އިބްރާހިމް ހަމީދު
ދެމަސްދުވަހު މެދުކެނޑިފައި އޮތުމަށްފަހު ކުޅުދުއްފުށީ އަމީނީ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ފަށައިފި އެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޕުރޮޖެކްޓް މެނޭޖަރ މުހައްމަދު އަބްދުއްރަހުމާނު ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދެމުން ވިދާޅުވީީ ކުޅުދުއްފުށީ އަމީނީމަގުގެ ޑިޒައިނަށް ރަށުކައުންސިލުން ގެންނަން ބޭނުންވި ބަދަލުތަކެއް ހުރުމުގެ ސަބަބުން މަގުގެ މަސައްކަތް ދެމަސްދުވަހަށް މަޑުޖައްސާލާފައިއޮތުމަށްފަހު މަގުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ.
މުހައްމަދު އަބްދުއްރަހްމާން ވިދާޅުވީ ކުޅުދުއްފުށީގެ އަމީނީމަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ ހައުސިން މިނިސްޓްރީން ކަމަށާއި މަސައްކަތް ކުރިއަށްދަނީ ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ ޕްލޭނާއި އެއްގޮތަށް ކަމަށެވެ.
އަމީނީ މަގުގެ މަސައްކަތް މަޑުޖައްސާލާފައި އޮތުމަށްފަހު އަލުން ފެށުމާއި ގުޅިގެން ކުޅުދުއްފުށީ އޮންލައިނުން ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރަށު ކައުންސިލް އިދާރާގެ މުނިސިޕަލް ކަންކަމާއި ހަވާލުވެހުރި އެކައުންސިލްގެ މެމްބަރު އަބްދުއްޝުކޫރު ވިދާޅުވީ، ދުއްވާ މީހުންނަށާއި މަގުހިނގާ މީހުންނަށް ޖާގަ ބޮޑުވާގޮތަށް މަގުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުސްވި ރަމަޟާންމަހު އެކޯޕަރޭޝަނަށް އަންގާފައިވާ ކަމަށެވެ.
ކައުންސިލުން އެމަސައްކަތް ހުއްޓުވާފައިވަނީ ޕޭވްމަންޓްގެ ސައިޒާއި ރޯޑް ޑިވއިޑާރގެ ސައިޒު ބޮޑުކަމަށް ބުނެފައި އެވެ. ކައުންސިލުގެ މެމްބަރު ޝުކޫރު ވިދާޅުވީ، އެކައުންސިލުން އެގޮތަށް ބޭނުންވި ނަމަވެސް ބިމުގެ އަޑީގައި ވަޅުލާފައިވާ ހޮޅިތަކާއި އަދި އެނޫންވެސް ޓެކްނިކަލް އެހެން މައްސަލަތަކެއް ދިމާވާނެތީ އެކަން އެގޮތަށް ކުރެވެން ނެތްކަމަށް ރަށު ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
މިފަހަރު މަގުމަތީގެ މަސައްކަތް ފެށިފަހުން ކުރިއަށްދަނީ ކާނުގެ ހޮޅިތައް ވަޅުލުމާއި ޕޭވްމަންޓްގެ މަސައްކަތް ކަމަށް ރަށު ކައުންސިލުން މައުލޫމާތު ދެއެވެ.
އަމީނީ މަގުގެ މަސައްކަތް ކުރިއަށް ދަނިކޮށް ރަށުކައުންސިލުން އެމައްސަކަތް ހުއްޓުވި މައްސަލާގައި ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީ ކުރިން ވިދާޅުވެފައިވަނީ، އެމަސައްކަތް ކައުންސިލުން ހުއްޓުވީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ. އަދި މަސައްކަތް ނުނިމި ލަސްވުމުގެ ޒިންމާ ކައުންސިލުން އުފުލަން ޖެހޭނެކަމަށް ސްޓޭޓް ސެކްރެޓަރީ ވިދާޅުވި އެވެ.
ދެމަސްދުވަހުގެ މެދުކެނޑުމަކަށްފަހު މަސައްކަތް އަލުން ފަށާފައިވާއިރު މަގުގެ ޑިޒައިންނަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަން ފާހަގަކުރެވެ އެވެ. އަދި، ރަށު ކައުންސިލުން ޑިޒައިންނަށް ބަދަލުތަކެއް ގެންނަން ބޭނުންވާ ކަމަށް ބުނެ މަސައްކަތް ހުއްޓާލާފައި އޮތްއިރު ދުވާލެއްގެ މައްޗަށް 2000 ރުފިޔާގެ މަގުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ގެއްލުން ވަމުންދިޔަ ކަމަށް އެކޯޕަރޭޝުން ބުނެއެވެ.