މުހައްމަދު އިސްމާއިލް
ކުޅުދުއްފުށީގައި މިދިޔަ ހަފްތާގެ ތެރޭގައި މީހެއްގެ އަންބެއް ބްލެކްކުރިކަމަށް ބުނެ ހައްޔަރުކުރި ފުލުސްމީހާގެ އާއިލާއިން އެމައްސަލައިގައި ފުލުހުންނަށާއި އެމައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ތުހުމަތުތަކެއް ކޮށް އެމައްސަލަ ހިނގިގޮތް ބަލައިދިނުމަށް އެދި ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނަށް މައްސަލަ ހުށަހަޅައިފި އެވެ.
ފުލުސްމީހާގެ އާއިލާގެ ފަރާތުން ޕޮލިސް އިންޓަރގްރިޓީ އަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް ކުޅުދުއްފުށީ އޮންލައިން އަށް ވަނީ ލިބިފައެވެ. އެސިޓީގައި އާއިލާގެ ފަރާތުން ބުނެފައިވަނީ، ބްލެކްމެއިލް ކުރިކަމަށް ބުނެ ފުލުސްމީހާގެ މައްޗަށް ކޮށްފައިވަނީ ހަގީގަތާ ޚިލާފަށް ކޮށްފައިވާ ތުހުމަތުތަކެއް ކަމަށެވެ. ސަބަބެއްކަމަށް އެސިޓީގައި ބުނެފައިވަނީ، އެބުނާ އަންހެންމީހާ އާއި އިބްރާހީމް އަލީ (ފުލުސްމީހާ) އާއި ދެމެދުގައި ގުޅުމެއް އޮންނަކަން އެނގުމުން އެއަންހެންމީހާ އާއި ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އެދެ މީހުންނަކީ ކުރިންސުރެ ރަހުމަތްތެރިކަން އޮންނަ ދެމީހުންކަމަށާއި އެދެމީހުންގެ ދިރިއުޅުމުގެ ވާހަކަތައްވެސް ދެމީހުންގެ މެދުގައި ހިއްސާކުރެވެމުން އައިސްފައިވާ ކަމަށް ބްލެކްމެއިލްކުރިކަމަށް ބުނާ އަންހެންކުއްޖާ ބުނެފައިވާ ކަމަށެވެ.
ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ބައެއް ފުލުހުންގެ މައްޗަށްވެސް އެއާއިލާއިން ވަނީ ތުހުމަތު ތަކެއް ކޮށްފައެވެ. އަދި، އެއީ ބަޔަކު ގަސްދުގައި ފުލުސްމީހާ އެސްޓޭޝަނުން ބޭރުކޮށް ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ކޮށްފައިވާ ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.
“މިމައްސަލާގައި އަޅުގަނޑުގެ ދަރިފުޅު އިބްރާހީމް އަލީގެ މައްޗަށް ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުކޮށް، ކުރިން އެންގުމަކާނުލައި ކުއްލި ގޮތަކަށް ހައްޔަރުކޮށްގެން މާލެ ގެންގޮސްފައިވުމާއި، ކުޅުދުއްފުށީގައި މީގެ ކުރިންވެސް މިފަދަ ގޮތްގޮތުން ފުލުހުން ބޭޒާރުކުރުމަށް ތަފާތު ކަންތައްތަކެއް ކޮށްފައިވުމާއި، މިމައްސަލާގައި އެ އަންހެންމީހާގެ ފިރިމީހާ މައްސަލައިގެ ތެރެއަށްވަދެ އަދި މިއީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި ތިބޭ ކުޅުދުއްފުށީގެ ބައެއް ފުލުހުންނާއި ގުޅިގެން ކޯޕްރަލް އިބްރާހީމް އަލީ އެސްޓޭޝަނުން ބޭރުކުރުމަށް ކޮށްފައިވާ ކަމެއްކަމަށް ތުހުމަތު ކުރެވެއެވެ. އަދި އަޅުގަނޑަށް އެކިގޮތްގޮތުން ލިބޭ މައުލޫމާތުގެ އަލީގައި މިމައްސަލާގައި އިބްރާހީމް އަލީ ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރެވެމުންދަނީ ފުލުހުންގެ ތެރޭގައި ހެދިފައި ހުރި ގަވާއިދުތަކާ ހިލާފަށްކަމަށް ފާހަގަކުރެވެއެވެ. އަދި މިކަމުގައި ކުޅުދުއްފުށީގެ ބައެއް ފުލުހުންގެ އަތެއްވާކަމަށް ވެސް ތުހުމަތު ކުރެވެއެވެ.” އިންޓަރގްރިޓީ ކޮމިޝަނަށް ފޮނުވާފައިވާ ސިޓީގައި ލިޔެފައި ވެއެވެ.
ކުޅުދުއްފުށީ އޮންލައިން އަށް ކޮޕީ ލިބިފައިވާ އެސިޓީ ނިންމާލަމުން ބުނެފައިވަނީ “މިކަންކަން މިމަގުން ހުރުމާއެކު ބްލެކްމެއިލް ކުރިކަމަށް ތުހުމަތުކޮށް އިބްރާހީމް އަލީ ބަންދުކޮށްފައިވާތީ، މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް ބައްލަވައި ދެއްވާ ފުލުހުންގެ ތެރޭގައި ޖެހޭ މިބާވަތުގެ މައްސަލަތަކުގައި ފުލުހުންގެ އެކި ރޭންކުތަކުގައި ތިބޭ އޮފިސަރުންގެ ނުފޫޒު ނުވަންނާނެހެން މިމައްސަލަ ތިޔަ ކޮމިޝަނުން ބައްލަވައި ގާނޫނާ ގަވާއިދާ ހިލާފަށް ކަމެއް ކޮށްފައިވޭތޯ ބައްލަވައި” ދެއްވުމަށް އެދިފައި އެވެ.
މިދެމީހުން ރަށުގެ އެކި ތަންތަނުން އެކީ ފެނިފައިވާ ކަމަށާއި އަދި ދެމީހުންނަކީވެސް ވަރަށް ގާތް ދެ ރަހްމަތްތެރިންކަމަށް ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދީފައިވާ ކުޅުދުއްފުށީގެ ބައެއް އާންމުންވެސް ބުނެފައި ވެއެވެ. މިމައްސަލައިގައި ފުލުހުން ބުނެފައިވަނީ މީހެއްގެ އަންބަކު ބްލެކްމެއިލް ކުރި ފުލުހަކު ހައްޔަރުކުރި ކަމަށެވެ. އިތުރު ތަފްޞީލެއް އަދި މިހާތަނަށް ފުލުހުން ދީފައި ނުވާއިރު، މިމައްސަލައިގައި ބްލެކްމެއިލް ކޮށްފައިވަނީ ކޮންގޮތަކަށް ކަމެއް އެއްވެސް ފަރާތުން ބުނެފައެއް ނުވެއެވެ.