އިބްރާހިމް ހަމީދު
ގްލޯޯނެޓްގެ ފަރާތުން މަތީ ތަޢުލީމުގެ ފުރުޞަތުތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް ހޯލުގައި ރޭ ބާއްވައިފިއެވެ.
ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން ގްލޯނެޓްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަސީމް ވިދާޅުވީ މި ބައްދަލުވުމުގެ މަގްޞަދަކީ މަތީ ތަޢުލީމަށް އާންމުން ހޭލުންތެރިކުރުން ކަމަށާއި މަތީ ތަޢުލީމުގެ ފުރުސަތުތައް ހޯދާނެ ގޮތްތަކާއި ކިޔެވުމަށް ދާނީ ކޮންކަހަލަ ހަރަދުތަކެއް ކަން މިބައްދަލު ވުމުގައި ބައިވެރިންނަށް ބުނެދީފައި ވާނެކަމަށެވެ. އަދި ރާއްޖެއިން ބޭރުން ލިބެން ހުރި ފުރުޞަތުތަކާއި ވިސާ ހޯދުމުގައި އަމަލުކުރާނެ ގޮތްތައް ބުނެދީފައިވާނެ ކަމަށެވެ.
ގްލޯނެޓްގެ ފަރާތުން ކުޅުދުއްފުށީގައި ބޭއްވި މައުލޫމާތު ދިނުމުގެ މި ސެޝަންތަކުގައި އެންވަޔަރމަންޓް މިނިސްޓްރީގެ އިސް ބޭފުޅުންނާއި މެލޭޝިޔާގެ ދެ ޔުނިވާރސިޓީ އެއް ވަނީ ބައިވެރި ވެފައެވެ. އެ ދެ ޔުނިވާރސިޓީ އަކީ މެލޭޝިޔާގެ ސަން ވޭ ޔުނިވަރސިޓީ އާއި ކުއާލަމްޕޫރުގެ އިންފުރާސްޓްރަކްޗަރ ޔުނިވާރސިޓީ އެވެ.
ގްލޯނެޓް ގެ އެމްޑީ މުހައްމަދު ނަސީމު މައުލޫމާތު ދެއްވާގޮތުގައި މިހަފުތާގެ ތެރޭގައި މީގެ އިތުރު ބައްދަލުވުންތަކެއް އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކުގައި ވަނީ ބާއްވާފައި އެވެ.
ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން އެބައްދަލުވުމުގައި ބައިވެރިވި އެންވަޔަރމެންޓް މިނިސްޓްރީގެ ކޮމިއުނިކޭޝަން އޮފިސަރ އަހްމަދު ޔާސިރު ވިދާޅުވީ މި ޕްރޮޖެކްޓްގެ ބައެއްގެ ގޮތުގައި ތައްޔާރު ކުރެވިފައިވާ ބެޗްލަރ އޮފް އެންވަޔަރމަންޓް މެނޭޖްމަންޓް ކޯހާއި ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވާނެ ކަމަށެވެ. އަދި އެކޯހަށް ޝަރުތު ހަމަވާ ކުދިންނަށް އެކޯހުގެ ޓިއުޝަން ފީ އެޕްރޮޖެކްޓްގެ ދަށުން 2013 ވަނަ އަހަރުގެ ނިޔަލަށް ދައްކައި ދޭނެކަމަށް އެވުޒާރާއިން މައުލޫމާތު ދެއެވެ. އަދި އެ ކޯސްތައް ހިންގާނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގައި ކަމަށް އަހްމަދު ޔާސިރު ވިދާޅުވި އެވެ.
ތިމާވެށްޓާއި ބެހޭ ވުޒާރާއިން ސްޕޮންސަރ ކުރާ އެކޯހަށް އެޕްލައި ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ޖީސީ އޯލެވެލް ނިންމާފައިވާ ކުދިންނަށް އެއް އަހަރުދުވަހުގެ ފައުންޑޭޝަން ކޯހެއް ވަނީ ތައާރަފު ކޮށްފައެވެ.
ކުޅުދުއްފުށި އޮންލައިނަށް މަޢުލޫމަތުދެއްވަމުންމެލޭސިޔާގެ ސަންވޭ ޔުނިވާރސިޓީގެ ކައުންސިލަރ މިސް ކޫވް ވިދާޅުވީ ރާއްޖޭގައި މަތީ ތައުލީމު ހޯދަން ބޭނުންވެފައިވާ ފަރާތްތަކަށް އެ ޔުނިވަރސިޓީން ފުރުޞަތު ހުޅުވިފައިވާ ކަމަށާއި އަދި އެންމެ ރަގަޅު ނަތީޖާ ހޯދާ ކުދިންނަށް ކޯސް ފީގެ 50 ޕަސެންޓްގެ ލުޔެއް ލިބިގެންދާ ކަމަށެވެ. ކުއާލަމްޕޫރުގެ އިންފުރާސްޓްކުޗަރ ޔުނިވާރިސިޓީން ކޮންމެ ސެމިސްޓާރ އެއްގައި އެންމެ ރަގަޅު ނަތީޖާ ހޯދާ ކުދިންނަށް 60 ޕަސެންޓްގެ ޑިސްކައުންޓެއް ލިބެއެވެ.
ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހްމަދު ވިދާޅުވީ މިއީ ޖަލަލުއްދީން ސްކޫލުން ބޭނުންވެގެން އުޅޭ ކަމެއް ކަމަށާއި އެއީ އެއް އަހަރުން އަނެއް އަހަރަށް ދަރިވަރުންގެ ނަތީޖާ ރަގަޅުކޮށް ގިނަ ކުދިންތަކެއް ސްކޫލް ނިންމަމުންދާ ކަމަށެވެ. އަދި އެ ކުދިންނަށް ކުރިއަށް ދެވެން އޮތީ ކޮންކަހަލަ ފުރުސަތުތަކެއްކަން ބައެއްފަހަރު ދަރިވަރުންނަށާއި ބެލެނިވެރިންނަށް ނޭގޭ ކަމަށެވެ. މަތީ ތައުމީލު ހޯދަން ބޭނުންވާ ކުދިންނަށް ސްކޫލުގެ ފަރާތުން ދެވެން އޮތް އެހީ އެއް ވެދެއްވާނެ ކަމަށްވެސް ސައީދު އަހްމަދު ވިދާޅުވިއެވެ.