އިބްރާހީމް ހަމީދު
ކޮންމެ އަހަރެއްގެ ރަމަޟާންމަހު ގޭގެއަށް ބަހަން ސަރުކާރުން ފޮނުވާފައިވާ ކަދުރު ކުޅުދުއްފުށީ ކައުންސިލަށް ލިބިފައި ހުރިނަމަވެސް އެކަދުރުތައް ނުބެހި ލަސްވަނީ ގޭބިސީތަކަށް ހަމަވާވަރަށް ކަދުރު ލިބިފައި ނެތުމުން އިތުރަށް ސާފުކުރަންޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށް ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ އޮންލައިން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ޖަމްޝީދު މުހައްމަދު ވިދާޅުވީ، މިއަހަރުގެ ރަމަޟާން މަހު ގޭބިސީތަކަށް ބެހުމަށްޓަކައި 607 ޕެކެޓް ކަދުރު ލިބިފައިވާ ކަމަށާއި އެހެންނަމަވެސް ކުޅުދުއްފުށީގައި 1303 ގެ ހުރި ކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ.
“މިއަހަރުގެ ޖުލައި މަހުގެ 04 ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށީގައި މީހުން ދިރިއުޅެމުންދާ ކަމަށް މައޫލޫމާތު ލިބިފައިވަނީ 1303 ގެ. އެހެންނަމަވެސް ބަހަން މިވަގުތު ކައުންސިލަށް ލިބިފައިވަނީ 607 ޕެކެޓް ކަދުރު” ޖަމްޝީދު ވިދާޅުވި އެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން ޖަމްޝީދު މުހައްމަދު ވިދާޅުވީ މިހާތަނަށް ކޮންމެ އަހަރަކު ގެއަކަށް ކަދުރު ޕެކެޓް ދެމުން އައިސް މިއަހަރު ލިބުނު ކަދުރުގެ އަދަދު މަދުވުމުން އެއީ ކިހެނެއްވީ ކަމެއްތޯ މިހާރު ބަލަމުންދާ ކަމަށެވެ. އަދި އިތުރަށް މިއަހަރު ކަދުރު ލިބޭނެތޯވެސް ބަލަމުންދާ ކަމަށް ކައުންސިލްގެ ރައީސް ޖަމްޝީދު ވިދާޅިއެވެ.
އެހެންނަމަވެސް ޖަމްޝީދު ވިދާޅުވީ މިހާރު ލިބިފައިހުރި ކަދުރުތައް ބެހުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އަދި ބާކީ ހުރި ކަދުރު ލިބޭނެތޯ ކަމާބެހޭ ފަރާތްތަކުން ސާފުކުރަމުން ގެންދަވާ ކަމަށެވެ.
“ބާކީ ނުލިބިހުރި ކަދުރު ލިބޭނެ ގޮތެއްވެސް ބަލަން އެބަޖެހޭ. މިހާރު ކަދުރު ލިބިފައި އެހުރި އަދަދުން ގޭބީސީތަކަށް ކަދުރު ހަމައެއް ނުވާނެ. ކަންބޮޑުވުމަކީ ރައްޔިތުންނަށް ދޭން ގޭބީސީތަކުގެ އަދަދަށް ކަދުރު ލިބިފައި ނެތުން. މިއީ މިއަހަރު ދިމާވެގެން އުޅޭގޮތެއް. އެހެން އަހަރުތަކުގައި އިތުރަށްވެސް ރައްޔިތުންނަށް ދޭން ކަދުރު ލިބޭ” ޖަމްޝީދު ވިދާޅުވި އެވެ.
މިކަމާބެހޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ހދ އަތޮޅު ކައުންސިލުގެ ރައީސްކަމަށް ދާދި ފަހުން އިންތިހާބު ކޮށްފައިވާ އެކައުންސިލުގެ ރައީސް މުހައްމަދު ޝުކޫރަށް ގުޅާލުމުން ވިދާޅުވީ، ހދ އަތޮޅުގެ 13 ރަށަށް ބަހަން ސަރުކާރުން ފޮނުވާފައިވަނީ 1810 ޕެކެޓް ކަދުރު ކަމަށެވެ. އަދި މިއަހަރު ކަދުރު ލިބިފައިވަނީ އެއްވެސް ރަށަށަކަށް އެރަށެއްގެ ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއް ހަމަވާ ވަރަށް ނޫން ކަމަށް ޝުކޫރު ވިދާޅުވި އެވެ.
ޝުކޫރު ވިދާޅުވީ މިއަހަރު ގޭބިސީތަކަށް ބެހުމަށް މަދު އަދަދަކަށް ކަދުރު ފޮނުވާފައި ހުރުމުން އެކަމާބެހޭގޮތުން ކައުންސިލުގައި މަޝްވަރާކުރަމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
ރޯދަ މަހަށް ހާއްސަކޮށްގެން ސައުދީއަރަބިއްޔާ ސަރުކާރުން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައި ވެއެވެ. 1988 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް ކަދުރު ހަދިޔާ ކުރެއެވެ.