މުހައްމަދު އާދަމް
ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން އެކިއެކި ބޭނުންތަކަށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކުން އެތައް ސަތޭކަ ބަޔެއް މިއަދު ކުޅުދުއްފުއްޓަށް އަތުވެއްޖެއެވެ.
އާއްމުކޮށް ކާރޫބާރު ބޮޑުކޮށް އޮންނަ ހޮނިހިރު ދުވަހުގައި އެހެން ހޮނިހިރު ތަކާއި އަޅާބަލާއިރު އެހެން ރަށްރަށުން ކުޅުދުއްފުއްޓަށް އައިސްފައިވާ މީހުންގެ އަދަދު މިއަދު އެތައްތަނެއް ގިނައެވެ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޖަމްޝީދު މުޙައްމަދު ވިދާޅުވި ގޮތުގައި މިއަދު ރަށުން ބޭރު 3000 ހެއްހައި މީހުން ކުޅުދުއްފުއްޓަށް އައިސްފައިވެއެވެ.
ރޯދައަށް ތައްޔާރުވުމުގެ ގޮތުން ރޯދަމަހު ގޭގައި ބޭނުންކުރާ ތަފާތު ވައްތަރުތަކުގެ ދަޅުކާނާއާއި ކާޑުގެ އެކި ބާވަތްތައް ގެއަށްވެއްދުމަކީ ކޮންމެ އާއިލާއަކުންވެސް އެންމެ އިސްކަމެއްދީގެން މިދުވަސްވަރު ކުރާކަމެވެ. ރަށުން ލިބެންނެތް ބާވަތްތައް ރަށުން ބޭރަށްގޮސްގެން ނަމަވެސް ހޯދައެވެ. ކުޅުދުއްފުއްޓަކީ އަތޮޅުގެ ވެރިރަށަށް ވެފައި އުތުރުގެ މައި ވިޔަފާރި މަރުކަޒަށްވާތީ ކުޅުދުއްފުށި މިއަދު ފެނިފައިވަނީ ވަރަށް ކާރޫބާރު ބޮޑުކޮށެވެ.
މިއަހަރުގެ ކަލަންޑަރުގައިވާ ގޮތުން އަންނަ ހޯމަ ދުވަހަކީ މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަސްކަމަށް ވެފައި ރޯދަމަސް ފެށުމުގެ ކުރިން އަންނަ އެންމެ ފަހު ބަންދު ދުވަހަކީ މިއަދަށް ވާތީ އުތުރުގެ ތިންއަތޮޅުގެ ގިނައަދަދެއްގެ ރައްޔިތުން ކުޅުދުއްފުއްޓަށް އައިސް ރޯދައަށް ތައްޔާރުވުމަށް މިއަދު ވަނީ ވަރަށް ވިޔަފާރިކޮށްފައެވެ.
ކުޅުދުއްފުށީގެ އެންމެ ބައިބޯ ސަރަޙައްދަކަށް މިއަދު ވެފައި އޮތީ ބަންޑާރަމަގުގެ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފެށިގެން ލޯކަލް މާރުކޭޓްގެ ގޮތުގައި އަޅާފައިވާ އިމާރާތާއި ދޭތެރޭގެ ސަރަޙައްދެވެ. އެސަރަޙައްދުގައި ދުއްވާއެއްޗެއް ދުއްވުމަކީ އެހާފަސޭހަކަމަކަށް މިއަދަކުނުވެއެވެ.
މިއަދު ގިނައަދަދެއްގެ ބީރަށްޓެހިންނާއި ރަށުގެ ރަށްޔިތުން ފެންނަމުން ދިޔައީ ކޮނޑަށް ނުވަތަ ކޮންމެވެސް ދުއްވާއެއްޗަކަށް ކުކުޅުބިސް ކޭހަކާއި ފިޔާ ނުވަތަ އަލުވި ބަސްތާއަކާއި ކޮންމެވެސްކަހަލަ .ދަޅުކާނާކޭހެއް ލައިގެން ދާތަނެވެ