twitterviber whatsapp telegramfacebookyoutube instagram
19th September 2024

ކުޅުދުއްފުށީ ބިމުން ގޯތި ވިއްކުމުގެ ޕުރޮގްރާމެއް ރޯދަ މަހުގެ ކުރިން އިއުލާނުކުރާނެކަމަށް ރައީސް އޮފީހުން ބުނެފި

Jul 28, 2011

ކުޅުދުއްފުށީގައި އަލަށް ހިއްކާފައިވާ ސަރަހައްދުން ރައްޔިތުންނަށް ގޯތި ވިއްކުމުގެ ޕުރޮގްރާމް އަންނަ ރަމަޟާންމަހުގެ ކުރިން އިއުލާނުކުރާނެކަމަށް ރައީސުލްޖުމުހޫރިއްޔާގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން ގޯތި ވިއްކުމުގެ މަޝްރޫއެއް އިއުލާނު ކުރާނެ ކަމަށެވެ. އަދި އެކަންތައްތައް ކުރާނީ ކުޅުދުއްފުށީ ކައުންސިލާއި ދާދި ފަހުން ރައީސުލްޖުމުހޫރިއްޔާ އުފެއްދެވި ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ގުޅިގެންކަމަށްވެސް ވިދާޅުވިއެވެ.

ކުޅުދުއްފުށީގެ ތަރައްޤީއަށްޓަކައި ސަރުކާރުގެ 51 އިންސައްތަ ހިއްސާވާ ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ބޯޑަށް މިއަދު މެމްބަރުން އައްޔަން ކޮށްފައިވާއިރު، ކުޅުދުއްފުށިން ވިއްކުމަށް ހަމަޖެހިފައިވާ ގޯތިތައް ވިއްކުމުގެ މަސައްކަތް ކުރާނީ އެކޯޕަރޭޝަނުން ކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް އެގޯތިތަކަށް ޝަރުތުހަމަވާ ފަރާތްތަކާއި އަދި އެގޯތިތައް ވިއްކާނެ އުޞޫލުތައް ކަނޑައަޅާނީ ކުޅުދުއްފުށީ ކައުންސިލުން ނިންމާ ނިންމުންތަކެއްގެ މައްޗަށް ކަމަށް ޒުހައިރު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކުޅުދުއްފުށިން ގޯތި ދިނުމަށް ހުޅުވާލި ފުރުޞަތުގައި ކުޅުދުއްފުށިން ދޫކުރުމަށް އިއުލާނުކުރި 100 ގޯއްޗަށް އެދި 1100 ފޯމް ހުށަހަޅާފައިވެއެވެ. ސަރުކާރުން ވިއްކުމަށް ނިންމި ގޯތި ތަކުގެ ތެރޭގައި ކުރިން އިއުލާނުކުރި 100 ގޯތި ހިމެނޭކަން މިއަދު ވަނީ ޔަގީން ކުރެވޭ ގޮތް ނުވެފައެވެ.

މިއަދު ސަރުކާރުން އެކުލަވާލި ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ، ސަރުކާރުގެ ފަރާތުން އައްޔަންކުރާ 4 މެމްބަރުންނާއި ކުޅުދުއްފުށީ ކައުންސިލުގެ ފަރާތުން އައްޔަންކުރާ 3 މެމްބަރުންނެވެ.

ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، ސަރުކާރުން ޢައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައި ވ. ރަންދި މުޙަންމަދު ޙުނައިފެވެ. ސަރުކާރުން ޢައްޔަން ކުރެއްވި އެހެން މެންބަރުންނަކީ، ހދ. ކުޅުދުއްފުށީ އިނގުރުމާގޭ ޞާލިޙު ޙުސައިނާއި، ހދ. ކުޅުދުއްފުށީ ތަރި މުޙަންމަދު ޒުހައިރާއި، ހދ. ކުޅުދުއްފުށީ އޯޝަންވިލާ ޙަސަން ޒިޔާދެވެ.

މިބޯޑަށް ކުޅުދުއްފުށީ ކައުންސިލުގެ ފަރާތުން ޢައްޔަން ކުރެއްވި މެންބަރުންނަކީ، ހދ. ކުޅުދުއްފުށީ ޕެޝާވަރު އަންވަރު އަބޫބަކުރާއި، ހދ. ކުޅުދުއްފުށީ އާކާޝް މުހައްމަދު އިބްރާހީމް ގެ އިތުރުން ހދ. ކުޅުދުއްފުށީ އަސްރަފީގޭ އާދަމް މުހައްމަދު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355