twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ހިދުމަތްތަކުގެ ފެންވަރު ދަށްކަމަށް ބުނެ ފެށި މުޒާހަރާ ނިންމާލައިފި

Sep 10, 2011

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތްތަކުގެ ފެންވަރު ދަށްކަމަށް ބުނެ މިއަދު ހެނދުނު 9 ޖަހާއިރު ފެށި މުޒާހަރާ 11:30 ގައި ނިންމާލައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ކައިރީގައި މިއަދު މުޒާހަރާ ފެށީ ގާތްގަނޑަކަށް 100 މީހުންނާއެކު އެވެ. މުޒާހަރާ ކުރަމުންދިޔަ އިރު ވާރޭ ވެހުމުގެ ސަބަބުން މުޒާހަރާއަށް ހުރަސް އެޅިފައިވާއިރު 11:30 ގައި މުޒާހަރާ ނިންމާލިއިރު ގާތްގަނޑަކަށް 400 އެއްހާ މީހުން މުޒާހަރާގައި ބައިވެރިވިކަމަށް ކުޅުދުއްފުށީ އޮންލައިންގެ ރިޕޯޓަރ މައުލޫމާތު ދެއެވެ.

މުޒާހަރާ ކުރަމުންދިޔަ މީހުން މައިގަނޑު ގޮތެއްގައި ގޮވާފައިވަނީ ހޮސްޕިޓަލުގެ ހިދުމަތްތައް ރަނގަޅު ކުރުމަށާއި އަޕަރ ނޯތް ހެލްތް ސާރިވިސް ކޯޕަރޭޝަނުގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ އިސްތިއުފާ އަށެވެ. ބައެއްފަހަރުތަކުގައި ރައީސް ނަޝީދުގެ އިސްތިއުފާ އަށް ވެސް ގޮވާފައި ވެއެވެ.

މުޒާހަރާ ކުރާ މީހުން ހޮސްޕިޓަލުގެ ހުޅަނގު ފަރާތުގައި ހަދާފައިހުރި ދަތުރުހިޔާ ކައިރގައި މުޒާހަރާ ފެށިއިރު ތިބިނަމަވެސް މަޑުމަޑުން ކުރިއަށް ޖެހެމުންއައިސް ހޮސްޕިޓަލުގެ ގޭޓް ކުރިމައްޗަށް އެއްވިއެވެ. އެހިސާބުން ކުޑަ ހަމަނުޖެހުމެއް ހިނގައި ފުލުހުން ވަނީ އެމީހުން ފަހަތަށް ޖައްސާފައި އެވެ. ފުލުހުންގެ ސަފުތައް ކުރިއަށް ޖެހި މުޒާހަރާކުރާ މީހުން ފަހަތަށް ޖެއްސުމުން ދެން އެމީހުން އެއްވީ ހޮސްޕިޓަލުގެ ހުޅަނގު ފަރާތު މަގަށެވެ. ހޮސްޕިޓަލުގެ ގޯތި ތެރޭގައި ހަދާފައިވާ ކޯޕަރޭޝަނުގެ އޮފީސްވެސް ހުންނަނީ އެމަގުގައި އެވެ.

އެސަރަހައްދުގައި ތިބެ މުޒާހަރާ ކުރާ މީހުން އެދެމުން ދިޔައީ އަޕަރ ނޯތް ހެލްތް ސާރވިސަސް ކޯޕަރޭޝަނާ ބައްދަލު ކުރުމަށެވެ. އޭގެ ކުރިން އެ ކޯޕަރޭޝަނުގެ ވެރިންނާއި ފުލުހުން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

މުޒާހަރާ ނިންމާލިއިރުވެސް ކޯޕަރޭޝަނުގެ ވެރިންނާ މުޒާހަރާގެ ބައިވެރިންނާ ބައްދަލުކޮށްފައެއް ނުވެއެވެ. އެކަމާ ބެހޭގޮތުން އެކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ ކުޅުދުއްފުށި އޮންލައިން އަށް މައުލޫމާތު ދެމުން ވިދާޅުވީ، ކޯޕަރޭޝަނުގެ ވިސްނުމަކީ ކޯޕަރޭޝަނުގެ ބޯޑާ ބައްދަލުކުރާނަމަ އެބޯޑުގެ ގިނަ މެމްބަރުންނާއެކު ބައްދަލުކުރުމެވެ. އެކޯޕަރޭޝަނުގެ ބޯޑުގައި ޖުމްލަ 7 ޑިރެކްޓަރުން ތިއްބަވާއިރު އޭގެ ތެރެއިން 3 ޑިރެކްޓަރުން މަސައްކަތް ކުރައްވަނީ ކުޅުދުއްފުށީގައި ނޫންކަމަށް ވިދާޅުވި އެވެ.

” ބޯޑުގެ ޑިރެކްޓަރުންގެ ތެރެއިން 2 ބޭފުޅަކު މިހާރުވެސް ތިބީ ހޮސްޕިޓަލުގެ މަސައްކަތުގައި. އެކަކު (ޑޮކްޓަރެއް އަދި ބޯޑުގެ މެމްބަރެއް) ހުރީ އޮޕަރޭޝަން ތިއޭޓަރ ގައި. އަނެއް މެމްބަރުވެސް މިވަގުތު ހުރީ ބަލި މީހުންގެ ހިދުމަތުގައި. ދެން ރަށުން ބޭރު 3 ޑިރެކްޓަރުންގެ ތެރެއިން 2 މެމްބަރުންނަކީ ށ. މިލަންދޫގެ ދެ ބޭފުޅުން. އަނެއް ބޭފުޅަކީ ހޯރަފުށީގައި މަސައްކަތް ކުރައްވާ ބޭފުޅެއް.” އެމްޑީ ވިދާޅުވި އެވެ.

ހެލްތް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ އިތުރަށް ވިދާޅުވީ، އެކޯޕަރޭޝަނުން މަޝްވަރާގެ ދޮރު ބަންދު ނުކުރާ ކަމަށާއި މަޝްވަރާކޮށްގެން ކަންތައްތައް ހައްލު ކުރުމަށް އަބަދުވެސް ތާއީދު ކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެކަން އޮންނަންޖެހޭނީ މުޒާހަރާގެ ތެރެއިން ބަޔަކު އައިސް ބައްދަލުކުރާ ގޮތަށް ނޫން ކަމަށާއި މުޒާހަރާގެ ކުރިންވެސް އަދި ފަހުން ވެސް ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުޞަތު ހުޅުވިފައިވާ ކަމަށެވެ.

ހޮސްޕިޓަލުގެ ހިދުމަތްތަކާބެހޭ ގޮތުން އެމްޑީ ވިދާޅުވީ، ކަންތައްތައް ތަރައްޤީ ކޮށް އިސްލާހު ކުރުމަކީ އަބަދުވެސް ކުރަންޖެހޭނެ ކަމެއްކަމަށެވެ. އެގޮތުން މަތިއުތުރުގެ ހުރިހާ ހޮސްޕިޓަލެއްގެ ފެންވަރުވެސް ރަނގަޅުކުރުމަކީ އެކޯޕަރޭޝަނުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށެވެ.

މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި މީހަކު ކުޅުދުއްފުށި އޮންލައިން އަށް މައުލޫމާތު ދިން ގޮތުގައި އެމީހުން މިއަދު މުޒާހަރާކުރީ ރީޖަނަލް ހޮސްޕިޓަލުގެ ފެންވަރު ދަށްވުމު ސަބަބުންނެވެ. އަދި، މިއަދު މުޒާހަރާ ނިންމާލި ނަމަވެސް ކުރިއަށް އޮތްތަނުގައިވެސް އިސްލާހީ ފިޔަވަޅުތަކެއް އަޅަމުން ނުގެންދާނަމަ އިތުރު ސިލްސިލާ މުޒާހަރާތަކެއް ފަށާނެ ކަމަށާއި މިއަދުގެ މުޒާހަރާގައި ފުލުހުންގެ ސްޓޭޝަންގެ ވެރިންގެ ފަރާތުން ވަރަށް ރަނގަޅަށް ކަންތައްތައް ކޮށްފައިވާ ކަމަށް އޭނާ ބުނެއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޝިޔާމް ވިދާޅުވީ މިއަދުގެ މުޒާހަރާގައި ފުލުހުން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށެވެ. އަދި ސުލްހަވެރިކަމާއެކު މުޒާހަރާ ނިންމާލާފައިވާއިރު މުޒާހަރާގެ އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ނުވާކަމަށް ޝިޔާމް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355