ހިރިޔާ ސްކޫލުގެ ގްރޭޑް 9 ގެ ކުދިން ފިޝަރީޒް ސައިންސް ފީލްޑް ޓްރިޕް ހެދުމަށް ކ. ހުރާ އަށް ގޮސް އުޅެނިކޮށް އެސްކޫލުގެ 4 ދަރިވަރަކާއި ޕްރިންސިޕަލް ގެނބިގެން މަރުވެއްޖެ އެވެ.
މިއަދު ހެނދުނު ކ އަތޮޅު ހުރާގައި ހިނގި މިހާދިސާގައި 4 ދަރިވަރަކާއި ޕްރިންސްޕަލް ނިޔާވެފައި ވަނީ އެކުދިން ކ ހުރާގެ އުތުރު ފަރާތު މޫދުގައި އުޅެނިކޮށެވެ. ޖުމްލަ 32 ކުދިން ދިޔަ މިދަތުރުގައި އެކުދިން މޫދުގެ ތިލަ ސަރަހައްދެއްގައި ތިބެފައި ފުން ތަނަކަށް ގޮސްފައިވަނީ އޭގެ ތެރެއިން 7 ވަރަކަށް ކުދިން ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭގެ ތެރެއިން ބައެއް ކުދިން ގެނބެން ފެށުމުން ހަޅޭލަވަން ފެށިކަމާއި އެއަޑު އިވިގެން ގޮނޑުދޮށުގައި ހުރި އެސްކޫލުގެ ޕްރިންސިޕަލް އަލީ ނާޒިމް އެކުދިން ސަލާމަތްކުރަން މަސައްކަތްކުރި ވަގުތު ޕްރިންސިޕަލް ގައިގައި ހިފެހެއްޓުމުން ޕްރިންސިޕަލް އަޑިއަށް ދިޔަ ކަމަށްވެއެވެ. އަދި އެންމެ ފަހުން މޫދުން ނެގީވެސް ޕްރިންސިޕަލް ކަމަށް މަންޒަރު ދުއްފަރާތަކާއި ހަވާލާދީ މީޑިޔާތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.
މިހާދިސާ އާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރ އޮސްޓްރޭލިޔާ އަށް މިވަގުތު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު މާދަމާގެ ވަގުތެއްގައި މާލެ ވަޑައިގަންނަވާނެ އެވެ. އަދި މިހިތާމަވެރި ހާދިސާ އާއި ގުޅިގެން 3 ދުވަހަށް ގައުމީ ދިދަ ބައިދަނޑި އަށް ތިރިކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ރައީސުލްޖުމުހޫރިއްޔާ ރާއްޖޭއިން ބޭރުގައި ހުންނަވާ މިހާދިސާގައި ނިޔާވި ކުދިންނާއި ޕްރިންސިޕަލްގެ އާއިލާއަށް ފޯނުން ގުޅުއްވާ ތައުޒިޔާ ވިދާޅުވެފައި ވެއެވެ.