twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީގައި އިމާރާތް ކުރަމުން އަންނަ ހައުސިން ޔުނިޓު ތަކުގެ އަގުތަކާމެދު ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުން: ޖަމްޝީދު

Sep 7, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީގައި އެޗްޑީސީ އާއި ނޫމަޑި އިންވެސްޓްމަންޓުން އިމާރާތް ކުރަމުންދާ ގެތަކުގެ އަގު ބޮޑުކަމަށް ބުނެ ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ޝަކުވާ ހުށަހަޅަމުންދާތީ އެކަމާމެދު ކައުންސިލުގައި މަޝްވަރާ ކުރެވެމުން އަންނަ ކަމަށް ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޖަމްޝީދު މުހައްމަދު ވިދާޅުވީ، މިހާރު އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ގެތަކުގެ އަގުތަށް ކަނޑައެޅީ، އެކައުންސިލުން ނޫންކަމަށާއި އަގުތަށް ކަނޑައަޅާފައިވަނީ ހައުސިން މިނިސްޓްރީން ކަމަށެވެ. އެހެންނަމަވެސް ގިނަ ރައްޔިތުންތަކެއް ޝަކުވާ ހުށަހަޅަމުން އަންނާތީ މިހާރު ރޯހައުސްތަކަށް ކަނޑައަޅާފައިވާ އަގުތަކާމެދު ރަށު ކައުންސިލުގައި މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.

ކުޅުދުއްފުށީގައި އަޅާ ގެތަކަށް ޑައުން ޕޭމަންޓްގެ ގޮތުގައި 30000 ރުފިޔާ ދައްކަން ޖެހެއެވެ. އަދި 20 އަހަރު ވަންދެން ކޮންމެ މަހަކު 4500 ރުފިޔާ ދައްކަން ޖެހޭކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވެފައި ވެއެވެ.

ކުޅުދުއްފުށީގައި އެޗްޑީސީ އާއި ނޫމަޑި އިންވެސްޓްމަންޓުން އިމާރާތްކުރަމުންދާ ރޯހައުސްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޖަމްޝީދު މުހައްމަދު ވިދާޅުވީ ނޫމަޑި ކުންފުންޏާއި އެޗްޑީސީން ކުޅުދުއްފުށީގައި އިމާރާތްކުރަމުން ގެންދާ ރޯހައުސްތައް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ފޯމް މިމަހުގެ ނިޔަލަށް ރަށު ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެ ކަމަށެވެ.

ކުޅުދުއްފުށީ އޮންލައިން އަށް މިއަހަރުގެ ޖޫން މަހު ޖަމްޝީދު ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެފައި ވަނީ ކުޅުދުއްފުށީގައި މިދިޔަ އަހަރު ގޯތި ދޫކުރުމަށް ކުރި އިއުލާނާ ގުޅިގެން އެއް ހާހަށްވުރެ ގިނަ ފަރާތުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި ގޯއްޗަށް އެދިފައިވާ ފަރާތްތަކަށްވެސް މިހާރު އިމާރާތް ކުރެވެމުން އަންނަ ރޯހައުސްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮތްކަމަށް ވަނީ ވިދާޅުވެ ފައެވެ.

ކުޅުދުއްފުށީގައި މިހާރު އިމާރާތް ކުރަމުންދާ ރޯ ހައުސްތަށް ކުޅުދުއްފުށީގެ ރައްޔިތުންނަށް ހާއްސަކޮށްފައި ވާއިރު ނޫމަޑި އިންވެސްޓްމަންޓް ގެ ފަރާތުން އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގެ ތެރެއިން 40 ހައުސިން ޔުނިޓެއް ފިޔަވައި ބާކީ ހުރި 85 ހައުސިން ޔުނިޓު ދޫކުރުމަށް ނިންމާފައިވަނީ ކުޅުދުއްފުށި ފިޔަވައި އެހެނިހެން ރަށް ރަށުގެ ރައްޔިތުންނަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355