އިބްރާހިމް ހަމީދު
ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކުޅުދުއްފުށީ ސިތާރާވިލާ އަހްމަދު އިބްރާހިމަށް އެހީތެރިވުމުގެ ގޮތުން މިރޭ ކުޅުދުއްފުށީގައި ފަންޑު ފޮއްޓެއް ބަހައްޓައިފިއެވެ.
އެފަންޑު ފޮށި ބެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވި އެއް ފަރާތްކަމަށްވާ މުހައްމަދު ދާއޫދު މިނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެ ފަންޑު ފޮށްޓަކީ ކެންސަރު ބައްޔަށް ފަރުވާކުރަމުން އަންނަ ކުޅުދުއްފުށީގެ ޒުވާނެއް ކަމަށްވާ ސިތާރާވިލާ އަހްމަދު އިބްރާހިމަށް އެހީތެރިވުމުގެ ގޮތުން އެ އާއިލާގެ އެދުމުގެ މަތިން ކުޅުދުއްފުށީގެ ކްލަބް ޖަމިއްޔާތަށް ގުޅިގެން ބެހެއްޓި ފަންޑު ފޮށްޓެއް ކަމަށެވެ.
މުހައްމަދު ދާއޫދު އިތުރަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މިރޭ ބެހެއްޓި ފަންޑު ފޮށްޓައް ލިބޭ ފައިސާ އަންނަ ފިތުރު އީދު ދުވަހު އެއާއިލާ އާ ހަވާލުކުރާގޮތަށް އޮތްނަމަވެސް އޭގެ ކުރިން ވެސް އެއާއިލާއިން ބޭނުންވެއްޖެނަމަ ފަންޑު ފޮށްޓައް ލިބޭ ފައިސާ ހަވާލުކުރާނެ ކަމަށެވެ.
އަހްމަދު އިބްރާހިމްގެ އާއިލާގެ ފަރާތުން އޭނަގެ ބޭބޭ މުހައްމަދު އިބްރާހިމް ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެމުން ބުނީ އަހްމަދު އިބްރާހީމް ކުޅުދުއްފުށީ ހޮސްޕިޓަލަށް ދެކުމުން މާލެ ދިއުމަށް އެންގި ކަމަށާއި އަދި މާލެ ދިއުމުން އަވަހަށް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރު އެންގި ކަމަށެވެ. އެގޮތުން، މިއަހަރުގެ ފެބްރުއަރީ މަހު އިންޑިޔާގެ އާރުސީސީ ހޮސްޕިޓަލަށް ދައްކާފައި ވާކަމަށެވެ. އަދި އެހޮސްޕިޓަލުން ޓެސްޓުތައް ހެދުމަށްފަހު ބުނެފައިވަނީ އަހްމަދުގެ ލެއަށް ކެންސަރު ޖެހިފައިވާ ކަމަށެވެ. އެބަލިން ސަލާމަތްވުމަށްޓަކައި ބޯން މެރޯ ހެދުމަށް ޑޮކްޓަރު ލަފާ ދީފައިވާ ކަމަށް އެއާއިލާ އިން ބުނެއެވެ.
އަހްމަދު އިބްރާހީމްގެ ބޭބެ މުހައްމަދު އިބްރާހީމް މައުލޫމާތު ދޭގޮތުގައި އެބަލިން ސަލާމަތްވުމަށްޓަކައި ހަދަންޖެހޭ ބޯންމެރޯ ހެދުމަށްވެސް 450000 ދިވެހި ރުފިޔާ (ބާރަލައްކަ ރުޕީސް) ހަރަދުވެ އެވެ. އަދި ބޯންމެރޯ ހެދުމަށްފަހު އެއް އަހަރުވަންދެން އިންޑިޔާގައި ކޮއްކޮ ގޮވައިގެން މަޑުކުރަން ޖެހޭކަމަށެވެ.
އަހްމަދުގެ އާއިލާއިން މައުލޫމާތު ދޭގޮތުގައި އިންޑިޔާގައި އަހްމަދުގެ ޓެސްޓުތަށް ހެދުމަށްވެސް 2 ލައްކައަށްވުރެ ގިނަ ފައިސާ ހަރަދުވެފައިވާކަމަށާއި މިހާތަނަށްވެސް ހަރަދުތައް ހަމަޖައްސާފައިވަނީ މަދަނައިގެ ދަށުންނާއި ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީން ކަމަށެވެ. އަދި ކުޅުދުއްފުށީގައި އަހްމަދަށް އެހީ ވުމގެ ގޮތުން ފަންޑު ފޮށްޓެއް ބެހެއްޓިކަމަށްޓަކައި އެއާއިލާގެ ފަރާތުން އެކަމުގައި އިސްކޮށް އުޅޭ ފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
ކެންސަރު ބައްޔަށް ފަރުވާކުރަމުން އަންނަ އަހްމަދު އިބްރާހީމަށް އެހީވުމުގެ ގޮތުން ކުޅުދުއްފުށީގެ ދެ ތަނެއްގައި ފަންޑު ފޮށި ވަނީ ބަހައްޓާފައެވެ. އެގޮތުން ކުޅުދުއްފުށީ ބަންޑާރަމަގުގައި ހުންނަ އެމްއޯސީ ބުކްޝޮޕްގައި އެއް ފޮށި ބަހައްޓާފައި ވާއިރު އަނެއް ފޮށި ބަހައްޓާފައިވަނީ ކުޅުދުއްފުށީ ނިޝާން ފިހާރާގައެވެ.
ކުޅުދުއްފުށީގައި މިރޭ ފަންޑު ފޮށި ބެހެއްޓުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ހދ އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ޝުކޫރެވެ. އެމްއޯސީ ފިހާރާގައި ފަންޑު ފޮށި ބެހެއްޓުމުގެ ރަސްމިއްޔާތުގައި ސަރުކާރު އޮފީސްތަކުގެ ވެރިންނާއި ކުލަބު ޖަމްއިއްޔާތަކުގެ މެމްބަރުންނާއި ކައުންސިލް މެމްބަރުންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެފައި ވެއެވެ.