އިބްރާހިމް ހަމީދު
ހދ. އަތޮޅު ކައުންސިލުގެ ކުރީގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާފައިވަނީ ވަރަށް ބޭއިންސާފުން ކަމަށާއި އަދި އެއީ ވަރަށް ބޮޑަށް ޒާތީ ކަމެއް އެކުލެވިގެންވާ ކަމެއްކަމަށް ހދ އަތޮޅު ކައުންސިލުގެ ރައީސްކަމުގެ މަގާމުން ވަކިކޮށްފައިވާ އެކައުންސިލުގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައީސް އާދަމް ވަހީދު ވިދާޅުވެއްޖެ އެވެ.
ހދ އަތޮޅު ކައުންސިލުގެ ފުރަތަމަ ރައީސް އާދަމް ވަހީދު އެމަގާމުން ވަކިކުރެއްވި ފަހުން ފުރަތަމަ ފަހަރަށް މީޑިޔާއަށް ދެއްވި ބަސްދީގަތުމުގައި އާދަމް ވަހީދު ވިދާޅުވީ، އެއީ އެކައުންސިލުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ކައުންސިލަރުން ކުރެއްވި ވަރަށް ބޭއިންސާފު ކަމެއްކަމަށެވެ. އާދަމް ވަހީދު ވިދާޅުވީ އިތުބާރުނެތްކަމަށް ވޯޓެއް ނެގުމުގައި ސަބަބުތަކެއްވެސް ހުންނަންޖެހޭނެ ކަމަށެވެ. އެގޮތުން ރައީސްކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދުން ނުވަތަ ހިޔާނާތުގެ މައްސަލައެއް ފަދަ އެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށެވެ.
އާދަމް ވަހީދުގެ މައްޗަށް އިތުބާރު ނެތްކަމަށް ވޯޓެއް ނެގި ސަބަބެއްކަމަށް އޭނާ ވިދާޅުވަނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް އެންމެ އުތުރުގެ އަތޮޅުތަކުން މެމްބަރަކު ހޮވުމަށް ބޭއްވި އިންތިހާބުގައި އެމްޑީޕީން ނިންމާފައިވާ ގޮތަށް ވޯޓު ނުދިން ކަމަށް ބުނެ ހުށަހެޅި މައްސަލައެވެ.
“އެބޭފުޅުން ކުރައްވާ ތުހުމަތަކީ ލޯކަލް ގަވާރމެންޓް އޮތޯރަޓީއަށް މެމްބަރަކު ހޮވުމަށް ޕާޓީން (އެމްޑީޕީން) ނިންމާފައިވާ ގޮތަށް ވޯޓް ނުދިނިއްޔޭ ކިޔާފައި. ވޯޓަކީ ގާނޫނު އަސާސީން ކޮންމެ މީހަކަށް ވެސް ލިބިދީފައިވާހައްގެއް. އެވޯޓަކީ އެއީ ސިއްރުވޯޓެއް.” އާދަމް ވަހީދު ވިދާޅުވި އެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން އާދަމް ވަހީދު ވިދާޅުވީ އެވޯޓުލީ ކޮންބޭފުޅަކަށް އަދި ކޮންގޮތަކަށް ކަން އެނގިވަޑައިގަންނަވާތޯ ހދ އަތޮޅު ކައުންސިލުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ކައުންސިލަރުންނާއި ސުވާލުކުރުމުން އެސުވާލަށް ވެސް ޖަވާބެއްް އެބޭފުޅުން ނުދެއްވާ ކަމަށެވެ.
“ޕާޓީ އަސާސީ ގަވައިދަށް ރިއާޔަތް ކުރާއިރު އެއުސޫލަކުންވެސް ނޫން އިތުބާރު ނެތްކަމުގެ ވޯޓް ނަގާފައިއޮތީ. އަދި އެއުސޫލޫން ބަލާއިރު އެހަބޭފުޅުންނަށް (ކައުންސިލުގައި ހިމެނޭ އެމްޑީޕީގެ ކައުންސިލަރުންނަށް) އެކަން ނުވެސްކުރެވޭނެ. އެއީ ސިއްރު ވޯޓަކަށްވާތީ އެހެން ކިޔާފައި މަގާމުން ވަތްކެއް ނުކުރެވޭނެ.” އާދަމް ވަހީދު ވިދާޅުވި އެވެ.
އާދަމް ވަހީދު ވިދާޅުވީ، އެގޮތަށް ވޯޓެއް ނެގުމުން އެކައުންސިލަރުންނާ ސުވާލު ކުރެއްވި ކަމަށާއި އަދި އެއީ އެމްޑީޕީގެ ގޮފިތަކުން ނުވަތަ ޕާޓީގެ ހިންގާ ކޮމިޓީން ބުނެގެން ކޮށްފައިވާ ކަމެއްތޯ އެއްސެވި ކަމަށެވެ. އެހެންނަމަވެސް އެފަދަ އެއްވެސް އެންގުމެއް އަންގާފައި ނުވާކަމަށެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން މެމްބަރަކާމެދު ފިޔަވަޅު އެޅޭނީ ޕާޓީގެ ރޫހާ ހިލާފު ކަމެއްކޮށްފި ނަމަ އެމައްސަލަ ޕާޓީގެ ޑިސިޕްލިނަރީ ކޮމެޓީއަށް ހުށަހަޅާ އެކޮމެޓީން ވަކިގޮތަކަކަށް ކަމެއް ކުރުމަށް އަންގައިފިނަމަ ކަމަށެވެ.
އާދަމް ވަހީދު ވިދާޅުވީ އެލްޖީއޭގެ ބޯޑަށް މެމްބަރުން ހޮވުމުގައި އެމްޑީޕީ އަށް ނިސްބަތްވާ ބައެއް ކައުންސިލަރުން ބައިވެރިވެފައި ނުވާއިރު އެބޭފުޅުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށެވެ. އަދި އެބޭފުޅުން ވޯޓިގައި ބައިވެރިނުވި ސަބަބު ހާމަނުކުރާއިރު އެދެބޭފުޅުންނާ މެދުވެސް ފިޔަވަޅު އެޅެން ޖެހޭނެކަމަށް އާދަމް ވަހީދު ވިދާޅުވި އެވެ.
“އެވޯޓް ދިނުމަށްޓަކާ އެމްޑީޕީއަށް ނިސްބަތްވާ ދެބޭފުޅަކު ވޯޓްދޭން ނައިސްތިބި. އެ ދެބޭފުޅުންނަކީވެސް އެމްޑީޕީ ޓިކެޓްގައި ވާދަކޮށް ހޮވިފައި ތިބި ދެބޭފުޅުން. (ވޯޓުގައި ބައިވެރިވުމަށް) އާދެވޭނޭ ގޮތަށް އިންތިޒާމު ހަމަޖެއްސީމަވެސް ވަޑައިނުގަތީ ކީއްވެތޯ ސުވާލުކުރުމުން އެއްވެސް ޖަވާބެއް ނުދެއްވާ” އާދަމް ވަހީދު ވިދާޅުވި އެވެ.
އާދަމް ވަހީދު އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ ފަސް މަސްދުވަހު ސްޓްރެޓެޖިކް ޕްލޭންތަކެއް އެކުލަވާލުމުގެ މަސައްކަތް ކައުންސިލުގެ މެމްބަރުންނާ ހަވާލުކުރެވިފައި ވީ ނަމަވެސް އެކައުންސިލުގެ ރައީސް އާއި ނައިބު ރައީސްގެ މައްޗަށް އިތުބާތުނެތްކަމަށް ވޯޓު ނެގުމުގައި އުޅުނު މެމްބަރުންގެ ފަރާތުން އެއްވެސް ކަމެއް އެޖެންޑާ ނުކުރާއިރު މިވީ ފަސް މަސްދުވަހުވެސް އެބޭފުޅުން އުޅުއްވީ އިތުބާރުނެތްކަމުގެ ވޯޓު ނެގުމުގެ މައްސަލަތަކުގައި ކަމަށެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ ހދ އަތޮޅު ކައުންސިލުގެ ރައީސް އާއި ނައިބު ރައީސްގެ މައްޗަށް ކުއްލި ގޮތަކަށް އިތުބާރު ނެތްކަމަށް ފާސްކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެމް.ޑީ.ޕީގެ 6 މެމްބަރަކު ސޮއިކުރައްވާ ހުށަހެޅި މައްސަލައަކާ ގުޅިގެން ބޭއްވި ކުއްލި ބައްދަލުވުމެއްގައި އެވެ.