އިބްރާހިމް ހަމީދު
ކުޅުދުއްފުށީގެ ދެ ޕްރީ ސްކޫލެއް ކަމަށްވާ އަމީރު އަމީން ސްކޫލް އާއި އިރުމަތި އަވަށު ޕްރީ ސްކޫލަށް މަދިރިން ރައްކާތެރިވުމަށް ބޭނުންކުރާ ހޮޅިބުރި ސެޓްތަކެއް ކުޅުދުއްފުށީގެ ޖަމިއްޔާއަކުން ހަދިޔާކޮށްފި އެވެ.
ސޮސައިޓީ ފޮރ ކުޅުދުއްފުށީ ޔޫތް (ސްކައި) ޖަމިއްޔާއިން ހަދިޔާ ކުރި މިހޮޅިބުރިތައް ސްކޫލުތަކާއި ހަވާލުކުރުމަށް މިއަދު ހެނދުނު ވަނީ އެ ދެސްކޫލުގައި ވަކިވަކިން ރަސްމިއްޔާތެއް ބާއްވާފައި އެވެ.
ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމަތު ދެމުން ސްކައި ޖަމްއިއްޔާގެ ނައިބު ރައީސް އަހްމަދު މުހައްމަދު ވިދާޅުވީ، ސްކައި ޖަމިއްޔާއިން ކުރިއަށް ގެންދާ މަދިރި މަދުކުރުމުގެ ޕްރޮގްރާމުގެ ތެރެއިން އަދި ވަކިން ހާއްސަކޮށް މިހާރު ފެތުރެމުންދާ ޑެންގީ ހުމުން ކުޑަކުދިން ރައްކާތެރި ކުރުމުގެ ގޮތުން ސްކޫލުތަކަށް ހަދިޔާކުރި ހޮޅިބުރި ތަކެއް ކަމަށެވެ.
“މިފަހަރު ބޮޑަށް އަމާޒުކުރީ ކުޑަކުދިންގެ ސްކޫލުތަކަށް. ކުރިއަށް އޮތްތަނުގައި ޖަމްއިއްޔާގެ ބަޖެޓް ތަންދިންވަރަކުން އެހެން ސްކޫލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްް ވިސްނަމުންދަނީ” އަހްމަދު މުހައްމަދު ވިދާޅުވިއެވެ.
ދެ ޕްރީ ސްކޫލުގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ޖަމްޝީދު މުހައްމަދު އެވެ. ހޮޅިބުރިތައް ސްކޫލުތަކާ ހަވާލުކޮށްދެއްވީ ސްކައި ޖަމިއްޔާގެ ނައިބު ރައީސް އަހްމަދު މުހައްމަދެވެ. އަމީރު އަމީން ސްކޫލުގެ ފަރާތުން ހޮޅިބުރި ތަކާއި ހަވާލުވެފައިވަނީ އެ ސްކޫލް ހިންގުމާއި ހަވާލުވެހުރި އާއިޝަތު މުހައްމަދެވެ. އަދި އިރުމަތި އަވަށު ޕްރީ ސްކޫލުން ހޮޅިބުރި ސެޓްތަކާއި ހަވާލުވީ އެސްކޫލް ހިންގުމާއި ހަވާލުވެހުރި ހަސަން އަހްމަދެވެ. މިފަދަ ކަމެއް ސްކައި ޖަމިއްޔާއިން އިސްނައިގެން ކޮަށްފައިވާތީ ދެ ސްކޫލުން ވެސް ވަނީ ސްކައި ޖަމިއްޔާ އަށް ޝުކުރު އަދާކޮށްފައެވެ.
މިއަދު ބޭއެްވި ރަސްމިއްޔާތަށް ފަހު ކުޅުދުއްފުށީ އޮންލައިން އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ޖަމްޝީދު މުހައްމަދު ވިދާޅުވީ، މިދުވަސްވަރު ފެތުރެމުންދާ ޑެންގީ ހުމަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔަކަށް ވެފައި ސްކައި ޖަމިއްޔާގެ ފަރާތުން ރަށުގެ ދެސްކޫލަކަށް މަދިރި މަދުކުރުމަށް ބޭނުންކުރާ ހޮޅިބުރިތަކެއް ހަދިޔާ ކުރުމަކީ މިކަމަށް އެޖަމިއްޔާގެ ފަރާތުން ދޭ ސަމާލުކަން އަންގައިދޭ ކަމެއް ކަމަށެވެ. އަދި ރަށު ކައުންސިލުން އެފަދަ ކަންތައްތައް އުފަލާއެކު ބަލައިގަންނަ ކަމަށް ޖަމްޝީދު ވިދާޅުވި އެވެ.
ސްކައި ޖަމިއްޔާގެ ފަރާތުން ހަދިޔާކުރި މަދިރިން ރައްކާތެރިވުމަށް ބޭނުންކުރާ ހޮޅިބުރި ސެޓްތައް އެދެސްކޫލުގެ ކޮންމެ ކުލާސް ރޫމެއްގައި ބަހައްޓާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ. އެގޮތުން އަމީރު އަމީން ސްކޫލަށް 5 ހޮޅިބުރި އަދި އިރުމަތީ އަވަށު ޕްރީ ސްކޫލަށް 3 ހޮޅިބުރި ސެޓް ހަވާލުކޮށްފައި ވެއެވެ.