އިބްރާހިމް ހަމީދު
ނޫމަޑި ކޮމްޕެނީން ފުރަތަމަ ފިޔަވަހީގައި ކުޅުދުއްފުށީގައި އަޅާ 40 ހައުސިން ޔުނިޓުގެ ތެރެއިން 20 ހައުސިން ޔުނިޓުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފި އެވެ.
އެކުންފުނިން ބުނީ ފުރަތަމަ ފިޔަވަހީގައި އަޅާ ގެތަކުގެ ތެރެއިން 20 ހައުސިންގ ޔުނިޓެއްގެ 60 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެމުން ނޫމަޑި ކޮމްޕެނީގެ ކޮންޓްރެކްޓަރ އައިލެންޑް އެކްސްޕާރޓްގެ ސީއީއޯ އަނާން ވިދާޅުވީ ކުޅުދުއްފުށީގައި އަޅާ ގެތަކުގެ ތެރެއިން 20 ގެއެއްގެ މަސައްކަތް ތިން މަސްދުވަހުގެ ތެރޭގައި މުޅިން ނިންމާލެވޭވަރު ވާނެކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި އިތުރު 20 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.
ނޫމަޑި ކުންފުނިން ކުޅުދުއްފުށީގައި ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފެށީ މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އެވެ. ހައުސިން ޔުނިޓު އެޅުމުގެ ޕުރޮޖެކްޓްގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 200 ހައުސިން ޔުނިޓްގެ މަސައްކަތްފަށާ ތާރީހުން ފެށިގެން ދޮޅު އަހަރު ދުވަހުގެ ތެރޭގައި ޕުރޮޖެކްޓް އެއްކޮށް ނިންމާލެވޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ހދ. ހަނިމާދޫ، ހއ. ބާރަށް، ދިއްދޫ، ކެލާ އަދި އެއަތޮޅު ހޯރަފުށީގައި އެކުންފުނިން ދަނީ ހައުސިން ޔުނިޓް ތައް އެޅުމަށް މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އެމަސައްކަތުގެ އަމަލީ ބައި ފެށޭނެ ވަކި ދުވަހެއް ދަންނަވަން އަދި ނޭގޭ ކަމަށް އަނާން ވިދާޅުވި އެވެ.