ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ އާއި މުބާރިކްބާދީ އިސްލާމީ އުއްމަތަށާއި ދިވެހި ރައްޔިތުންނަށާއި އަދި ވަކިން ހާއްސަކޮށް ކުޅުދުއްފުށީގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ކުޅުދުއްފުށީ އޮންލައިންގެ ނަމުގައި އަރިސްކުރަމެވެ.
ޖަލާލުއްދީން ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުޅުދުއްފުށީ އޮންލައިން އިން ބޭއްވި “ކުޅުދުއްފުށީ އޮންލައިން ކުރުވާހަކަ ލިޔުމުގެ މުބާރާތް 2011” ނިމި އެމުބާރާތުގެ ފަނޑިޔާރުން ވާހަކަތަކަށް އިންސާފުކުރުމަށްފަހު ކުޅުދުއްފުށީ އޮންލައިން އަށް އެވާހަކަތައް ވަނީ ލިބިފައެވެ. މިމުބާރާތުގެ ނަތީޖާ ފާޅުކުރުން މި ރަމަޟާންމަހުގެ ތެރޭގައި ބާއްވާއިރު، އޭގެ ކުރިން މުބާރާތުގެ އެންމެ މޮޅު ފަނަރަ ވާހަކަ ކުޅުދުއްފުށީ އޮންލައިން މެދުވެރިކޮށް ކިޔުންތެރިންނަށް ގެނެސްދެމުން ދާނެއެވެ.
މުބާރާތުގައި ހިމެނޭ ދެ އުމުރުފުރާގެ ތެރެއިން ޖޫނިއަރ ބައިން އެންމެ މޮޅު ފަސް ވާހަކަ ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ވާހަކަތަކަށް އިންސާފުކުރިއިރު ފަނޑިޔާރުން ދެއްވި ލަފާގެ މަތިން، މުބާރާތުގައި ހިމެނޭ ސީނިއަރ ބައިން އެންމެ މޮޅު ފަސް ވާހަކަ ހޮވުމުގެ ބަދަލުގައި، އެބައިން ހޮވާފައިވަނީ އެންމެ މޮޅު ދިހަ ވާހަކައެވެ. އެއީ އެ އުމުރުފުރާގައި ބައިވެރިވި ކުދިން ލިޔެފައިވާ ވާހަކަތަކުގެ ފެންވަރު ރަނގަޅުވެފައި ވުމުން، ގިނަ ކުދިންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
މުބާރާތުގެ އެންމެ މޮޅު 15 ވާހަކަ މިރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގެނެސްދޭގޮތަށް ހަމަޖެހިފައިވާއިރު، އެވާހަކަތައް ގެނެސްދޭނީ މުބާރާތުގައި އެވާހަކަތަކަށް ލިބުނު މާކްސްގެ ތަރުތީބުން ނޫންކަމުގައި ދަންނަވަމެވެ. އެގޮތުން އެވާހަކަތައް ގެނެސްދޭނީ “ރެންޑަމް” ކޮށެވެ.
އަދިވެސް އެއްފަހަރު ކުރިމަތީގައި މިވާ ރަމަޟާން މަހުގެ ހެޔޮއެދުމާ ތަހުނިޔާ އެންމެހާ ކިޔުންތެރިންނަށް އަރިސްކުރަމެވެ. އަދި، މި ރަމަޟާންމަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އެންމެ ކިޔުންތެރިންނަށް ނަސޭހަތްތެރި ވަމެވެ.