އިބްރާހިމް ހަމީދު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިވަގުތު ބައެއް ޑޮކްޓަރުން މަދުވެފައި ވީނަމަވެސް އެކިއެކި ބަލިތަކަށް ހާއްސަ އިތުރު ޑޮކްޓަރުން މިމަހުގެ ތެރޭގައި އަންނާނެ ކަމަށް ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ޝީޒާ އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޝީޒާ އިބްރާހީމް ވިދާޅުވީ މިވަގުތު ހޮސްޕިޓަލުގައި މަދުވެފައިވާ އެތެރެހަށީގެ ބަލިތަކާއި، ދަތުގެ ބަލިތަކުގެ އިތުރުން ކަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ގެނައުމަށްޓަކައި ބޭނުންވާ ލިޔެކިޔުންތައް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އެޑޮކްޓަރުންނާއެކު އީއެންޓީ ސްޕެޝަލިސްޓެއް ވެސް ގެނައުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް ޝީޒާ ވިދާޅުވި އެވެ.
“މިމަހު 15 ގެ ކުރިން އެޑޮކްޓަރުންގެ ހިދުމަތް ލިބޭނެކަމަށް އުއްމީދު ކުރަން.” ޝީޒާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިވަގުތު 7 ސްޕެޝަލިސްޓުންގެ އިތުރުން 4 މެޑިކަލް އޮފިސަރުން މަސައްކަތް ކުރައްވައެވެ.
ކުޅުދުއްފުށި އޮންލައިން އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ ޝީޒާ އިބްރާހީމް ވިދާޅުވީ، ބޭރު ޑޮކްޓަރުން ރާއްޖެ ގެނައުމަށް މިހާރު އަމަލު ކުރެވެމުން ދާ ޕްރޮސީޖަރގެ ސަބަބުން ޑޮކްޓަރުން ގެނައުމުގައި ދިގު މުއްދަތެއް ނަގާ ކަމަށާއި މިހާރު އޮންނަ ގޮތުން ގިނަ މަރުހަލާ ތަކެއް ހުރަސްކުރުމަށްފަހު ނޫނީ ޑޮކްޓަރުން ނުގެނެވޭ ކަމަށެވެ.
“މިހާރު ޕްރޮސިޖާރ އޮންނަގޮތުން ފުރަތަމަ ހުށަހަޅަން ޖެހެނީ މެޑިކަލް ކައުންސިލަށް. މެޑިކައުންސިލުން ޑޮކްޓަރުން އެޕްރޫވް ވެއްޖެނަމަ ދެން އެޕްރޫވަލް ލިޔުމާއިއެކު ވިސާ ހޯދުމަށް އިމިގްރޭޝަނަށް ފުރަތަމަ އެޕްލައި ކުރެވެނީ ވެސް” ޝީޒާ ވިދާޅުވި އެވެ.
ޝީޒާ ވިދާޅުވީ، މެޑިކަލް ކައުންސިލުގެ ހުއްދަ ހޯދުމަށް ވެސް ތިން ހަފުތާ ނަގާ ކަމަށާއި އަދި ވިސާގެ ކަންތައްތައް ނިންމުމަށް ވެސް ދިހަ ވަރަކަށް ދުވަސް ނަގާ ކަމަށެވެ. އެހެންކަމުން ޑޮކްޓަރު ހޮސްޕިޓަލާ ހަމައަށް އައުމަށް މުއްދަތެއް ނަގާނެ ކަމަށް ޝީޒާ ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި އަންނަ ހޮނިހިރު ދުވަހު ހޮސްޕިޓަލުގެ ހިދުމަތްތަކާމެދު ޝުއޫރު ފާޅުކުރުމަށް ބާއްވާ މުޒާހަރާ އާއި މެދު ދެކެނީ ކިހިނެތްތޯ އެއްސެވުމުން ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ ޝީޒާ ވިދާޅުވީ، އާންމު ރައްޔިތެއްގެ ހައިސިއްޔަތުން ބަލާއިރު ޝުއޫރު ފާޅުކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.
” ޝުއޫރުފާޅުކުރުމުގެ މިނިވަންކަން އެބޭފުޅުންނަށް އޮންނާނެ” ޝީޒާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ދެވޭ ހިދުމަތްތަކާ ބެހޭގޮތުން އަދި ޑޮކްޓަރުން ލިބުމުގައި މިހާރު ދިމާވެފައިވާ ދަތިތަކުގެ ސަބަބު ބައްލަވަން ބޭނުންވެލައްވާ ކޮންމެ ބޭފުޅަކަށް ވެސް އެމައުލޫމާތު ހޮސްޕިޓަލުން އޮޅުން ފިލުވައި ދޭނެކަމަށް ޝީޒާ ވިދާޅުވި އެވެ. އަދި މިހާރުވެސް ހޮސްޕިޓަލަށް ވަޑައިގެން ބޭފުޅުންނަށް އެމައުލޫމާތު ސާފުކޮށްދީފައިވާނެ ކަމަށް ވިދާޅުވި އެވެ.
ހޮސްޕިޓަލުން ދެވޭ ހިދުމަތްތަކާއި ދެވޭ ހިދުމަތްތަކުން ނަގާ އަގުތަކާބެހޭ ގޮތުން ސުވާލުކުރުމުން ޝީޒާ ވިދާޅުވީ، މީގެ ކުރިންވެސް ބައެއް ހިދުމަތްތަކަށް އަގު ނަގަމުން ދިޔަ ކަމަށެވެ. އެގޮތުން އެކްސްރޭގެ ހިދުމަތަށާއި ލެބޯޓަރީގެ ހިދުމަތަށް ކުރިންވެސް އަގު ނަގަމުން އައި ކަމަށް ވިދާޅުވި އެވެ. އަދި މިހާރު އަލަށް ފީ ނަގަމުން އަންނަ ހިދުމަތްތަކަށް އަގު ނަގާފައިވަނީ ހެލްތް މިނިސްޓްރީން ހުއްދަ ދެއްވާފައިވާ އަގުތަކަށް ކަމަށް ޝީޒާ ވިދާޅުވި އެވެ.
“އެއީ ހޮސްޕިޓަލަކުން ދާ ހަރަދަށް ބަލާފައި ފައިދާގެ ގޮތުގައި ނަގަމުންދާ އަގުތަކެއްނޫން. ލެބޯޓްރީންވެސް ހަފްތާއަކު 2 ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުވޭ.” ޝީޒާ ވިދާޅުވި އެވެ.
މިހާރު ސަރުކާރުގެ އަމާޒު ކަމުގައިވާ ދިވެހި ހުރިހާ ރައްޔިތުން މެޑިކަލް އިންޝުއަރެންސް އެއްގައި ބައިވެރިވުމުން އެކަމަށް ހައްލެއް އަންނާނެކަމަށް ޝީޒާ ވިދާޅުވި އެވެ.