ދަނޑުވެރިން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތަށް މާކެޓް ކުރެވޭނެ ނިޒާމެއް އެސްޓީއޯއިން މިއަދު އިފްތިތާހު ކޮށްފިއެވެ.
ސަރުކާރުން ހިންގާ ތަރައްގީގެ ތިން މަޝްރޫއެއް އިފްތިތާހު ކުރުމަށްޓަކައި މިއަދު ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވީ މިނިޒާމުގެ ދަށުން ދަނޑުވެރިންގެ އުފެއްދުންތައް ގަނެ ވިއްކައި، ޕުރޮސެސްކޮށް އަދި ރަނގަޅު ބްރޭންޑެއްގައި އެތަކެތި މާކެޓް ކުރެވޭނެ ކަމަށެވެ. އަދި އެސްޓީއޯއިން އެފަދަ ބާވަތްތައް މާކެޓު ކުރުމުގައި މާލެ އާއި ރާއްޖޭގެ އާބާދީ ބޮޑު ސަރަހައްދުތަކުގެ އިތުރުން ޓޫރިޒަމް ދާއިރާއަށް ވެސް މާކެޓު ކުރުމަށް މަސައްކަތް ކުރާނެކަމަށެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ދަނޑުވެރިކަމުގެ ވަރަށް ގިނަ އުފެއްދުންތައް ކުޅުދުއްފުއްޓަށް މިހާރުވެސް ގެންނަމުންދާ ކަމަށާއި އެކަމަކު އުފެއްދުންތައް ރަށްރަށަށް ގެންދިއުމުގައި އެކަށީގެންވާ ރަނގަޅު ސިސްޓަމެއް ކުޅުދުއްފުށީގައި ނެތުމުން އެކަމަށް އެސްޓީއޯ އިން ހައްލެއް ހޯދައިދޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެސްޓީއޯއިން ފެށި މިމަޝްރޫއަކީ ޕައިލެޓް މަޝްރޫއެއް ކަމަށާއި މުޅިން އަލަށް ފެށި ކަމަކަށް ވާތީ ގޮންޖެހުންތަކެއް ހުންނާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މަޝްރޫއުފެށުމުން ދިމާވާ މައްސަލަތަށް ދެނެގަނެ އެކަންތައްތައް ރަނގަޅު ކުރައްވާނެކަމަށް ޝާހިދު ވިދާޅުވި އެވެ.
“އައިލް ފްރެޝް” ގެ ނަމުގައި އެސްޓީއޯ އިން މާކެޓުކުރުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމުގެ ބާވަތްތައް މާކެޓު ކޮށްދިނުމުގެ ކަންތައްތައް ރަނގަޅަށް ކުރެވިއްޖެނަމަ ވިޔަފާރި އުސޫލުން އެސްޓީއޯ އަށް ވެސް ފައިދާވާނެ ކަމަށް ދިރާސާއިން ދެއްކި ކަމަށް މެނޭޖިންގ ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވި އެވެ.
“މި އުފެއްދޭ ތަކެތި އަޅުގަނޑުމެން ދަނޑުވެރިން އަތުން ގަނެ، މި ދަންނަވާ ބްރޭޑްގެ ދަށުން، ރަނގަޅު މާކެޓްތަކަކަށް ގެންދެވި، އެއާއެކު ރަނގަޅު އަގުތަކެއްގައި، ވިއްކޭ ކަމަށް ވަންޏާ މީގެ ފައިދާ އެސްޓީއޯ އަށް ވެސް ކުންފުންޏަށް ވެސް ވެގެންދާނެ ކަން އަޅުގަނޑުމެން ގަބޫލުކުރަން. އަދި ކުރިމަގުގައި މި މަޝްރޫއަކީ ކާމިޔާބު ޕްރޮޖެކްޓެއް ކަމަށްވާނަމަ މީގެއިން ދަނޑުވެރިންނަށް އަދި އިތުރު ފައިދާތަކެއް ވެސް ކޮށްދެވިދާނެ. އޭގެ ތެރޭގައި މި މަޝްރޫއުގެ ތެރެއަށް ދަނޑުވެރިންނަށް ގަސްކާނާ، ފާޓިލައިޒާ އަދި ބޭނުންވާ ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތްތަކެއް ވެސް އަޅުގަނޑުމެންނަށް ކުރެވިދާނެ،” ޝާހިދު އަލީ ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރ ޑރ. އިބްރާހިމް ދީދީ ވިދާޅުވީ އަބަދުވެސް ދަނޑުވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ މީހުންގެ އުފެއްދުންތައް މާކެޓް ކުރެވޭނެ ގޮތެއް ނެތުން ކަމަށެވެ. އެސްޓީއޯ އިން މިފަދަ ބާވަތްތައް މާކެޓުކުރުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެ އަންނާނެކަމުގެ ޔަގީންކަން ޑރ ދީދީ ދެއްވި އެވެ.
އެގްރިކަލްޗަ މިނިސްޓަރު ވިދާޅުވީ “ދަނޑުވެރި އުފެއްދުމުގެ ބާޒާރު” އަކީ ވަރަށް ބޮޑު ޕްރޮޖެކްޓެއްގެ ފެށުން ކަމަށާއި އެފަދަ އެތައް ޕްރޮގްރާމެއް އެސްޓީއޯ އާ ގުޅިގެން ރޭވިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ހަތް ސަރަހައްދުގެ ދަނޑުވެރިންގެ އުފެއްދުންތައް މާކެޓް ކުރުމުގައި ދިމާވެފައިވާ ދަތިތަކަށް އެސްޓީއޯ މެދުވެރިކޮށް ހައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ. އަދި ދަނޑުވެރިކަމުގެ ބާވަތްތައް ޓުއަރިޒަމް ދާއިރާގެ ތެރެއަށް މާކެޓު ކުރުމުގެ މުހިއްމު ކަމުގެ މައްޗަށްވެސް ޑރ ދީދީ ވާހަކަ ދެއްކެވި އެވެ.
މިއަދު ކުޅުދުއްފުށީގައި ބޭއްވި މިރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މަތިއުތުރު ސަރަހައްދަށް ނިސްބަތްވާ ބައެއް މެމްބަރުންވެސް ބައިވެރިވެ ވަޑައިގަތެވެ. އޭގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި ކުޅުދުއްފުށީ ކައުންސިލުގެ މެމްބަރުންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.