twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅުދުއްފުށީގައި ބާއްވާ މުޒާހަރާ: ސިއްހީ ހިދުމަތްތައް ރަނގަޅު ކޮށްދެއްވަންދެން ރޯނަން – މުޒާހަރާ ރާވާ ކޮމިޓީ

Sep 9, 2011

އިބްރާހިމް ހަމީދު

ރައީސް ނަޝީދުގެ ސަރުކާރުން ސިއްހީ ހިދުމަތްތައް ރަނގަޅު ކޮށްދެއްވަންދެން “ރޯނެ ކަމަށް” ހޮނިހިރު ދުވަހު ކުޅުދުއްފުށީގައި ބާއްވާ މުޒާހަރާ އިންތިޒާމުކުރުމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ބުނެފި އެވެ.

މުޒާހަރާ ރާވާ ކޮމިޓީގެ އޮފިޝަލް އަބްދުއްސައްތާރު ހަސަން ވިދާޅުވީ، ކަންކަން ރަނގަޅުކުރަން ރޯން ޖެހޭނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށާއި ރޮއިގެން ނަމަވެސް ސިއްހީ ހިދުމަތްތައް ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރާނެކަމަށެވެ. އަދި މިސަރުކާރުން ސިއްހީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެންނަންދެން މަސައްކަތް ކުރާނެކަމަށް އަބްދުއްސަތާރު ވިދާޅުވި އެވެ.

އަބްދުއްސައްތާރު ވިދާޅުވީ، ހޮނިހިރު ދުވަހު ކުޅުދުއްފުށީގައި ސިއްހީ ހިދުމަތްތަކުގެ ފެންވަރު ދަށްވާކަމަށް ބުނެ ބާއްވާ މުޒާހަރާއަށް ވަރަށް ފޯރިއާއެކު ތައްޔާރު ވަމުން އަންނަ ކަމަށެވެ. އަދި ކުޅުދުއްފުށީގެ އިތުރުން ހދ އަތޮޅުގެ ރަށްރަށުންނާއި ށ އަތޮޅު އަދި ނ އަތޮޅުގެ ރަށްރަށުން ވެސް މާދަމާގެ މުޒާހަރާގައި ބައިވެރިވުމަށް މީހުން އަންނާނެ ކަމަށެވެ.

މާދަމާގެ މުޒާހަރާ އޮންނާނީ މާދަމާ ހެނދުނު 9 ޖަހާއިރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު ހިމެނޭ ސަރަހައްދުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ސިއްހީ ހިދުމަތްތަކާއި ހައުސިންގެ މައްސަލަތަކާބެހޭ ގޮތުން ކުރިން ވާހަކަ ދެއްކިނަމަވެސް މާދަމާގެ މުޒާހަރާ އަމާޒު ކޮށްފައިވަނީ ސިއްހީ ހިދުމަތްތައް ރަނގަޅު ކުރުމަށްކަމަށް މައުލޫމާތު ލިބެއެވެ.

މާދަމާގެ މުޒާހަރާއާ ގުޅިގެން ކުޅުދުއްފުށީ ކައުންސިލުން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ. އެނޫސްބަޔާނުގައި ބުނެފައިވަނީ ރައްޔިތުންނަށް ދެވޭ އަސާސީ ހިދުމަތެއް ހުއްޓޭ ގޮތަށް ނުވަތަ އެފަދަ ހިދުމަތެއް ފޯރުކޮށްދިނުމަށް ދަތިވާ ގޮތަށް ހިންގޭ ކޮންމެ އަމަލަކީ ރައްޔިތުންނާމެދު ކުރެވޭ ލާއިންސާނީ އަމަލެއް ކަމަށެވެ. އަދި އެފަދަ ހަރަކާތްތަކުގައި ބައިވެރިނުވުމަށް ރައްޔިތުންނަށް ގޮވާލާފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355