އިބްރާހިމް ހަމީދު
މަތި އުތުރު ސަރަހައްދުގެ ބިޒްނަސް ޑިވެލޮޕްމަންޓް ސާރވިސް ސެންޓަރާއި އިންޓު ސްކޫބާ ޑައިވިން އާއި ގުޅިގެން ޕަޑި އޯޕަން ވޯޓަރ ޑައިވިން ކޯހެއް ކުޅުދުއްފުށީގައި ފަށައިފި އެވެ.
އިންޓު ސްކޫބާ ޑައިވިން ސެންޓަރުގެ އިންސްޓްރަކްޓަރ އާސިމް ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެމުން ވިދާޅުވީ، މިކޯހަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ މަތިއުތުރު ސަރަހައްދުގެ ވިޔަފާރި ކުރިއަރުވާ މަރުކަޒުން އިންތިޒާމު ކޮށްގެން އިންޓު ސްކޫބާ ޑައިވިން އިން ހިންގާ ކޯހެއް ކަމަށެވެ. އަދި މިކޯހުގައި ފުރަތަމަ ދަސްކޮށްދެވޭނީ އޯޕަން ވޯޓަރ ލެވެލްގެ އެއްޗެހި ކަމަށް ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި މިރޭ ފެށި އޯޕަން ވޯޓަރ ޑައިވިން ކޯހަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި އެގޮތުން ކޯހުގައި ފުރުޞަތު އޮތް 40 ޖާގަވެސް ފުލްވެ އިތުރަށްވެސް ބައިވެރިވާން ބޭނުންވާ ކުދިން ތިބި ކަމަށް އާސިމް ވިދާޅުވި އެވެ.
މަތިއުތުރު ސަރަހައްދުގެ ވިޔަފާރި ކުރިއެރުވުމަށް އެހީވެދޭ މަރުކަޒުގެ ކޮންސަލްޓަންޓް ޞޯލިހު ހުސެއިން ވިދާޅުވީ، މި ކޯހަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ އެހީތެރިކަން ލިބިގެން ހިންގާ ކޯހެއްކަމަށެވެ.
ސޯލިހު އިތުރަށް މައުލޫމާތު ދޭ ގޮތުގައި މިކޯސް ބޮޑަށް އަމާޒުކޮށްފައިވަނީ މަސްވެރިކަމުގެ ސިނާއަތުގައި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ފަރާތްތަކަށާއި މޫދު އަޑިއަށް ފީނުމާއި ގުޅުން ހުރި މަސައްކަތްތައް ކުރާ ފަރާތްތަކުގެ އިތުރުން އެކުއަރކަލްޗަރ ފަދަ ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށެވެ.
މިކޯހަކީ ފީ ނަގައިގެން ކުރިއަށް ގެންދާ ކޯހެކެވެ. މިކޯހުގެ ޖުމްލަ ފީ އަކީ 4650 ރުފިޔާ އެސެންޓަރުން މައުލޫމާތު ދެއެވެ. ކޯހުގައި ބައިވެރިވާ ފަރާތުން ޖުމްލަ ފީގެ 20 ޕަސެންޓް ދައްކަންޖެހޭއިރު ބާކީ 80 ޕަސެންޓް ދައްކާނީ އުތުރުގެ ބިޒްނަސް ޑިވެލޮޕްމަންޓް ސާރވިސް ސެންޓަރުން ކަމަށް އެސެންޓަރުން މައުލޫމާތު ދެއެވެ.
ޞޯލިހު އިތުރަށް ވިދާޅުވި ގޮތުގައި، އުތުރުގެ ސަރަހައްދުގައި އޯޕަން ޑައިވިން ޓްރެއިނިން ސެންޓަރެއް ހުޅުވުމަށް ޓްރެއިނަރުންގެ އެހީގައި އެސެންޓަރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރު ކަމަށެވެ.
މިކޯސް ކުރިއަށް ދާނީ 1 މަސް ދުވަހުގެ މުއްދަތަށް ކަމަށް އެސެންޓަރުން މައުލޫމާތު ދެއެވެ. މީގެ ކުރިން އިންޓު ސްކޫބާ ޑައިވިންގެ ފަރާތުން އައްޑޫ ސިޓީގައި މިފަދަ ކޯހެއް ވަނީ ހިންގާފައެވެ.