twitterviber whatsapp telegramfacebookyoutube instagram
25th April 2024

މަތިއުތުރު ސަރަހައްދުގައި ޓެލެމެޑިސިންގެ ހިދުމަތް ތައާރަފް ކުރުމުގެ ގޮތުން މަތިއުތުރުގެ ހެލްތް ކޯޕަރޭޝަނާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

Sep 13, 2011

މުހައްމަދު އިސްމާއިލް

މަތިއުތުރު ސަރަހައްދުގައި ޓެލެމެޑިސިންގެ ހިދުމަތް ތައާރަފް ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ އިން އަޕަރ ނޯތް ހެލްތް ސަރވިސަސް ކޯޕަރޭޝަނާއެކު އެމްއޯޔޫ އެއްގައި ސޮއި ކޮށްފިއެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ސޮއިކުރި މިއެމްއޯޔޫގެ ދަށުން މަތިއުތުރު ސަރަހައްދުގެ 9 ރަށެއްގައި ޓެލެމެޑިސިން ކިއޮސްކް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އެރަށްތަކަކީ ހދ. ކުޅުދުއްފުށީގެ އިތުރުން ހއ. ބާރަށް، ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހއ. ތަކަންދޫ، ހދ. މަކުނުދޫ، ށ. ކޮމަންޑޫ، ށ. މަރޮށި އަދި ށ. މިލަންދޫގައެވެ.

ޓެލެމެޑިސިންގެ ހިދުމަތް މަތިއުތުރުގެ ސަރަހައްދުގައި ދޭން ފަށުމުން މާލެއިން އުތުރުގެ މެއިން ރެފަރަލް ސެންޓަރަކަށް ވާނީ ހދ. ކުޅުދުއްފުއްޓެވެ. ކުޅުދުއްފުށީގެ އިތުރުން މެއިން ރެފަރެލް ސެންޓަރުތަކަކީ އައިޖީއެމްއެޗް އާއި ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްއެވެ.

މިއެމްއޯޔޫގައި މިނިސްޓްރީ އޮފް ހެލްތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކޮށްފައިވަނީ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް ޑރ. ޔާސިރު އެވެ. ހެލްތު ކޯޕަރޭޝަންގެ (ޔޫއެންއެޗްއެސްސީ) ފަރާތުން ސޮއި ކޮށްފައިވަނީ އެކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ޙަސަނެވެ.

ރާއްޖޭގައި ހިންގޭ ޓެލެމެޑިސިންގެ މި ޕްރޮޖެކްޓަކީ ޔޫ.އޭ.އީގެ ޚަލީފާ ޒައިދް އަލް ނަޙްޔާން ފައުންޑޭޝަންގެ ދަށުން ކުރިއަށް ގެންދާ ޓެލެމެޑިސިންގ ޕައިލެޓް ޕްރޮޖެކްޓެކެވެ. މިޕުރޮޖެކްޓުގެ  ދަށުން ރާއްޖޭގެ 35 ރަށަކަށް ލެބޯޓްރީ ތަކެއްޗާއި ޓެލެމެޑިސިން ކިއޮސްކްތައް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

ހެލްތު ކޯޕަރޭޝަންގެ ފަރާތުން މައުލޫމާތު ދޭގޮތުގައި މި އެމްއޯޔޫގެ ދަށުން ލިބޭ ޓެލެމެޑިސިންގ ކިއޮސްކްތައް އެތަކެތި ފޮނުވަން ޖެހޭ ރަށްތަކަށް މިހާރު ދަނީ ފޮނުވަމުންނެވެ. އަދި އެ މެޝިންތައް އިންސްޓޯލްކުރުމުގެ މަސައްކަތް ހަވާލުވެފައިވާ ދިރާގުން މިހާރު ބައެއް ރަށްރަށުގައި އިންސްޓޯލް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ޓެލެމެޑިސިންގެ ހިދުމަތް ދޭން ފެށުމަށްޓަކައި އެކަމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އަޕަރ ނޯތް ހެލްތް ސާރވިސަސް ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355