުލޫމާތު ދެއެވެ. އުތުރުގެ އަތޮޅުތަކުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ގަޑިއަކު 11 މޭލާ 20 މޭލު ބާރުމިނުގައެވެ. އަދި ކޮޅިގަނޑުގައި 40 މޭލަށް ވައިގަަދަވާނެކަމަށް އެއިދާރާއިން ބުނެއެވެ.
ކުޅުދުއްފުށީގައި އެންމެ ފަހުން ވިއްސާރައިގެ ސަބަބުން ގެއްލުންތަކެއް ލިބިފައިވަނީ މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހު އެވެ. އެ ވިއްސާރައިގައި ގެއެއްގެ މަގުމަތީ ފާރު ވަނީ ވެއްޓިފައި އެވެ.