twitterviber whatsapp telegramfacebookyoutube instagram
19th September 2024

ކުޅުދުއްފުށީ ކައުންސިލުން 25 ގަވާއިދެއް އެކުލަވާލައި ހިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

Jul 18, 2011

ލާމަރުކަޒީ ގާނޫނުގައި ކައުންސިލުތަކުން ހެދިދާނެ ކަމަށް ބުނާ 25  ގަވާއިދެއް އެކުލަވާލައި ކޮމެންޓް ކުރުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނުނުގެ 151 ވަނަ މާއްދާގައި ބުނާ ގަވާއިދު ތަކުގެ ތެރެއިން ކުޅުދުއްފުށީ ކައުންސިލުން ވަނީ  25 ގަވާއިދެއް ކޮމެންޓް ކުރުމަށް މިއަދު އާންމުކޮށްފައި އެވެ. ލާމަރުކަޒީ ގާނޫނުގެ 151 ވަނަ މާއްދާގައި ބުނަނީ، ކައުންސިލްތަކުގެ ބާރުގެ ދާއިރާގައި ހިމެނޭ ކަންކަމާގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވާރާއާއެކު ގަވާއިދު ހެދުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންވާ ކަމަށެވެ. އެގޮތުން ކައުންސިލްތަކަށް ހެދިދާނެ 25 ގަވާއިދެއް އެގާނޫނުގައި ބުނެފައިވެ އެވެ.

ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ޖަމްޝީދު މުހައްމަދު މިއަދު ވިދާޅުވީ، ކައުންސިލުން އާންމުންގެ ހިޔާލު ހޯދުމަށް މިއަދު އާންމުކޮށްފައިވާ  ގަވާއިދުތަކަށް ކޮމެންޓް ކުރުމުގެ ފުރުޞަތު މިމަހުގެ 30 ގެ ނިޔަލަށް ހުޅުވިފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލުން އާންމުންނަށް ކޮމެންޓަށް ހުޅުވާލާފައިވާ ގަވާއިދު ތަކުގެ ތެރޭގައި ޢާއްމު އުނދަގުލާބެހޭ ގަވާއިދު، ރަށްރަށުގެ ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު، ކައުންސިލުން ދޫކުރާ ހުއްދަތައް ދޫކުރުމާބެހޭ ގަވާއިދު، ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު،  އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާ އެއްޗެތި ދުއްވުމާއި ބޭނުންކުރުމާބެހޭ ގަވާއިދު، މަގުމަގާއި ޢާންމު ތަންތަނުގައި ޕާކްކުރުމާއި ޕާކްކުރުމުގެ ފީ ނެގުމާބެހޭ ގަވާއިދު، ފިހާރަ ފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި ފިހާރައިގެ ދޮރުން ބޭރުގައި މަގުމައްޗަށްވާ ގޮތަށް މުދަލާއި ތަކެތި ބެހެއްޓުމާބެހޭ ގަވާއިދު، ރަށާ ގުޅިފައިވާ ކަނޑުގައި ނުވަތަ ރަށުގެ ފަޅުގައި ނުވަތަ ރަށުގެ ޢާންމު ތަންތަނުގައި ފިލްމު  ނަގަން ހުއްދަ ދިނުމާއި ފީނެގުމާބެހޭ ގަވާއިދު، ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ ގަވާއިދު، މަގުމަތީގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާބެހޭ ގަވާއިދު، ގޭގޭ ފާރުގައިއި ކުރަހާފައި ހުންނަ ތަކެއްޗާއި ލިޔެފައި ހުންނަ ތަކެތި ފޮހެ ސާފުކުރުމާބެހޭ ގަވާއިދު، ގޯތި ގެދޮރާއި ބިމާއި އިމާރާތް ކުއްޔަށް ދޫކުރުމާބެހޭ ގަވާއިދު، ގޯތި ގެދޮރުގައި އިމާރާތްކުރަން ހުއްދަ ދިނުމާބެހޭ ގަވާއިދު، މަގު ފާރު އަދި އިންފާރު ތަޅާލުމާބެހޭ ގަވާއިދު، މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާބެހޭ ގަވާއިދު، ރަށުގައި ޖަނަވާރު އަދި ދޫނި ސޫފާސޫފި ގެންގުޅުމާ ބެހޭ ގަވާއިދު، ކަނޑުތޮށީގައާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާބެހޭ ގަވާއިދު، ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ގަވާއިދު، ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭ ގަވާއިދު، ވަގުތީގޮތުން މަގު ބަންދުކުރުމާބެހޭ ގަވާއިދު، ގޭގެއިން މަގު ހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ، ޓިނު ފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ގަވާއިދު، މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ގަވާއިދު، މަގުމަތި ކުނިކެހުމާ ބެހޭ ގަވާއިދު، އޮޑިހަރުގެއާ ބެހޭ ގަވާއިދު، ރަށުގެ ޢާންމު ތަންތަނުގައި މުނިފޫހި ފިލުވުމުގެ ޙަރަކާތްތައް ބޭއްވުމާބެހޭ ގަވާއިދު އަދި ތިމާވެށި ހިމާޔަތްކުރުމާބެހޭ ގަވާއިދު ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355