twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީ ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން މިހާރު ކުރިއަށްދަނީ އެކުންފުނި ރަޖިސްޓްރީ ކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް: ޗެއާރމަން

Aug 6, 2011

އިބްރާހިމް ހަމީދު

ސަރުކާރުން ދާދި ފަހުން އުފެއްދި ކުޅުދުއްފުށީ ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން މިހާރު ކުރިއަށްދަނީ އެކުންފުނި ރަޖިސްޓްރީ ކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކަމަށް އެކޯޕަރޭޝަންގެ ޗެއާރމަން އަދި މަތިއުތުރު ސަރަހައްދުގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ހުނައިފް ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ އޮންލައިން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ކޭޑީސީ) ގެ ޗެއާރމަން ވިދާޅުވީ ކުންފުނި ރަޖިސްޓްރީ ކުރުމަށްޓަކައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން ގެންދާ ކަމަށާއި އެގޮތުން އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރާއި ކޮމްޕެނީ ސެކްރެޓަރީގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފައިވާ ކަމަށެވެ.

އެގޮތުން މިމަހުގެ 03 ވަނަ ދުވަހު ކޭޑީސީގެ ބޯޑު ބައްދަލުވުމެއްގައި އެކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުކަމަށް ކަނޑައަޅާފައިވަނީ ސަރުކާރުން އެކޯޕަރޭޝަނަށް އައްޔަންކުރެއްވި ކުޅުދުއްފުށީ އިނގުރުމާގެ ޞާލިހު ހުސެއިން އެވެ. އެކުންފުނީގެ ސެކްރެޓަރީއަކަށް ހަމަޖައްސަވާފައިވަނީ ސަރުކާރުން އައްޔަންކުރައްވާފައިވާ ބޯޑު މެމްބަރު ކުޅުދުއްފުށީ އޯޝަންވިލާ ހަސަން ޒިޔާދު އެވެ.

ކުޅުދުއްފުށީ ކައުންސިލާއި ކޭޑީސީ ގުޅިގެން ރޯދަ މަސް ފެށުމުގެ ކުރިން ކުޅުދުއްފުށިން ގޯތި ވިއްކުމުގެ ޕުރޮގްރާމެއް އިއުލާނު ކުރާނެކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ ވިދާޅުވެފައިވާއިރު އޭގެ އެއްވެސް ހަބަރެއް މިހާތަނަށް ވެފައި ނުވަނީ ކީއްވެތޯ ދެއްނެވުމުން ކޭޑީސީގެ ޗެއާރމަން ވިދާޅުވީ އަދި ކުންފުނި ރަޖިސްޓްރީ ވެސް ނުކުރެވޭ ކަމަށާއި ގޯތި ވިއްކުމުގެ ޕުރޮގްރާމްގެ މަސައްކަތް ކުރިއަށް ގެންދެވޭނީ އެމަރުހަލާ ނިމުމުން ކަމަށެވެ.

ކުޅުދުއްފުށީގެ ތަރައްގީއަށް ސަރުކާރުން އުފައްދަވާފައިވާ ކުޅުދުއްފުށީ ޑިވޮލޮޕްމަންޓް ކޯޕަރޭޝަނަކީ ސަރުކާރުގެ 51 ޕަސެންޓް އަދި ކުޅުދުއްފުށީ ކައުންސިލުގެ 49 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ. އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން 4 މެމްބަރުން އައްޔަންކޮށްފައިވާއިރު ކުޅުދުއްފުށީ ކައުންސިލުގެ ފަރާތުން 3 މެމްބަރުން އެބޯޑުގައި ތިއްބަވައެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355