twitterviber whatsapp telegramfacebookyoutube instagram
19th September 2024

ކުޅުދުއްފުށީގައި ހުންނަ އެސްޓީއޯގެ އައިލް ފްރެޝް ސެންޓަރުން ދަނޑުވެރިކަމުގެ ބާވަތްތައް ގަންނަން ފަށައިފި

Sep 17, 2011

އިބްރާހިމް ހަމީދު

ދަނޑުވެރިން އުފައްދާ ތަކެތި ގަނެ މާކެޓް ކުރުމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ޕލކ އެސްޓީއޯ އިން ކުޅުދުއްފުށީގައި ހުޅުވާފައިވާ އައިލް ފުރެޝް ސެންޓަރުން ދަނޑުވެރިން އުފައްދާ ތަކެތި މިއަދުން ފެށިގެން ގަންނަން ފަށައިފިއެވެ.

ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމަތު ދެއްވަމުން އެސެންޓަރު ހިންގުމާއި ހަވާލުވެހުރި އިބްރާހިމް އާސިފް ވިދާޅުވީ ދަނޑުވެރިން އުފައްދާތަކެތި އެސްޓީއޯ އައިލް ފުރެޝް ސެންޓަރުން ކޮންމެ ހޮނިހިރު ދުވަހަކު 8:45 އިން ފެށިގެން 12:00 އާއި ހަމައަށް ގަންނަމުންދާނެ ކަމަށެވެ. އަދި މިހާރު އޮތްގޮތުން ހަމައެކަނި ހޮނިހިރު ދުވަހު ތަކެތި ގަތް ކަމުގައި ވީނަމަވެސް ކުރިއަށް އޮތްތަނުގައި ހަފްތާގެ ކޮންމެ ދުވަހަކުވެސް އެސެންޓަރުން ތަކެތި ގަންނާނެ ކަމަށް އާސިފް ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ ދަނޑުވެރިކަމުގެ ބާވަތްތަކުގެ ތެރެއިން ކުޅުދުއްފުށީގައި ހުންނަ އައިލް ފްރެޝް ސެންޓަރުން ގަންނާނީ އެސްޓީއޯ އިން ކަނޑައަޅާފައިވާ ކޮލިޓީގައި އުފައްދާ ތަކެތި ކަމަށެވެ.

އައިލް ފްރެޝް ސެންޓަރަށް ގަންނަ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބަރަބޯ، މިރުސް، ބަށި، ފަޅޯ، ލެޓިއުސް، ކަރާ، ތޮރާ، ޗިޗަންޑާ އަދި ފާގަ ކިލޯ އެއް ގަންނަ އަގު އުޅޭނީ 3 ރުފިޔާއިން ފެށިގެން 190 ރުފިޔާ އާއި ދޭތެރޭގެ އަގުތަކެއްގައި ކަމަށް އެސެންޓަރުން މައުލޫމާތު ދެއެވެ. އަދި ކުރިއަށް އޮތްތަނުގައި ދަނޑުވެރިންގެ މަޝްވަރާއާއި އެކު އަގުތަކަށް ބަދަލު ގެންނާނެ ކަމަށް އެސެންޓަރުން ބުނެއެވެ.

“މިއީ އަދި ދަނޑުވެރިންގެ އަތުން ގަންނަން ހަމަޖެހިފައިވާ ހަމައަގުތަކެއް ނޫން. މިޕުރޮވިންސްގެ ދަނޑުވެރިންނާއި ވަރަށް އަވަހަށް ބައްދަލުކޮށް މަޝްވަރާކުރުމަށްފަހު އަގުތަކެއް ކަނޑައެޅިގެން ދާނެ.” އާސިފް ވިދާޅުވި އެވެ.

މަތިއުތުރު ސަރަހައްދުގެ ދަނޑުވެރިއެއް ކަމަށްވާ ށ. ފީވަކު އަބްދުއްރާފިއު އިބްރާހީމް މިމަޝްރޫއާއި ބެހޭގޮތުން ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ހިއްސާ ކުރަމުން ބުނެފައިވަނީ އެސްޓީއޯއިން ދަނޑުވެރިކަމުގެ ބާވަތްތައް ގަތުމުގެ މިމަޝްރޫއުގެ ސަބަބުން ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެން ހިނގައްޖެ ކަމަށެވެ. އަދި މީގެ ކުރިން ދަނޑުވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އެމީހުން ހައްދާ ބާވަތްތައް މާކެޓް ނުކުރެވުން ކަމަށާއި އެސްޓީއޯގެ އައިލް ފްރެޝް މަޝްރޫއުގެ ސަބަބުން އެކަމަށް ހައްލެއް ލިބިއްޖެ ކަމަށެވެ.

އެސްޓީއޯއިން ދަނޑުވެރިންގެ އަތުން ދަނޑުވެރިކަމުގެ ބާވަތްތައް ގަނެ “އައިލް ފްރެޝް” ގެ ނަމުގައި މާކެޓް ކުރުމަށް ނިންމިކަން އިއުލާނުކޮށްފައިވަނީ ސަރުކާރުން ހިންގާ ތިން މަޝްރޫއެއް އިފްތިތާހު ކުރުމަށް މިއަހަރުގެ މިއޮގަސްޓްމަހުގެ 31 ވަނަ ދުވަހު ކުޅުދުއްފުށީގައި ބޭއްވި ހާއްސަ ޖަލްސާގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355