twitterviber whatsapp telegramfacebookyoutube instagram
19th September 2024

ކުޅުދުއްފުށިން ދިއްދޫއަށް ގެންދިޔަ އިންޖީނެއް އެރަށަށް ބާލަން އުޅުމުގެ ތެރޭގައި އިންޖީނު މޫދަށް ވެއްޓި ތިން މީހަކަށް އަނިޔާވެއްޖެ

Jul 16, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށިން ހއ. އަތޮޅު ދިއްދޫއަށް މިއަދު ގެންދިޔަ އަޕަރނޯތު ޔުޓިލިޓީޒް ލިމިޓެޑްގެ އިންޖީނެއް އެރަށަށް ބާލަން އުޅުމުގެ ތެރޭގައި އެ އިންޖީނު މޫދަށް ވެއްޓި ތިންމީހަކަށް އަނިޔާވެއްޖެއެވެ.

މިހާދިސާގައި އަނިޔާވެފައިވަނީ އެދޯނީގައި އިންޖީނު ހިފައިގެން ދިޔަ ކުޅުދުއްފުށީގެ ތިން މީހަކަށެވެ. އެއީ ކުޅުދުއްފުށީ އޭޝިޔާ މުހައްމަދު އަބްދުއްރަހުމާން އާއި ނާރެސް ޢަލީ މޫސާގެ އިތުރުން ކުޅުދުއްފުށީ ފެހިވިނަ އުމަރު މުހައްމަދު އެވެ. އެތިން މީހުން މިރޭ އިރާކޮޅު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނެސް ދަނީ ފަރުވާ ދެމުންނެވެ. މީގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވެފައިވަނީ ނާރެސް އަލީ މޫސާ އަށެވެ.

މަންޒަރު ދުށް ހއ ދިއްދޫ މީހަކު ބުނީ، މިހާދިސާ ހިނގަން ދިމާވީ އިންޖީނު އަރުވައިގެން ދިޔަ ހދ ނޮޅިވަރަމް ރަސްއައިން ދޯނި ދިއްދޫގެ ޖެޓީއާ ކައިރިކޮށް ދޯންޏާއި ޖެޓީއާ ދޭތެރޭ އަޅާފައިވާ ފިލާގަނޑުމަތިން ކައްސާލައިގެން އިންޖީނު ވެއްޓިގެން ކަމަށެވެ.

އިންޖީނު ދިއްދޫއަށް ބޭލުމަށް ދޯންޏާއި ޖެޓީއާއި ދެމެދު ފިލައި އަޅައިގެން އިންޖީނު ބާލަން އުޅުނީ ރޯލް ކޮށްގެން ކަމަށް އެރަށުން މައުލޫމާތު ދިން މީހާ ބުނިއެވެ. އަދި އެގޮތަށް ރޯލް ކޮށްގެން އިންޖީނު ރަށަށް އެރުވުމުގެ ތެރޭގައި ދޯނި އެއްފަރާތަކަށް އަރިއަޅައިލައި ދޯންޏާއި ޖެޓީއާ ދޭތެރެއަށް އިންޖީނު ވެއްޓުނީކަމަށް އޭނާ ބުންޏެވެ.

މިހާދިސާގައި އެދޯންޏަށްވެސް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ. ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން އަޕަރ ނޯތް ޔުޓިލިޓީޒްގެ ޖެނެރަލް މެނޭޖަރ އަބްދުލް މުހައިމިން ވެސް ވަނީ އެހާދިސާ ހިނގިކަން ކަށަވަރު ކޮށްދެއްވާފައެވެ. އެހެންނަމަވެސް އިތުރުމައުލޫމާތު މިވަގުތު ދެއްވަން ދަތިކަމަށް ވަނީ ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355