twitterviber whatsapp telegramfacebookyoutube instagram
27th April 2024

އީޑީސީ އިން އިންތިޒާމުކޮށްގެން ޓީޗަރުން ތަމްރީނުކުރުމުގެ ޕުރޮގްރާމެއް ކުޅުދުއްފުށީގައި ބާއްވައިފި

Sep 16, 2011

އިބްރާހިމް ހަމީދު

އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުން އިންތިޒާމުކޮށްގެން ކުޅުދުއްފުށީގައި ހުރި ސްކޫލުތަކުގެ ބައެއް ޓީޗަރުންނަށް ތަމްރީނު ޕުރޮގްރާމެއް ހިންގައިފި އެވެ.

އަފީފުއްދީން ސްކޫލުގައި އޮތް މި ތަމްރީނު ޕުރޮގްރާމުގެ މައުލޫމާތު ދެއްވަމުން އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވީ މިއީ ނޭޝަނަލް ކަރިކިއުލަމް ފްރޭމްވޯރކް އަންނަ އަހަރު އިމްޕްލިމެންޓް ކުރުމަށް ހަމަޖެހިފައިވާތީ އެކަމަށް ޓީޗަރުން ތަމްރީނު ކުރުމަށް ހިންގި ޕުރޮގްރާމެއް ކަމަށެވެ. އަންނަ އަހަރު އާ މުގައްރަރަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ސްކޫލުތަކުގެ ތެރޭގައި ކުޅުދުއްފުށީ އަފީފުއްދީން ސްކޫލު ހިމެނެއެވެ.

އީޑީސީގެ ފަންނީ ބޭފުޅުން ކިޔަވައިދޭ މި ތަމްރީނު ޕުރޮގްރާމުގައި ބައިވެރިވަނީ އަފީފުއްދީން ސްކޫލުގެ ގްރޭޑް 1، 2 އަދި 3 ށް ކިޔަވައިދޭ ޓީޗަރުންގެ އިތުރުން ކުޅުދުއްފުށީގެ ޕްރީ ސްކޫލެއްކަމުގައިވާ އަމީރު އަމީން ސްކޫލުގެ ޓީޗަރުންނެވެ.

އަފީފުއްދީން ސްކޫލުން މައުލޫމާތު ދޭގޮތުގައި މިއީ މިގޮތަށް ހިންގޭ ދެވަނަ ތަމްރީނު ޕުރޮގްރާމެވެ. އަދި މިއަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައިވެސް އިތުރު ތަމްރީނު ޕުރޮގްރާމެއް މާލޭގައި ބޭއްވުމަށް ރާވާފައިވާ ކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ.

އަފީފުއްދީން ސްކޫލުގެ ޓީޗަރުންގެ އިތުރުން މި ޓްރެއިނިން ޕުރޮގްރާމުގައި ހދ.އަތޮޅު ތަޢުލީމީ މަރުކަޒާއި އިރުމަތި އަވަށު ޕްރީ ސްކޫލް އަދި ޖަލާލުއްދީން ސްކޫލުގެ ޓީޗަރުންނަށްވެސް ސެޝަންތަކެއް ނަގައިދޭކަމަށް މައުލޫމާތު ލިބެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355