twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފި

Jul 7, 2011

ރާއްޖެއަށް މޫސުން ގޯސްވެ ވިއްސާރަ ކުރަމުންދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފް ކޯސްގާޑުން މިކަމަށް އިލްތިމާސްކޮށްފައިވަނީ ރާއްޖޭގެ މޫސުމް އާދަޔާހިލާފަށް ގޯސްވެ ކުރިއަށްއޮތް 24 ގަޑިއިރު ތެރޭގައިވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާކަމަށް ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވާތީ ކަމަށް ކޯސްގާޑުން މައުލޫމާތު ދެއެވެ. އަދި ރާއްޖޭގެ ކަނޑުތައް މިދުވަސްވަރު ގަދަވެފައި، މިވިއްސާރާގައި ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭތީ ދަތުރުފަތުރު ކުރެއްވުމުގައި މޫސުމާއި ބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯދައިގެން ދަތުރުތައް ރޭވުމަށް ކޯސްޓްގާޑުން އިލްތިމާސް ކުރެއެވެ.

ރޭގަނޑު ދަތުރުކުރާނަމަ މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާވަރަށްވުރެ ބޮޑަށް މުދާ ބަރުނުކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ. އަދި ދަތުރުކުރާ ފަސިންޖަރުންނަށް ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓުމަށާއި ހުރިހާ އުޅަނދެއްގައިވެސް ދިޔަ ހިއްކާނެ ޕަންޕުފަދަ ނިޒާމެއް ބެހެއްޓުމަށް ކޯސްޓުގާޑުން ހަނދާންކޮށްދީފައި ވެއެވެ.

އަދި މިނޫނަސް ކަނޑުދަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ޤަވާއިދުތަކަށް ޙުރުމަތްތެރިކަން ހިތުމަށާއި، ދަތުރުތައް ރޭވުމުގެ އިތުރުން ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުންވެސް މޫސުމްގެ ސަބަބުން ދިމާވެދާނެ ހާދިސާތަކަށް ސަމާލުކަން ދެއްވުމަށް ވެސް ކޯސްޓުގާޑުން އިލްތިމާސް ކޮށްފައިވެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދޭގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ އެވެ. އެގޮތުން ވައިޖެހޭނެކަމަށް ލަފާކުރެވެނީ ހުޅަނގާއި ހުޅަނގު އުތުރުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް 40 މޭލާއި 50 މޭލު ބާރު މިނުގައެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355