މުހައްމަދު އިސްމާއިލް
ދިއްދޫގައި ހުންނަ ހއ އަތޮޅު ހޮސްޕިޓަލުގައި ހަލާކުވެފައިވާ ވެކްސިންތަކެއް ބޭނުން ނުކުރާކަމަށް އެހޮސްޕިޓަލް ހިންގާ އަޕަރ ނޯތް ހެލްތް ސާރވިސަސް ކޯޕަރޭޝަނުން ބުނެފިއެވެ.
އެކޯޕަރޭޝަނުން މިހެން ބުނެފައިވަނީ، ހއ އަތޮޅު ހޮސްޕިޓަލުގައި ހަލާކުވެފައިވާ ވެކްސިން ތަކެއް ބޭނުން ކުރަމުންދާކަމަށް ބުނެ ފަތުރަމުންދާ ހަބަރުތައް ދޮގުކުރުމަށް ނެރެފައިވާ ނޫސްބަޔާނެއްގައެވެ. އެނޫސްބާޔަނުގައި ބުނެފައިވަނީ، 30 ޖުލައި 2011 ވަނަ ދުވަހު ދި އެފް އެމް އިން ހއ. އަތޮޅު ހޮސްޕިޓަލުގައި ހަލާކުވެފައިވާ ވެކްސިންތަކެއް ކުޑަކުދިންނަށް ޖަހަމުންދާކަމަށް ފަތުރާފައިވާ ޚަބަރަކީ ކަމުގެ ހަޤީގަތް ނުބަލާ ރައްޔިތުންނަށް އޮޅޭގޮތަށް ގެނެސްދީފައިވާ ވަރަށް ޒިންމާދާރުކަން ކުޑަ ޚަބަރެއް ކަމަށެވެ. އަދި އެކަން އެކޯޕަރޭޝަނުން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށްވެސް އެނޫސްބަޔާނުގައި ވެއެވެ.
އަޕަރ ނޯތް ހެލްތް ސާރވިސަސް ކޯޕަރޭޝަނުން ނެރެފައިވާ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދިއެފް އެމް އިން އެވާހަކަ ފަތުރާފައިވަނީ އެހޮސްޕިޓަލުގެ މެނޭޖްމަންޓްގެ ބަހެއް ނުހޯދާ، ސީދާ ހަޤީގަތާއި ޚިލާފަށް ކަމަށެވެ. އަދި އެފަދަ މުހިއްމު، މުޅި ރައްޔިތުންނާއި ގުޅުންހުރި ކަމެއްގެ ވާހަކަ ހަޤީގަތާއި ޚިލާފަށް ރައްޔިތުންނަށް އޮޅުން އަރާގޮތަށް ފޮނުވާފައިވާތީ ހިތާމަ ކުރާ ކަމަށްވެސް އެނޫސްބަޔާނުގައި ބުނެފައިވެއެވެ.
“މިކޯޕަރޭޝަނުން ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމްއަކީ ޑަބް ލިޔު އެޗް އޯގެ ސްޓޭންޑަރޑް އަށް ފެތޭގޮތަށް މޮނިޓަރކޮށް ބެލެހެއްޓޭ ޕްރޮގްރާމަކަށްވާތީވެ މިކޯޕަރޭޝަނުން ދެވޭ ވެކްސިނެއްގައި އެއްވެސް މައްސަލައެއް ނޫޅޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހާ ދިވެހި ރައްޔިތުންނަށް، ޚާއްޞަކޮށް މިޕްރޮވިންސްގެ އެންމެހައި ރައްޔިތުންނަށް އަރުވަމެވެ.” ނޫސްބަޔާން ނިންމާލަމުން ބުނެފައި ވެއެވެ.
ދުވަހު ނޫހެއްކަމަށްވާ ސަން އޮންލައިން ނޫހަށް މައުލޫމާތު ދެމުން ދިއެފްއެމް ގެ ސީއީއޯ ވިދާޅުވެފައިވަނީ، އެޗެނަލްގެ އެއްވެސް ހަބަރެއްގައި އިތުބާރު ހުރި މަސްދަރަކުން ލިބިފައިވާ މައުލޫމާތެއް ނޫނީ ހިމަނާފައިނުވާނެ ކަމަށެވެ.