އިބްރާހިމް ހަމީދު
މި ރަމަޟާން މަހުގެ ތެރޭގައި ކުޅުދުއްފުށީގެ ބައެއް ސްކޫލުތަކުގައި ގުރުއާން މުބާރާތްތަކެއް ބާއްވަމުންދާ ކަމަށް އެސްކޫލުތަކުން މައުލޫމާތު ދީފިއެވެ.
އެގޮތުން ކުޅުދުއްފުށީ އިތުމަތީ އަވަށު ޕްރީ ސްކޫލުގައި ގުރުއާން މުބާރާތެއް މިމަހުގެ 5 އަދި 6 ވަނަ ދުވަހު ބާއްވާ ނިމިފައިވާއިރު އަމީރު އަމީން ސްކޫލުގައި ގުރުއާން މުބާރާތް އޮންނާނީ މިމަހުގެ 12 އަދި 13 ވަނަ ދުވަހު ކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ. އަދި މިމަހުގެ 26 އަދި 27 މި ދެދުވަހު އަފީފުއްދީން ސްކޫލުގައި ވެސް ގުރުއާން މުބާރާތެއް އޮންނާނެކަމަށް އަފީފުއްދީން ސްކޫލުން ވަނީ ބުނެފައެވެ.
އަމީރު އަމީން ސްކޫލުގެ ގުރުއާން މުބާރާތުގެ ކޯޑިނޭޓަރ މަރިޔަމް ހަސަން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މުބާރާތުގެ މަގްޞަދަކީ ތުއްތު ކުދިންގެ މެދުގައި ކީރީތި ގުރުއާނަށް ލޯބި ޖެއްސުމާއި މަތީ ގްރޭޑްތަކަށް ދާއިރު މިފަދަ މުބާރާތްތަކަށް އަހުލުވެރިކުރުވުން ކަމަށެވެ.
ކުޅުދުއްފުށީގައި އެންމެ ފުރަތަމަ އުފެދުނު ޕްރީ ސްކޫލުކަމަށްވާ އަމީރު އަމީން ސްކޫލުގެ ގުރުއާން މުބާރާތުގައި މިއަހަރު ތިން އުމުރުފުރާއަކުން 240 ކުދިން ބައިވެރިވާކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ. އެގޮތުން ޔޫކޭޖީ، އެލްކޭޖީ އަދި ނާސަރީ ގްރޭޑްތަކުން ދަރިވަރުން ބައިވެރިވެފައިވާއިރު މުބާރާތުގެ ވަނަ ހޮވާނީ ހަމައެކަނި ޔޫކޭޖީ އާއި އެލްކޭޖީގައި ކަމަށް މަރްޔަމް ހަސަން ވިދާޅުވި އެވެ. އަދި ނާސަރީ ކުދިން މުބާރާތުގައި ބައިވެރިކުރީ ފަރިތަކުރުމުގެ ގޮތުންކަމަށް އޭނާ ވިދާޅުވި އެވެ.
އަމީރު އަމީން ސްކޫލުގެ މުބާރާތް ކުރިއަށް ދާނީ އަފީފުއްދީން ސްކޫލު ހޯލުގައެވެ.
މިމަހުގެ 5 ން 6 ށް ކުޅުދުއްފުށީ އިރުމަތީ އަވަށު ޕްރީ ސްކޫލުގައި ވެސް ގުރުއާން މުބާރާތެއް ވަނީ ބާއްވާފައެވެ. އެގޮތުން އެމުބާރާތް ބާއްވާފައިވަނީ ހަތަރު އުމުރުފުރާއަކަށް ބަހާލައިގެން ކަމަށް އެސްކޫލު ހިންގުމާއި ހަވާލުވެހުރި ހަސަން އަހްމަދު ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދީފައި ވެއެވެ. އެމުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މިމަހުގެ 13 ވަނަ ދުވަހު އެވެ.
ކުޅުދުއްފުށީގައި ހުރި 2 ޕްރީ ސްކޫލުގެ އިތުރުން އަފީފުއްދީން ސްކޫލުގައި ވެސް މި ރަމަޟާން މަހުގެ ތެރޭގައި ގުރުއާން މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ. އެސްކޫލުގައި މުބާރާތް އޮންނާނީ މިމަހުގެ 26 އަދި 27 ގައި ކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ.