އިބްރާހިމް ހަމީދު
ކެންސަރުބަޔަށް އިންޑިޔާގައި ފަރުވާ ހޯދަމުން އަންނަ ކުޅުދުއްފުށީ އޯޒޯން ހަސީބު އަލީއަށް ހާއްސަކުރެވިގެން މިހާރު ކުރިއަށްދާ ހިރަފުސް ކަޕް ފުޓްސަލް މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ އެމުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނެފިއެވެ.
ކުޅުދުއްފުށީ އިރުމަތީ އަވަށު “ހިރަފުސް” ދަނޑުގައި ކުރިއަށްދާ މިމުބާރާތާ ބެހޭގޮތުން މުބާރާތުގެ އޮފިޝަލެއް ކަމަށްވާ އާދަމް އިލްހާމު ކުޅުދުއްފުށި އޮންލައިން އަށް މައުލޫމާތު ދެމުން ވިދާޅުވީ ހިރަފުސް ދަނޑުގައި ކުޅޭ ކުޅުންތެރިންގެ މެދުގައި ހަސީބު އަލީ އަށް ހާއްސަކޮށްގެން މިހާރު ކުރިއަށްދާ ފުޓްސަލް މުބާރާތަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.
“މެޗުތައް ކުޅެމުންދާއިރު ޓީމްތަކުންނާއި މުބާރާތުގެ މެޗްތައް ޝަރަފުވެރި ކޮށްދެއްވާ ބޭފުޅުންގެ ފަރާތުން ވަރަށް ބޮޑެތި އަދަދު ތަކުން ފައިސާގެ އެހީ ވަމުން އަންނަނީ. އަދި ކުޅިބަލަން އަންނަ އާންމުންނާއި މިދަނޑު ސަރަހައްދުގައި އުޅޭ އަވަށްޓެރިންގެ ފަރާތުންވެސް ދަނޑުގައި ބަހައްޓާފައި ހުރި ފަންޑު ފޮށި ތަކަށް ބޮޑެތި އަދަދު ތަކުން ފައިސާގެ އެހީތެރިކަން ދެމުން އަންނަނީ” އިލްހާމް ވިދާޅުވި އެވެ.
އިލްހާމް އިތުރަށް ވިދާޅުވީ މިހާރު ކުރިއަށްދާ މުބާރާތް ނިމުމާއެކު ދަނޑުގައި ބަހައްޓާފައިވާ ފަންޑު ފޮށިން ލިބޭ ފައިސާ ހަސީބުގެ އާއިލާ އާއި ހަވާލުކުރާނެ ކަމަށެވެ.
ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު ކުރިއަށްދާ މިމުބާރާތް ފަށާފައިވަނީ އޯގަސްޓް މަހުގެ 30 ގައެވެ. މުބާރާތުގެ ފައިނަލް މެޗް ސެޕްޓެމްބަރު މަހުގެ 11 އޮންނައިރު މުބާރާތުގައި 7 ޓީމެއް ވާދަކުރެ އެވެ. މުބާރާތުގައި މިހާތަނަށް 14 މެޗް ކުޅެ ނިމިފައިވާއިރު މިއީ ހިރަފުސް ކަޕް ބާއްވާ 4 ވަނަ އަހަރެވެ.