މުހައްމަދު އާދަމް
ޖަލާލުއްދީން ސްކޫލްގައި މަތީ ޘާނަވީ ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ އިންޓަރ ކުލާސް ބަހުސް މުބާރާތް ފެށިއްޖެއެވެ.
މިމުބާރާތަކީ ޖަލާލުއްދީން ސްކޫލްގެ ގްރޭޑް 11 އަދި 12 ގެ ދަރިވަރުންގެ މެދުގައި ދިވެހިބަހަށް ލޯބިޖެއްސުމާއި ދަރިވަރުންގެ ބަސްމޮށުންތެރިކަމުގެ ފެންވަރު ރަނގަޅުކުރުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެއްކަމަށް މުބާރާރުގެ ކޯޑިނޭޓަރ ޝަރީފާ އަލީ މަޢުލޫމާތު ދެއްވިއެވެ. މިމުބާރާތުގައި ގްރޭޑް 11 ގެ ތިންކުލާހާއި 12 ގެ ތިންކުލާސް ބައިވެރިވެފައިވެއެވެ.
މިމުބާރާތަކީ ބައިވެރިވާ ހަޓީމް ދެގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕެއްގެވެސް އެންމެމޮޅުދެޓީމް ސެމީފައިނަލްގައި ބައްދަލުކޮށް، ފައިނަލަށްދާ ދެޓީމް ފައިނަލްގައި ބައްދަލުކުރާގޮތަށް ރޭވިގެންދާ މުބާރާތެކެވެ. މިމުބާރާތް ކުރިއަށްދަނީ މިއަދާއި ކުރިއަށް މިއޮތް ހުކުރު ހޮނިހިރުގައި މުބާރާތުގެ ގްރޫޕް ސްޓޭޖްކުޅޭގޮތަށެވެ. އަދި އަންނަ ހަފްތާ ބަންދުގައި ސެމީގައިނަލާއި ފައިނަލް ބަހުސް ކުރެވޭނޭކަމަށް އުއްމީދުކުރައްވާކަމުގައި ޝަރީފާ އަލީ ވިދާޅުވިއެވެ.
“މިމުބާރާތަކީ ވާހަކަދެއްކުމަށް ކުދިން ލޯބިއުފެއްދުމާއި، ބަހުސް ކުރުމުގެ ތެރެއިން މަޒުމޫނު ލިޔުމަށާއި އެހެނިހެން ކަންތައްތަކަށް ބޭނުންވާނެ އެކިދާއިރާތަކުން ކުދިންނަށް މަޢުލޫމާތު ހޯދަން ދަސްކޮށްދިނުމާއި މަޢުލޫމާތު މުއްސަދިކުރުމަށް ބޭއްވޭ މުބާރާތެއް” ޖަލާލުއްދީން ސްކޫލްގެ މަތީ ޘާނަވީ ދިވެހި މުދައްރިސް ޝަރީފާ އަލީ ވިދާޅުވިއެވެ.
މިމުބާރާތައް ކުދިން ތައްޔާރުވާން ފެށިހިސާބުންފެށިގެން ދަރިވަރުން އެއްކުއްޖަކު އަނެއްކުއްޖަކާއި ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރަމުންދާކަން ސްކޫލުން ވަރަށް އުފަލާއެކު ފާހަގަ ކުރެއެވެ. މިފަދަ ބަހުސް މުބާރާތެއް އެންމެފަހުން ޖަލާލުއްދީން ސްކޫލްގައި ބޭއްވިފައިވަނީ 2009 ވަނަ އަހަރުއެވެ.