ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގައި ކޮންޓެއިނަރ އުފުލުމަށް ދިމާވެފައިވާ ދަތިކަމަށް ހައްލެއް ގެނައުމަށްޓަކައި، ކުޅުދުއްފުށީ ޕޯޓް ލިމިޓެޑުން 150 ޓަނުގެ މޯބައިލް ކްރެއިނެއް ގެނެސްފިއެވެ.
ތަނުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުންނާއި ޕޯޓް ތަރައްގީ ކުރުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް މީގެ ކުޑަދުވަސް ކޮޅެއް ކުރިން ހަދާފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމުގެ ދަށުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހިއްސާގެ ތެރެއިން ގެނެވުނު މިކްރެއިން ކުޅުދުއްފުއްޓަށް ގެނެސްފައިވަނީ އޯގަސްޓް 31 ވަނަދުވަހުއެވެ. މިކްރޭން އަކީ 10 މީޓަރުގެ ރޭޑިއަސް އެއްގައި 35-40 ޓަނުގެ ބަރުދަން އުފުލުމުގެ ގާބިލުކަން ލިބިފައިވާ ކްރޭން އެކެވެ.
މިކަމާއި ގުޅޭގޮތުން އެކުންފުނީގެ ފަރާތުން އާއްމުކޮށްފައިވާ ނޫސްބަޔާނުގައި ހާމަކޮށްފައިވާ ގޮތުން “ކޮންޓެއިނަރ ހެންޑްލް ކުރުމަށް ދިމާވެފައިވާ ދަތިކަމުގެ ސަބަބުން ވިޔަފާރިވެރިން ކުރަމުންއައި ޝަކުވާއަށް ގެނެވުނު ކްރެއިންގެ ސަބަބުން ހައްލެއް ލިބިގެންދާނެ ކަމަށާއި، ކޮންޓެއިނަރގެ އިތުރުން އެހެނިހެން ބަރުމުދާވެސް އަރުވާބޭލޭނެއެވެ.”
“އަދި އަޅުގަނޑުމެންގެ އުއްމީދަކީ ކުޅުދުއްފުށީ ބަނދަރަށް ގެންނަ ކޮންޓޭނަރައިޒްޑް ކާގޯއާއި އެހެނިހެން ބާވަތްތަކުގެ ކާގޯ މިންވަރު އިތުރުވެގެން ދިއުމެވެ.” ކުޅުދުއްފުށީ ޕޯޓް ލިމިޓެޑްގެ ނޫސްބަޔާނުގައި ވެއެވެ.
ބަނދަރުން ހާމަކުރާގޮތުގައި މިގެނެވުނު ކްރޭން އަކީ ރާއްޖޭގައި މިވަގުތުއޮތް މިބާވަތުގެ އެންމެ ބޮޑު ކްރޭންއެވެ.
ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ ތަރައްގީއަށްޓަކައި މިހާރު ކުރަމުންއަންނަ އިތުރު މަސައްކަތް ތަކުގެ ތެރޭގައި އެބަނދަރަށް އަންނަ އުޅަނދު ފަހަރަށް ފިއުލް ބަންކަރު ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތާއި އެބަނދަރުގެ ސަރަހައްދުގައި ހޯލްސޭލް ސެންޓަރ ތަރައްގީކޮށް ހިންގުމަށް ބަޔަކު ހޯދުމުގެ މަސައްކަތް ހިމެނޭކަމަށް ސަރަހައްދީ ބަނދަރުން ހާމަކުރަށްވައެވެ. މީގެ އިތުރުން އަލަށް ހެދުމަށް ހަމަޖެހިފައިވާ ޖެޓީއާއި ލޭންޑިންގ ކްރާފްޓް ރޭމްޕާއި ޝޯރ ޕްރޮޓެކްޝަން އަދި ބާތު ފުންކުރުމުގެ މަސައްކަތަށް ބޭނުންވާ ޑީޓެއިލް ޑްރޯވިންގ ތައްޔާރު ކުރުމުގެ މަސައްކަތާއި އީއައިއޭ ހެދުމުގެ މަސައްކަތް ކުރިޔަށް އެބަ ދެއެވެ.