ރައްޔިތުންނަށް ދެވޭ އަސާސީ ހިދުމަތެއް މެދުކެނޑޭގޮތަށް ނުވަތަ އެފަދަ ހިދުމަތަކަށް ބުރޫ އަރާގޮތަށް އެއްވެ އުޅުމުގެ މިނިވަންކަން ބޭނުން ނުކުރުމަށް ކުޅުދުއްފުށީ ކައުންސިލުން އިލްތިމާސް ކޮށްފި އެވެ.
ކުޅުދުއްފުށީ ކައުންސިލުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުން ހިފުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި އެއީ އެކައުންސިލުންވެސް ނުހަނު ތާއީދު ކުރާ ކަމެއް ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު ކުޅުދުއްފުށީގައި މުޒާހަރާ އެއް ބޭއްވުމަށް ބައެއް ފަރާތްތަކުން ނިންމާފައިވާ ދަނޑިވަޅެއްގައި މިއަދު ކުޅުދުއްފުށީ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހިދުމަތްތައް މެދުނުކެނޑި ލިބިދިނުމަކީ ލާމޒަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އަދި އެހިދުމަތްތައް މެދުކެނޑޭނެހެން ނުވަތަ އެހިދުމަތެއް ދޭން ތިބި މުވައްޒަފުންގެ ވާޖިބުތަކަށް ހުރަސް އެޅޭ ފަދަ ގޮަތަކަށް އަމަލު ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް އެބަޔާނުގައި ވެއެވެ.
ސިއްހީ ދާއިރާގައި ހުރި މައްސަލަތަކާމެދު އިހުތިޖާޖު ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ހޮނިހިރު ދުވަހު މުޒާހަރާއެއް ބާއްވާނެކަމަށް އަޑު ފެތުރިފައި ވަނިކޮށް އެކަމާ ގުޅޭގޮތުން ކައުންސިލުން ނެރެފައިވާ ނޫސްބަޔާނުގައި، އަސާސީ ހިދުމަތެއް ހުއްޓުމަކަށް އަންނާނެ ގޮތަކަށް ނުވަތަ އެފަދަ ހިދުމަތަކަށް ބުރޫ އަރާފަދަ ގޮތަކަށް ހިންގޭ ކޮންމެ ހަރަކާތަކީ ރައްޔިތުންނާއި ދެކޮޅަށް ހިންގޭ ލާއިންސާނީ އަމަލެއްގެ ގޮތުގައި ސިފަކޮށްފައި ވެއެވެ.
“މުޒާހަރާކުރުމާއި އިހްތިޖާޖު ކުރުމުގެ ނަމުގައި އެކިއެކި ހިދުމަތްތައް ދެމުންގެންދާ މުއައްސަސާތަކުން ހިދުމަތް ލިބިގަތުމަށް ދަތިވާ ގޮތަށް ހިންގޭ ޑިމޮކްރަޓިކް ވެއްޓަށް ނުފެތޭ އަމަލުތަކުގައި އެއްވެސް ރައްޔިތަކު ބައިވެރި ނުވުމަށް އިލްތިމާސްކުރަމެވެ.” ކައުންސިލުގެ ނޫސް ބަޔާން ނިންމާލަމުން ބުނެފައި ވެއެވެ.
ކުޅުދުއްފުށީގައި ދެވޭ ސިއްހީ ހިދުމަތްތަކާއި ބޯހިޔާވަހިކަމާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ ކަންބޮޑުވުން ފާޅުކުރުމަށް ދާދި ފަހުން ކުޅުދުއްފުށީގެ އަވަށްތަކުގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނާއި ރަށުގެ ކަމުވޮށިގެންވާ މީހުން އިސްނަގައިގެން ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އަދި އަންނަ ހޮނިހިރު ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގައި މުޒާހަރާއެއް ބޭއްވުމަށް ތައްޔާރު ވަމުންދާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.