twitterviber whatsapp telegramfacebookyoutube instagram
19th September 2024

ސަރުކާރުން ކުއްޔަށް ދީފައިވާ ބިމެއްގެ މައްސަލައިގައި އެބިން ކުއްޔަށް ހިފާފައިވާ ފަރާތުން ކުޅުދުއްފުށީ ކައުންސިލުގެ މައްޗަށް ދައުވާކޮށްފި

Jul 20, 2011

އިބްރާހިމް ހަމީދު

ސަރުކާރުން ކުއްޔަށް ދީފައިވާ ބިމެއްގެ މައްސަލައިގައި އެބިން ކުއްޔަށް ހިފި ކުޅުދުއްފުށީ ވަގުތު ޖައުފަރު އަލީ ކުޅުދުއްފުށީ ކައުންސިލުގެ މައްޗަށް ދައުވާކޮށްފި އެވެ.

ޖައުފަރު އަލީ ކުޅުދުއްފުށީ ކޯޓަށް ހުށަހަޅާފައިވާ ދައުވާއަކީ، 2009 ވަނަ އަހަރު ޖައުފަރު އަލީ ކުއްޔަށް ހިފާފައިވާ ބިމަށް (މިހާރު އިމާރާތެއްކޮށްފައިވާ) ކުލި ނުދައްކާ ކަމަށްބުނެ އެތަން ހުސްކޮށް ރަށުކައުންސިލާ ހަވާލުކުރުމަށް އަންގާފައިވާތީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ބުނެ ހުށަހަޅާފައިވާ ދައުވާ އެކެވެ.

މި މައްސަލަ ހުށަހެޅި ޖައުފަރު އަލީ ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެ ބިން މީގެ ކުރިން ދެފަހަރެއްގައި ބިޑްކޮށްގެން އޭނާ ހޯދާފައިވާ ކަމަށެވެ. އަދި ދެވަނަ ފަހަރަށް 2009 ވަނަ އަހަރު ބިޑު ކުރުމުން އެފަހަރުވެސް ބިޑް ކާމިޔާބުކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެފަހަރު އެގްރީމެންޓް އާނުކޮށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި އެބިމަށް ކުލި ދައްކަން ދިއުމުން ކުލި ބަލައިގަތުމަށް ރަށު ކައުންސިލުން ދެކޮޅު ހަދާފައިވާ ކަމަށެވެ.

ޖައުފަރު އިތުރަށް ބުނިގޮތުގައި ކުލި ބަލައިގަތުމަށް ކައުންސިލުން ދެކޮޅު ހަދަމުން އައިސް އެންމެ ފަހުން އެންގީ ވަގުތުން އެބިމުގައި ކޮށްފައިވާ އިމާރާތް ހުސްކޮށް އެކައުންސިލާ ތަން ހަވާލުކުރުމަށް ކަމަށެވެ. އަދި އެމައްސަލައިގައި ޖައުފަރު ކުލި ނުދެއްކީތޯ ނުވަތަ ކުލި ދެއްކޭނެގޮތް ހަމަޖައްސަވައިދެއްވައިފައި ނުވަނީތޯ ބެއްލެވުމަށާއި އެކަމުގައި މައްސަލައެއް އުޅޭނަމަ އެކަން ހައްލުކުރަން ރަށު ކައުންސިލަށް ހުށަހެޅި ކަމަށެވެ. އެހެންމަވެސް ކައުންސިލް އިދާރާއިން އެއިން އެއްވެސް ގޮތެއް ގަބޫލު ނުކުރިކަމަށް ޖައުފަރު މައުލޫމާތު ދެއެވެ.

މިމައްސަލަ އާއި ގުޅިގެން ރަށު ކައުންސިލުގެ މެމްބަރު އަލީ އާދަމް ވިދާޅުވީ، ކައުންސިލްތައް އިންތިހާބުވެ މަސައްކަތް ފެށުމުން ކައުންސިލުގައި ހުރި މައްސަލަތައް ބަލަން ފެށްޓެވިކަމަށެވެ. އެގޮތުން އެފަދަ މައްސަލަތައް ބައްލަވަމުން ގެންދެވިއިރު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވުނީ ސަރުކާރުން ޖައުފަރު އަލީ އަށް ދޫކޮށްފައިވާ ރައްޔިތުންގެ ބިމަކަށް ކުލި ނުދައްކާ މައްސަލަ ކަމަށެވެ.

ކައުންސިލް އިދާރާއިން މައުލޫމާތުދޭ ގޮތުގައި ޖައުފަރު އަލީ ކުއްޔަށް ހިފާފައިވާ އެބިމަށް 19 މަސްދުވަހުގެ ކުލި ދައްކާފައެއް ނުވެއެވެ. އަދި ޖައުފަރު އަލީ އާއި ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމުގައި ވިދިވިދިގެން 03 މަސްދުވަހު ކުލި ނުދައްކާނަމަ އެ އެގްރީމެންޓްގެ 6 ވަނަ މާއްދާގެ ހ ގެ ދަށުން ބިމާއި އެބިމުގައި ކޮށްފައިވާ އިމާރާތް އަތުލުމުގެ ބާރު ކައުންސިލަށް ލިބޭ ކަމަށެވެ. އަދި މިމައްސަލައިގައި އެގްރީމެންޓްގައިވާ ކުލި ބައިބަޔަށް ބަހާލައިގެން ދެއްކުމަށް ކައުންސިލަށް ހުށަހެޅިނަމަވެސް އެއެގްރީމެންޓަކީ ބާތިލު އެގްރިމެންޓެއްކަމަށް ވާތީ އެ އެގްރީމެންޓް ދަމަހައްޓަން ކައުންސިލުން ބޭނުން ނުވާކަމަށް އަލީ އާދަމް ވިދާޅުވިއެވެ.

މިމައްސަލާގައި ޖައުފަރު އަލީ ބުނަނީ، ކައުންސިލަށް އެގޮތަށް ނޭންގޭނެ ކަމަށާއި އެބިމަށް (މިހާރު އިމާރާތެއް ކޮށްފައިވާ) ކުލި ނުދައްކަނީތޯ ނުވަތަ ކުލި ދައްކަން ކައުންސިލަށް ދިޔައިމަ ކައުންސިލުން ކުއްޔާއި ހަވާލު ނުވަނީތޯ ބަލަން ބޭނުންވާ ކަމަށާއި އެ ސުވާލުތަކަށް ޖަވާބު ހޯދުމަށް ލިޔުމުން ހުށަހެޅުމުން ވެސް ކައުންސިލުން ޖަވާބު ދީފައި ނުވާކަމަށެވެ.

މިމައްސަލައިގެ ޝަރީއަތުގައި މީގެ ކުރިން ވަނީ ދެ އަޑުއެހުމެއް ބާއްވާފައެވެ. އަދި އެންމެފަހުން ބޭއްވި އަޑުއެހުމުގައި މައްސަލައިގައި ހިމެނޭ ދެފަރާތަށްވެސް ހުލާސާ ބަޔާން ހުށަހެޅުމަށް ފުރުޞަތު ދީފައި ވެއެވެ. މިމައްސަލައިގެ ޝަރީއަތް ވަކިގޮތަކަށް ނިމެންދެން ކައުންސިލުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ޖައުފަރު ހުށަހަޅާފައި ވެއެވެ. އެހެންނަމަވެސް އަދި މިހާތަނަށް މިމައްސަލައިގައި ކޯޓުން ވަގުތީ އަމުރެއް ނެރެފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355